ހޭންޑްބޯލް އެސޯސިއޭޝަންގެ ނައިބު ރައީސަކަށް މުޖޭ އިންތިހާބުކޮށްފި
ހޭންޑްބޯލް އެސޯސިއޭޝަންގެ ނައިބު ރައީސަކަށް މުޖޭ އިންތިހާބުކޮށްފި

ހޭންޑްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ނައިބު ރައީސްގެ މަގާމަށް އަހްމަދު މުޖުތަބާ (މުޖޭ) އިންތިހާބުކުރިއިރު، ޖެނެރަލް ސެކްރެޓަރީ އަކަށް މުހައްމަދު ޖައުޝާން ޝަރީފް (ޖައު) ހަމަޖައްސައިފި އެވެ.

ހޭންޑްބޯލް އެސޯސިއޭޝަންގެ ނައިބު ރައީސަކު ހޮވުމަށް ބޭއްވި އިންތިހާބު އޮތީ ރޭ ސޯޝަލް ސެންޓަރުގަ އެވެ. މި އިންތިހާބުގައި ވޯޓުލާފައިވަނީ ޔޫތު ސްޕޯޓްސް ކްލަބުންނެވެ. އެއީ ހޭންޑްބޯލް އެސޯސިއޭޝަންގެ ގަވައިދު ބުނާގޮތުން ވޯޓްލުމުގެ ހައްގު ލިބިގެންވަނީ ފާއިތުވެދިޔަ ތިން އަހަރު ހޭންޑްބޯލް ހަރަކާތްތަކުގައި ބައިވެރިވެފައިވާ ކްލަބުތަކެވެ. މި ޝަރުތު ހަމަވަނީ ޔޫތު ސްޕޯޓްސް ކްލަބް އެކަންޏެވެ.

ނައިބު ރައީސްގެ މަގާމަށް ކުރިމަތިލީ ހަމައެކަނި މުޖޭ ކަމަށް ވުމުން އިންތިހާބުގައި ދިޔައީ ފެންނަ ނުފެންނަ ވޯޓެކެވެ. ޔޫތު ސްޕޯޓްސް ކްލަބުން ވޯޓުލީ މުޖޭ ނައިބު ރައީސަކަށް ހަމަޖައްސަން ފެންނަ ކަަމަށެވެ. ރޭ އިންތިހާބާ ހަމައަށް މުޖޭ އަކީ ހޭންޑްބޯލް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ އެވެ.

ހޭންޑްބޯލް އެސޯސިއޭޝަނަކީ ފަހަކަށް އައިސް ގިނަ ހަރަކާތްތަކެއް ހިންގަމުން އަންނަ އެސޯސިއޭޝަނެކެވެ. އޭގެ ތެރޭގައި ރަށްރަށުގެ ފެންވަރުގައި ގައުމީ ފެންވަރުގައި ބާއްވާ މުބާރާތްތައް ހިމެނެ އެވެ.

ހޭންޑްބޯލް އެސޯސިއޭޝަންގެ މިހާރުގެ އެގްޒެކްޓިވް ކޮމިޓީގެ ދައުރު ހަމަވާނީ 2018 ވަނަ އަހަރު އެވެ.