ކޯލިޝަން އެއްބަސްވުމެއް އޮތްތޯ ބަލަން މަޖިލީހުގެ ކޮމިޓީއަކުން ރިފްއަތާ ސުވާލުކުރަނީ
ކޯލިޝަން އެއްބަސްވުމެއް އޮތްތޯ ބަލަން މަޖިލީހުގެ ކޮމިޓީއަކުން ރިފްއަތާ ސުވާލުކުރަނީ

ސަރުކާރުގެ ވުޒާރާތައް ސްލޮޓްތަކެއްގެ ގޮތުގައި އެކި ޕާޓީތަކަށް ބަހާލައިގެން ހިންގަނީ އެއްބަސްވުމެއް އޮވެގެންތޯ ބަލަން އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތާ ސުވާލުކުރަން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކުން މިއަދު އެޖެންޑާކޮށްފި އެވެ.

ކޯލިޝަން އެއްބަސްވުމެއް އޮތްތޯ ބަލަން މަޖިލީހުގެ ކޮމިޓީއަކުން ރިފްއަތާ ސުވާލުކުރަނީ
ކޯލިޝަން އެއްބަސްވުމެއް އޮތްތޯ ބަލަން މަޖިލީހުގެ ކޮމިޓީއަކުން ރިފްއަތާ ސުވާލުކުރަނީ

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ ކޮމިޓީގެ ބައްދަލުވުމުގައި ރިފްއަތާ ސުވާލުކުރަން އެޖެންޑާކުރީ މިދިޔަ ބުދަ ދުވަހު އެކޮމިޓީން ބޭއްވި ބައްދަލުވުމުގައި އެގޮތަށް ފާސްކުރުމުންނެވެ.

ސަރުކާރު ހިންގާ ކޯލިޝަނުގެ ޕާޓީތަކުގެ މެދުގައި އެއްބަސްވުމެއް އޮތްތޯ ބަލަން ކާށިދޫ ދާއިރާގެ މެމްބަރު އަދި ކޮމިޓީގެ ނައިބު މުގައްރިރު އަބްދުﷲ ޖާބިރު ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް އެތައް ފަހަރަކު ހުށަހެޅުއްވި އެވެ. އެ މައްސަލަ ކޮމިޓީއަށް ފޮނުވީ މަޖިލީހުގެ ރިޔާސަތުންނެވެ.

ބުދަދުވަހު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި ކޮމިޓީއަށް ރިފްއަތު ހާޒިރުކުރަން ހުށަހެޅުއްވީ ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހުސައިން ޒިޔާދު (ފިއްޓޭ) އެވެ. އޭނާ ވިދާޅުވީ ސަރުކާރު ތެރޭގައި އެފަދަ އެއްބަސްވުމެއް އޮތިއްޔާ އެޓާނީ ޖެނެރަލަށް އެނގިވަޑައިގަންނަވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެފަދަ އެއްބަސްވުމެއް އޮތްކަން ނުވަތަ ނެތްކަން، ޖާބިރަށް ސާފުކޮށްދޭން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް ފިއްޓޭ ވިދާޅުވި އެވެ.

ކޮމިޓީގެ މުގައްރިރު އަދި މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު ވެސް ވިދާޅުވީ އެއީ އެޓާނީ ޖެނެރަލް ކޮމިޓީއަށް ހާޒިރުކޮށްގެން ފުޅާ ދާއިރާއެއްގައި ބަހުސްކޮށް، އެކަމާ ބެހޭ ރިޕޯޓެއް އެކުލަވާލައި މަޖިލީހުގެ ތަޅުމަށް ފޮނުވަން ޖެހޭ ކަމެއް ކަމަށެވެ.

ކޮމިޓީގެ ބައްދަލުވުމުގައި ބައިވެެރިވެވަޑައިގެންނެވި މެމްބަރުންގެ ތެރެއިން އެންމެ މެމްބަރެއް ފިޔަވާ ހުރިހާ މެމްބަރުން ވެސް ތާއީދުކުރެއްވީ އެ މައްސަލައިގައި ރިފްއަތާ ވާހަކަދެއްކުމަށެވެ. ބައެއް މެމްބަރުން ވިދާޅުވީ އެއީ ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރަން ޖެހޭ މައްސަލައެއް ކަމަށެވެ.

އިދިކޮޅު މެމްބަރެއް ކަމަށްވާ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު ވިދާޅުވި ގޮތުގައި ރާއްޖޭގައި މިދިޔަ ތިން އިންތިހާބުގައި ވެސް ރައީސުން ވެރިކަމަށް ވަޑައިގެންނެވީ ކޯލިޝަންގެ ނަމުގަ އެވެ. ނަމަވެސް ވެރިކަން ފެށުމަށް ފަހު އެ ކޯލިޝަން ނޯންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

މިހާރުގެ ސަރުކާރު ވެރިކަމަށް އައީ އެމްޑީޕީ އާއި ޖޭޕީ އާއި އަދާލަތު ޕާޓީ އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހިމެނޭ ކޯލިޝަނަކުންނެވެ. އެ ކޯލިޝަނުގެ ހަރަކާތްތަކުގައި ޖާބިރު ވެސް ބައިވެރިވެވަޑައިގަތެވެ.