27 ފެބުރުއަރީ 2021 - 08:23

އަމީތާބް ބައްޗަން މީގެ 19 އަހަރު ކުރިން ކުޅުނު ކާމިޔާބު ފިލްމު "އާނކޭ" ގެ ސީކްއެލްގެ ވާހަކަ ދެކެވޭތާ އެތައް ދުވަހެއް ފަހުން އޭގެ ޝޫޓިން އަންނަ މެއި މަހުގެ ތެރޭގައި ފަށަން ނިންމައިފި އެވެ.
މި ފަހަރު އަމީތާބާ އެކު ކުރީގެ ފިލްމުން ފެނުނު ތަރިންތަކެއް ނުފެންނާނެ އެވެ. ވިޕުލް ޝާހް ޑައިރެކްޓްކޮށް 2002 ގައި ގެނެސްދިން "އާނކޭ" ކާސްޓްގައި އަކްޝޭ ކުމާރާއި އަރުޖުން ރާމްޕާލާއި ބިޕާޝާ ބާސޫ އާއި ސުޝްމިތާ ސެން ހިމެނެ އެވެ.
ނަމަވެސް "އާނކޭ 2" ގައި އަމީތާބާ އެކު މައިގަނޑު ރޯލުތަކުން ފެންނާނެ އެކްޓަރުންނަކީ ސިދާތު މަލްއުތުރާ އާއި އަކްޝޭ ކަންނާ އަދި ކޮމީޑިއަން ސުނިލް ގްރޯވާ އެވެ. މެއި މަހުގެ 20 ގައި ފިލްމުގެ ޝޫޓިން ފަށަން ތާވަލުކޮށްފައި އޮތް ނަމަވެސް ފިލްމުގެ ބަތަލާއިން އަދި އިއުލާނެއް ނުކުރެ އެވެ.
"އާނކޭ 2" އިން އަކްޝޭ އާއި ސިދާތަށް ފުރުސަތު ލިބުނު އިރު ދެ ތަރިން އެކީގައި 2017 ގެ "އިއްތިފާގު" ގައި ވެސް މަސައްކަތްކޮށްފައިވެ އެވެ.
ބޮލީވުޑް ހަންގާމާ އިން ބުނީ އިނގިރޭސިވިލާތުގައި ބަލްގޭރިއާގައި ޝޫޓްކުރަން ނިންމާފައިވާ "އާނކޭ 2" ގެ ޑައިރެކްޓަރަކީ އަބިނޭ ޑިއޯ ކަމަށެވެ. އޭނާ އަކީ "ދިއްލީ ބެލީ" އާއި "ފޯސް 2" އަދި "ބްލެކްމެއިލް" ފަދަ ފިލްމުތައް ގެނެސްދިން ޑައިރެކްޓަރެވެ.
"އާނކޭ" ގައި ކިޔައި ދިނީ ބޭންކެއްގެ ވަޒީފާ ގެއްލުމުން ބަދަލު ހިފުމުގެ ގޮތުން ނުފޫޒު ގަދަ މީހަކު ލޯ އަނދިރި ކަމަށް ހެދިގެން އުޅޭ ބަޔަކު ލައްވައި ބޭންކް ފަޅާލާން ކުރާ މަސައްކަތެވެ.