25 ފެބުރުއަރީ 2021 - 07:19

ބޮލީވުޑްގެ ބަތަލާ ކަންގަނާ ރަނާވަތު ރެސްޓޯރަންޓްގެ ވިޔަފާރިއަށް ނުކުންނަން ނިންމައި އެކަމަށް ބޮޑު އިންވެސްޓްމަންޓެއް ކުރަން ތައްޔާރުވެއްޖެ އެވެ.
ބޮލީވުޑްގެ އެންމެ ހުނަރުވެރި އަދި ކާމިޔާބު ބަތަލާއިންގެ ތެރޭގައި ހިމެނޭ ކަންގަނާ ކެފޭ/ރެސްޓޯރަންޓް ވިޔަފާރި ފަށައި ގަންނަނީ އޭނާގެ އުފަން ސްޓޭޓް ހިމާޗަލް ޕްރަދޭޝްގެ މަނާލީންނެވެ. މި ވާހަކަ ކަންގަނާ ޓްވިޓާގައި ހިއްސާކޮށް ބުނީ ފިލްމީ އެއީ މަސައްކަތުގެ ބޭރުން ކުރަން ބޭނުންވާ ވިޔަފާރިއެއް ކަމަށާއި ފުޑް އެންޑް ބެވަރޭޖް (އެފްއެންޑްބީ) ދާއިރާ އަކީ އަބަދު ވެސް ޕެޝަނަކަށްވާތީ އެ ދާއިރާ އަށް އިންވެސްޓްކުރުމަކީ ކުރިން ވެސް ދެކެމުން އައި ހުވަފަނެއް ކަމަށެވެ.
"މި މަސައްކަތުގައި އަހަންނާ އެކު ވަރަށް ވަރުގަދަ ޓީމެއް ވެސް އެބައޮތް. އެ މީހުން ކުރަމުން އަންނަ މަސައްކަތްތަކަށް ޝުކުރު ވެސް އަދާކުރަން." ކަންގަނާ ބުންޏެވެ.
ނަމަވެސް ކެފޭ/ރެސްޓޯރަންޓް ވިޔަފާރި ޕްރޮޖެކްޓާ ބެހޭ އިތުރު ތަފުސީލުތަކެއް އަދި ހާމައެއްނުކުރެ އެވެ.
ބޮލީވުޑްގައި އެންމެ އަގު ބޮޑުކޮށް ފިލްމު ކުޅޭ ބަތަލާއިންގެ ކުރީގައި އުޅޭ ކަންގަނާ ރެސްޓޯރަންޓް ވިޔަފާރި އަށް އިންވެސްޓްކުރަން ނިންމި އިރު އޭނާ އަކީ މަނިރަކްނިކާގެ ނަމުގައި އަމިއްލަ ފިލްމު ކުންފުންޏެއް ވެސް ހިންގަމުން އަންނަ ބަތަލާއެކެވެ.
މަނާލީގައި ގަނޑުވަރެއް ކަހަލަ ޒަމާނީ ބޮޑު ގެއެއް ވެސް ހުރި ކަންގަނާ، 33، ގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ދާކަޅް" އާއި "ތަލައިވީ" އާއި "ތޭޖާސް" އަދި "މަނިކަރްނިކާ: ދަ ލެޖެންޑް އޮފް ޑިއްޑާ" ހިމެނެ އެވެ.