24 ފެބުރުއަރީ 2021 - 09:15

ވޮޝިންޓަން (ފެބްރުއަރީ 24) - އާސެނޫ ވެގެން ދާނީ ކެންސަރުން ރަނގަޅުވެފައިވާ ފުރަތަމަ އެސްޓްރޮނޯޓަށެވެ. ހަށިގަނޑަށް އެހެން ބައެއް ލައްވާފައިވާ، ޖައްވަށް ޒިޔާރަތް ކުރާ ފުރަތަމަ މީހާއަށެވެ. އަދި ޖައްވަށް ދާ އެމެރިކާގެ އެންމެ ޒުވާން މީހާ އަށް ވެސް މެ އެވެ.

ދުނިޔޭގެ ފުރަތަމަ މަދަނީ ސްޕޭސް މިޝަންގައި ބައިވެރިވުމުގެ ފުރުސަތު އާސެނޫ އަށް ލިބުނީ ޖެނުއަރީ މަހު އެވެ. އާސެނޫ އުފަލުން ފޮޅުނެވެ. އެކަމަކު އެ ވާހަކަ އެއްވެސް މީހަކު ގާތުގައެއް ނުބުނެ އެވެ.

"އަހަރެންގެ ހަޔާތުގެ އެންމެ ބޮޑު ސިއްރު ދޮޅު މަަސް ދުވަސްވަންދެން ހިފަހައްޓަން ޖެހުނު. އެކަމަކު މިހާރު ދުނިޔެއާ މި ހިއްސާކުރަނީ،" ބީބީސީ އަށް އާސެނޫ ބުންޏެވެ.

ޖައްވީ ދަތުރަށް އާސެނޫ ހޮވުނުކަން އެންމެ ފުރަތަމަ މިދިޔަ ހޯމަ ދުވަހު އިއުލާން ކުރީ ކެންސަރުގެ ބަލި މީހެއްގެ ގޮތުގައި އާސެނޫ އަށް ކުޑައިރުއްސުރެ ފަރުވާ ދިން ޓެންނެއްސީގެ ޖޫޑް ޗިލްރަންސް ރިސާޗް ހޮސްޕިޓަލުންނެވެ. އާސެނޫ މިހާރު މަސައްކަތް ކުރަނީ އެ ހޮސްޕިޓަލްގެ މެޑިކަލް އެސިސްޓެންޓެއްގެ ގޮތުގަ އެވެ.

"މި މިޝަނުން އަންގައިދެނީ ކޮންމެ ކަމެއް ވެސް ވެދާނެކަން،" އާސެނޫ ބުންޏެވެ.
ޖައްވީ އުޅަނދުގައި މި ފަހަރު އެއްވެސް ޕްރޮފެޝަނަލް އެސްޓްރޮނޯޓަކު ނުހިމެނޭނެ އެވެ. ދެން ހިމެނެނީ ކޮންޓެސްޓަކުން ހޮވާ ދެ މީހުންނާއި ފްލައިޓް ކޮމާންޑަރު އެމެރިކާގެ 38 އަހަރުގެ ބިލިއަނަރު ޖާރެޑް އައިސަކްމަން އެވެ. އެ ދެ މީހުން ހޮވާނީ މާޗް މަހު އެވެ. މުޅި މިޝަނުގެ ހުރިހާ ޚަރަދެއް ކުރާނީ އައިސަކްމަން `އެވެ.
އައިސަކްމަން އުއްމީދު ކުރަނީ އެ ދަތުރުން ޚައިރާތުގެ ގޮތުގައި 200 މިލިއަން ޑޮލަރު، އާސެނޫ އަށް ފަރުވާ ދިން ހޮސްޕިޓަލަށް ހޯދޭނެ ކަމަށެވެ. އޭގެ ތެރޭން ދެބައިކުޅަ އެއްބައި ދޭނީ އައިސަކްމަން އެވެ.
ޖައްވީ އުޅަނދުން ލިބެން ހުރި ހަތަރު ސީޓުގެ ތެރޭން އެއް ސީޓް ވަނީ އާސެނޫ އަށް ފަރުވާ ދިން ހޮސްޕިޓަލްގެ ސްޓާފަކަށް ދީފަ އެވެ.
"ފެށުމުގެ ގޮތުން އަޅުގަނޑު ބޭނުންވީ ކްރޫންގެ ތެރޭން މިޝަނުގެ އުއްމީދީ ރޫހެއް. އެކަމަށްޓަކައި އާސެނޫ އަށް ވުރެ ރަނގަޅު މީހަކު އަޅުގަނޑަކަށް ނުފެނުނު،" އައިސަކްމަން ބުންޏެވެ.
ޖައްވީ މި ދަތުރަކީ ވެދާނެ ކަމެއް ކަމަށް އާސެނޫ އުއްމީދެއް ނުކުރެ އެވެ. އުމުރުން 10 އަހަރުގައި އާސެނޫ އަކީ ކަށީގެ ކެންސަރަށް ޖޫޑް ހޮސްޕިޓަލުން ފަރުވާ ހޯދަމުން ދިޔަ ކުއްޖެކެވެ. އޭނާގެ ފަރުވާގެ ތެރޭގައި ކީމޯތެރަޕީގެ އިތުރަށް ފައިން ބައެއް ކަށިތައް ނަގައި އާޓިޝަލް ބައިތައް ލެއްވުމަށް އޮޕަރޭޝަން ވަނީ ކޮށްފަ އެވެ. އާސެނޫގެ ފަޔަށް ލައްވާފައިވާ ދަގަނޑުގެ ބައިތަކުގެ ސަބަބުން، ނާސާގެ އެސްޓްރޮނޯޓެއްގެ ގޮތުގައި ޖައްވަށް ދިއުމަށް އޭނާ އަށް ހުރަސް އެޅުނެވެ. ނާސާގެ މެޑިކަލް ރިކުވަޔަމެންޓަށް އޭނާ ފިޓް ނުވާތީ އެވެ. އެސްޓްރޮނޯޓަކަށްވުމުގެ އުއްމީދު އޮތްލެއް ބޮޑު ކަމުން އާސެނޫ ވަނީ ނާސާގެ ސްޕޭސް ސެންޓަރަށް ކުޑައިރު ޒިޔާރަތް ވެސް ކޮށްފަ އެވެ. އެކަމަކު އެ އުއްމީދަށް ހުރަސް އެޅުނީ އޭނާގެ ބައްޔެވެ.
އެކަމަކު ޕްރައިވެޓް ސްޕޭސް މިޝަންތައް ތައާރަފްވާން ފެށުމާ އެކު އާސެނޫ އަށް ވެސް ވަނީ ތަރިތަކާ ހަމައަށް އުއްމީދުތައް ގެންދަން ފުރުސަތު ފަހިވެފަ އެވެ.
"މި މިޝަނާ ހަމައަށް، އެސްޓްރޮނޯޓަކަށް ވެދާނެކަމަކަށް ގަބޫލެއް ނުކުރަން. މިއީ ޖިސްމާނީ ގޮތުން ފުރިހަމަ ނޫން މީހުންނަށް ވެސް ހުޅުވޭ މިޝަނެއް،" އާސެނޫ ބުންޏެވެ.
މިޝަންގައި ބައިވެރިވުމުގެ ދައުވަތު ޖެނުއަރީ 5 ވަނަ ދުވަހު އާސެނޫ އަށް ލިބުނު އިރު އޭނާ އުޅުނީ ޓެންނެއްސީގައި ހުންނަ ގޭގަ އެވެ. ވަގުތުން އޭނާގެ ޖަވާބަކަށްވީ އާއެކެވެ. އާސެނޫގެ އާއިލާ އިން ވެސް އެކަމަށް ދެކޮޅެއް ނުހަދަ އެވެ. އާސެނޫގެ ބޭބެ އާއި ފަހަރިއަކީ އެއަރޯސްޕޭސް އިންޖިނޭރުންނެވެ.
މިޝަންގައި ބައިވެރިވާ މީހުން އެއް މަސް ދުވަހުގެ ޕްރޮގްރާމެއް ފުރިހަމަކުރާނެ އެވެ. އާސެނޫ އަކީ މިޝަންގެ މެޑިކަލް އޮފިސަރެވެ. ފްލޮރިޑާގެ ކެނެޑީ ސްޕޭސް ސެންޓަރުން ސްޕޭސް އެކްސް ޑްރެގަން ކެޕްސޫލް އުދުއްސާލާނެ ކަމަށް ބެލެވެނީ މި އަހަރުގެ ފަހުކޮޅު އެވެ.
"ކެންސަރުން ރަނގަޅުވެފައިވާ މީހެއްގެ ގޮތުގައި މި ދަތުރުގައި ތަމްސީލް ކުރެވޭތީ ވަރަށް އުފާވޭ. ކެންސަރުގެ ފަރުވާގައި އުޅޭ އިރު ބޮޑަށް ފޯކަސް ކުރެވޭނީ ދުވަހުން ދުވަހަށް ކުރާ ކަންތަކަށް. ކުރިމަގަށް ވިސްނުމަކީ އުނދަގޫ ކަމެއް. އެކަމަކު މި މިޝަނަކީ ކެންސަރުގެ ބަލި މީހުންނަށް ވެސް ކުރިމަގަށް ވިސްނުމުގެ އުއްމީދު ގެނެސްދިން ދަތުރެއް،" އާސެނޫ ބުންޏެވެ.