މާލެ ސަރަހައްދުން ކޮވިޑް ކޭސްތައް މަދު ދުވަހެއް
މާލެ ސަރަހައްދުން ކޮވިޑް ކޭސްތައް މަދު ދުވަހެއް

މާލެ ސަރަހައްދުން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ކޮންމެ ދުވަހަކުހެން 100 އިން މަތީގައި ހުރުމަށް ފަހު މިދިޔަ 24 ގަޑިއިރު ތެރޭ އެ އަދަދު ދަށްވެއްޖެ އެވެ.

ފިޔަވަޅުތަކަށް ދިން ލުއިތަކާއެކު މާލެ ހުޅުމާލެ އަދި ވިލިމާލޭގައި ބަލި ޖެހޭ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. މިދިޔަ މަހުގެ 24 އިން ފެށިގެން، ކޮވިޑު ޖެހޭ މީހުންގެ އަދަދު ކޮންމެ ދުވަހަކުހެން ހުރީ މާލެ ސަރަހައްދުގައި 100 އިން މަތީގަ އެވެ.

މިދިޔަ 24 ގަޑިއިރު ތެރޭ މާލެ ސަރަހައްދުން 76 މީހަކު ޕޮޒިޓިވް ވިޔަސް އަދިވެސް ޖުމްލަ ނަންބަރު ހުރީ 100 އިން މަތީގަ އެވެ.

އިއްޔެ ހަވީރު 6:00 ން މިއަދު ހަވީރު 6:00 އާ ހަމައަށް ޓެސްޓުކުރި 4،388 ސާމްޕަލްގެ ތެރެއިން 108 މީހަކު ޕޮޒިޓިވްވެފައިވެ އެވެ. އެއީ މާލެ ސަރަހައްދުން 76 މީހަކާއި އެހެން ރަށްރަށުގެ 12 މީހެއް އަދި ރިސޯޓުތަކުން 20 މީހެކެވެ.

ބަލިން 83 މީހަކު ރަނގަޅުވެފައިވާތީ، އެކްޓިވް ކޭސްތަކުގެ އަދަދަކީ 2،429 އެވެ.

މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ރާއްޖޭގައި އަންނަނީ ކޮވިޑްގެ ވެކްސިން ދެމުންނެވެ. ނަމަވެސް ވެކްސިންގެ ސަބަބުން ކޮވިޑްގެ ކޭސްތަކުގެ އަދަދު ފާހަގަކުރެވޭ ވަރަށް ދަށަށް ދާނެހާ މުއްދަތެއް އަދި ނުވެ އެވެ.

ރާއްޖޭގައި މި ވަގުތު ހުންނެވި ހަމައެކަނި ޕީޑިއޮޓްރިކް އިންފެކްޝަންސް ކޮންޓްރޯލްގެ އެކްސްޕާޓް، ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ ރާއްޖޭގައި ބޭނުންކުރާ ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާތާ ދެ ހަފުތާ ފަހުން އެ މީހަކަށް 60 ޕަސެންޓް ރައްކާތެރިކަން ލިބޭ ކަމަށެވެ. އެއާއެކު، އެ މީހެއްގެ ގައިން އެހެން މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު 60 ޕަސެންޓު ދަށްކޮށްލަ އެވެ. ބަލި ޖެހުމުން ހާލު ސީރިއަސްވުމުގެ ފުރުސަތު 100 ޕަސެންޓް ދަށްކޮށްދޭ ކަމަށް ވެސް ވިދާޅުވި އެވެ.

އޭގެ އަށް ހަފުތާ ފަހުން ވެކްސިންގެ ދެ ވަނަ ޑޯޒް ޖަހައިގެން، ދެ ހަފުތާ ފަހުން ލިބޭ ރައްކާތެރިކަން 70 ޕަސެންޓަށް އަރާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިއަދު ރާއްޖޭގައި ދިން 4،962 ވެކްސިންނާ އެކު މިހާތަނަށް މުޅި ރާއްޖޭގައި ވެކްސިން ޖެހި މީހުންގެ އަދަދު ވަނީ 85،110 އަށް އަރައިފަ އެވެ.