މަޖިލީހުގެ އިދާރާގައި މާދަމާއިން ފެށިގެން 30 އަހަރުން މަތީގެ އާއްމުންނަށް ވެކްސިން ޖަހައިދެނީ
މަޖިލީހުގެ އިދާރާގައި މާދަމާއިން ފެށިގެން 30 އަހަރުން މަތީގެ އާއްމުންނަށް ވެކްސިން ޖަހައިދެނީ

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ގާއިމުކޮށްފައިވާ ވެކްސިން ސެންޓަރުގައި މާދަމާ އިން ފެށިގެން 30 އަހަރުން މަތީގެ އާއްމުންނަށް ވެކްސިން ޖަހައިދޭން ނިންމައިފި އެވެ.

އެ ތަނުގައި ވެކްސިން ޖެހުމުގެ ކަންކަން ކުރާ އޭޑީކޭ ހޮސްޕިޓަލުން ބުނީ މާލެ ސަރަހައްދުގައި ދިރިއުޅޭ 30 އަހަރުން މަތީގެ މީހުންނަށް އާއްމުކޮށް ހުޅުވާލައިގެން ވެކްސިން ޖަހައިދޭނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 12:00 އަށް ކަމަށެވެ.

އޭޑީކޭ ހޮސްޕިޓަލުން އަންނަނީ މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން މަޖިލީހުގައި ވެކްސިން ދިނުމުގެ މަސައްކަތް ކުރަމުންނެވެ. ނަމަވެސް އޭރުން ފެށިގެން ވެކްސިން ޖަހަމުން ދިޔައީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދިން ލިސްޓަށެވެ. އޭގައި އެކި ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުން ހިމެނެ އެވެ.

މާލެ ސަރަހައްދުގައި 10 ތަނެއްގައި އަދި ރަށްރަށުގެ 69 ސެންޓަރަކުން އަންނަނީ ވެކްސިން ޖަހައިދެމުންނެވެ. ރެއާ ހަމައަށް 80،000 އަށްވުރެ ގިނަ މީހުންނަށް ވެކްސިން ދީފައި ވެ އެވެ.

ސަރުކާރުން ނިންމާފައިވަނީ ބިދޭސީން ވެސް ހިމަނައިގެން ރާއްޖޭގައި އުޅޭ އެންމެންނަށް ހިލޭ ވެކްސިން ޖަހައިދޭށެވެ.