23 ފެބުރުއަރީ 2021 - 21:50

ކޮވިޑް-19ގެ ކޭސްތައް ގިނަވާތީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެންގުމާ އެއްގޮތަށް ދިރާގު ދިވެހި ޕްރިމިއާ ލީގު މެދުކަނޑާލުމުން މީގެ ހަގީގަތުގައި އެންމެ ބޮޑު ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭނެ އެއް ބަޔަކަށްވާނީ ކުޅުންތެރިން ކަމަށް އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރު އަހުމަދު ޝަރީފް (ޑުންގާ) ވިދާޅުވެއްޖެ އެވެ.
ދިވެހި ލީގު މެދުކަނޑާލީ މި މަހު ތިން ވަނަ ދުވަހު އެވެ. ދިވެހި ލީގަކީ އެޗްޕީއޭ އާއި އެފްއޭއެމް މަޝްވަރާކޮށްގެން ހެދި ހާއްސަ ގައިޑްލައިނެއްގެ ތެރެއިން މިދިޔަ ޑިސެމްބަރު މަހު ފެށި މުބާރާތެކެވެ. ގިނަ ޓީމުތަކުން ޕްރީ ސީޒަން ޕްރެކްޓިސް ފެށީ އޮކްޓޫބަރު މަހު އެވެ. ލީގު މެދުކަނޑާލިއިރު ފުރަތަމަ ބުރުގެ ކުޅުން ނިމި ދެ ވަނަ ބުރުގެ ބައެއް މެޗުތައް ވަނީ ކުޅެފަ އެވެ.
ރާއްޖެ ޓީވީ "ކުޅިވަރު ފައިލް" ޕްރޮގްރާމްގައި ޑުންގާ ވިދާޅުވީ ނުވަ ވަރަކަށް މަސް ގޭގައި އެއް ކަމެއް ވެސް ނުކުރެވި ތިބެފައި އަލުން ފަށައިގެން ކުޅުންތެރިންނާއި ޓީމުތަކުން ކަންތައްތައް ކުރަމުން އައީ ވަރަށް ވިސްނުންތެރިކަމާ އެކީގައި ކަމަށެވެ.
"އެއްގޮތަކަށް ވެސް ވިސްނައިގެން ނުވާނެ މީކީ ރާޒުވާ ގޮނޑިއެއްގައި އިށީދެފައި އައިސް ކުޅެނީކީއޭ. ކުދިން ނޫނީ ކުޅުންތެރިން ނޫނީ މެނޭޖްމަންޓް ވިސްނަންޖެހޭ ތަރުތީބުވާ ކަންތައްތަކެއް އެބަހުރި. ސީޒަން ފެއްޓުމަށް ވަކި ހިސާބަކުން ތައްޔާރުވާންޖެހޭ ވަކި އުސޫލުތަކެއް ގެންގުޅެންޖެހޭ. ސީޒަން ފެއްޓެން ކައިރިވީމަ ވަކި އުސޫލުތަކެއް ގެންގުޅެންޖެހޭ. ސީޒަން ފެއްޓުނީމަ ވަކި އުސޫލެއް ގެންގުޅެންޖެހޭ. ސީޒަން މެދުތެރެއިން ވަކި އުސޫލުތަކެއް ފިޒިކަލީ އެ ކުޅުންތެރިން އެބަ ގެންގުޅޭ،" ޑުންގާ ވިދާޅުވި އެވެ.
މިދިޔަ ޑިސެމްބަރު މަހު ލީގުގެ ކުޅުން ފެށިގެން އައިސް ކުޅުންތެރިން ރަނގަޅު ފޯމަކަށް އެޅުނީ ޖެނުއަރީ މަހުގެ ތެރޭގައި ލީގުގެ ފުރަަތަމަ ބުރުގެ ކުޅުން ނިމުނުއިރު އެވެ. މިއީ ލީގުގައި ވާދަކުރާ ޓީމުތަކުގެ ގިނަ ކޯޗުން ވެސް ނޫސްވެރިންގެ ބައްދަލުވުންތަކުގައި ފާހަގަކުރި ކަމެކެވެ.
ޑުންގާ ވިދާޅުވީ ސީޒަން ފެށިގެން މެޗު ފިޓްނަސް ކަހަލަ ބައެއް ކަންކަން ޒީރޯގައި ހުރެފައި ފުރަތަމަ ބުރު ނިމުނުއިރު ލީގުގެ ލެވަލް ވެސް އޮތީ ރަނގަޅު ހިސާބެއްގައި ކަމަށެވެ.
"ހަމަ ތަފާތުކޮށް ހުރިހާ ކުޅުންތެރިން ޕީކްގައި ޕާފޯމްކޮށް މަސައްކަތް ކޮށްކޮށް ތިއްބައި. އަޅުގަނޑުމެން ވިސްނީ ދެ ވަނަ ބުރު ވަރަށް ރީތި ބުރަކަށް ވާނެއޭ. އެކަމަކު ޓަށް ކިޔާފައި ހުއްޓުމެއް އައީ. އަޅުގަނޑުމެން މި ތިބީ ހުއްޓިފައި މިހާރު. އަނެއްކާ ވެސް އެއްކަލަ ޓީމުތަކުން މި ޖެހެނީ ސުމަކުން ފައްޓަން. ކިހިނެއްތޯ އެކަން ކުރާނީ. އެއީ އަޅުގަނޑުމެންގެ ވަރަށް ބޮޑު ކޮންސާނެއް (ކަންބޮޑުވުމެއް)،" އޭއެފްސީ ކޯޗިން "އޭ" ލައިސަންސާއި ފީފާ ގްރާސްރޫޓް އިންސްޓްރަކްޓާ ލައިސަންސް އަދި އޭއެފްސީ "ބީ" އިންސްޓްރަކްޓާ ލައިސަންސް ނަގާފައިވާ ޑުންގާ ވިދާޅުވި އެވެ.
"މީކީ ހުއްޓާފައި ފެށޭނެ އެއްޗެއް ނޫން. ވަކި ފްލޯ އަކުން އެ ޕިރަމިޑް އަރަން ޖެހޭނީ މައްޗަށް. މި ދަށަށް ދާން ވެއްޖިއްޔާ އަޅުގަނޑުމެން ކުޅުންތެރިން ހަލާކުވާނީ. ލީގުގެ ފޯރިއެއް ނީންނާނެ. އެހެން ދަނިކޮށް އަޅުގަނޑުމެން ކުޅުންތެރިން ހުއްޓުމަކަށް އައީމަ އެ ވާނީ ބޮޑު ގެއްލުމަކަށް،"
މި ފަހަރު ލީގަށް ބަލާއިރު އަށް ޓީމުގައި ވެސް ނިސްބަތުން ބަލާއިރު ވަރަށް ޒުވާން ކުޅުންތެރިން ގިނަ އެވެ. އެވްރެޖްކޮށް ބަލާއިރު 21 އަހަރުގެ ކުޅުންތެރިންގެ އަދަދު މިދިޔަ އަހަރަށް ވުރެން އިތުރެވެ. ޑުންގާ ވިދާޅުވީ ޓީމުތަކުން ކުރަމުން އައި މަސައްކަތަކީ މި ޒުވާން ކުޅުންތެރިންނާއި ތަޖުރިބާކާރު ކުޅުންތެރިން އެކުލަވާލައިގެން ފުޓްބޯޅައިގެ ކުރިއެރުމަށް މުހިއްމު ކަމެއް ކަމަށެވެ. އެކަމަކު މި ގޮތަށް ކުއްލިއަކަށް ލީގު ހުއްޓާލުމާ އެކު އެ މަސައްކަތަށް ވެސް ހުއްޓުމެއް އައީ ކަމަށް ޑުންގާ ފާހަގަކުރެއްވި އެވެ.
ލީގުގެ އަލުން ފަށައިގެން ދެ ވަނަ ބުރުގައި ދެން ކުޅޭ މެޗުތަކުގައި ޓީމުތަކުގެ ކުޅުމަށާއި މުޅި ލީގުގެ ކުޅުމަށް ވެސް ވަރަށް ބޮޑު އަސަރުތަކެއް ކުރާނެ ކަމަށް ޑުންގާ ވިދާޅުވި އެވެ. މީގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ލީގު ހުއްޓާލިއިރު ޕްރެކްޓިސް ކޮށްލެވޭނެ ގޮތެއް ވެސް ނެތުން ކަމަށް ޑުންގާ ފާހަގަކުރެއްވި އެވެ.
"އެންމެ ކުޑަމިނުން އަޅުގަނޑުމެންނަށް ޕްރެކްޓިސް ކުރެވޭނެ މާހައުލެއް ލިބިއްޖިއްޔާމު މި އެ އިންނަ ފްލޯގައި ކުރިއަށް ގެންދެވިދާނެ. އެކަމަކު އެ އެއްވެސް ނެތް އަޅުގަނޑުމެންނަށް. ސުވާލު މި އުފެދެނީ އަޅުގަނޑުމެން ގައިޑްލައިން ފޮލޯ ނުކުރަނީތޯ. އެކަމަކު ވަރަށް ކައިރިން ވެސް ފެންނާނެ ޕްރެކްޓިސް ވެސް ގައިޑްލައިނާ އެއްގޮތަށް ދިޔައީ. މިހާރު ވެސް އަޅުގަނޑުމެންނަށް އެބަ ފެނޭ ބައެއް ޓީމުތައް ގޮސް ޓްރެކުގައި އެބަ ދުވޭ. އޭތި އޯކޭ. އެކަމަކު ޓާފް ދަނޑަށް ވަންނަން ވީމަ މައްސަލައަކަށް މި ވަނީ،" ޑުންގާ ވިދާޅުވި އެވެ.
ކަމާބެހޭ ފަރާތްތަކާ އެކީ ކުރެވުނު މަޝްވަރާތަކަށް ފަހު އާ ގައިޑްލައިންތަކެއްގެ ދަށުން ފުރަތަމަ ޑިވިޝަން ކްލަބްތަކުގެ ޕްރެކްޓިސް ފެށުމުގެ ހުއްދަ ލިބޭނެ ކަމަށް އެފްއޭއެމުން ވަނީ ބުނެފަ އެވެ. ޑުންގާ ވިދާޅުވީ އުއްމީދަކީ ވީ އެންމެ އަވަހަށް ފެށުން ކަމަށާއި އަނެއްކާ ވެސް ނުހުއްޓައި ލީގު ކުރިއަށް ގެންދެވިއްޖަނަމަ ބޭނުންވާ ހިސާބަށް ކުޅުންތެރިންގެ ލެވަލް ގެންދެވޭނެ ކަމަށާއި އެކަމަކު މިހާރު ކުރަން އޮތް މަސައްކަތް ވަރަށް ބުރަ ކަމަށެވެ.
ރާއްޖޭގެ ފުޓްބޯޅަ ތާރީހުގައި ފުރަތަމަ ފަހަރަށް މެޗުތަކުގެ ސްޓެޓްސް ނަގަން މި ސީޒަނުގައި ފުޓްބޯލް އެފްއޭއެމް އިން ފަށައި، ލީގުގެ ފުރަތަމަ ބުރުގެ މެޗުތަކުގެ ސްޓެޓްސް އާއި އެ ނޫން ވެސް މުހިއްމު މައުލޫމާތު ހިމެނޭ ގޮތަށް ފޮތެއް ނެރުނެވެ. ދެ ވަނަ ބުރު ނިމުމުން ވެސް ފޮތެއް ނެރުމުގެ އަމާޒުގައި އެފްއޭއެމުން މަސައްކަތްކުރަމުން އަންނައިރު، ޑުންގާ ވިދާޅުވީ ލީގަށް މި އައި ހުއްޓުމުގެ ސަބަބުން ކުޅުންތެރިންނަށް ދިމާވި މައްސަލަތައް ދެ ވަނަ ބުރަށް ފަހު ނެރޭ ފޮތުން ވަޒަންކޮށްލެވޭނެ ކަމަށެވެ.