ކަންބޮޑުވުމެއް: ކޮވިޑްގެ ބޮޑު އަލާމާތެއް ނެތި ހާލު ބޮޑުވާ ދިވެހިން ގިނަވެއްޖެ
ކަންބޮޑުވުމެއް: ކޮވިޑްގެ ބޮޑު އަލާމާތެއް ނެތި ހާލު ބޮޑުވާ ދިވެހިން ގިނަވެއްޖެ

ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަރަށް ބޮޑަށް މައްޗަށް ގޮސްފައި ވާއިރު ބަލީގެ މާ ބޮޑު އަލާމާތެއް ނެތި ކުއްލިއަކަށް ހާލު ބޮޑުވާ މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށާއި އެއީ މިހާރު އޮތް ކަންބޮޑުވުމެއް ކަމަށް ޑރ. މޫސާ މުރާދު ރޭ ވިދާޅުވެއްޖެ އެވެ.

ކަންބޮޑުވުމެއް: ކޮވިޑްގެ ބޮޑު އަލާމާތެއް ނެތި ހާލު ބޮޑުވާ ދިވެހިން ގިނަވެއްޖެ
ކަންބޮޑުވުމެއް: ކޮވިޑްގެ ބޮޑު އަލާމާތެއް ނެތި ހާލު ބޮޑުވާ ދިވެހިން ގިނަވެއްޖެ

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި މީޑިއާ ބްރީފިންގައި، އައިޖީއެމްއެޗުގެ ކްލިނިކަލް މެނޭޖްމަންޓް އެޑްވައިޒަރީ ޓީމް (ސީމެޓް)ގެ މެންބަރު ޑރ. މުރާދު ވިދާޅުވީ އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހޭ މީހުންގެ ތެރޭގައި ކުރިއާ އަޅާބަލާއިރު ޒުވާން އުމުރުގެ މީހުން މިހާރު ގިނަ ކަމަށެވެ. އޭގެ ތެރޭގައި އެންމެ ގިނައީ މެދު އުމުރުގެ މީހުން ކަމަށް އޭނާ ވިދާޅުވި އެވެ.

ކުރިން ކޮވިޑްގެ ނުރައްކާ އާންމުކޮށް ބޮޑުވަނީ އުމުރުން ދުވަސްވީ މީހުންނަށެވެ.

ބަލިޖެހޭ މީހުންގެ އަދަދު ދަށްކޮށްގެން ނޫނީ އެކަށީގެންވާ ސިއްހީ ފަރުވާ ދޭން ދަތިވާނެކަން ތަކުރާރުކޮށް ފާހަގަކުރައްވަމުން ޑރ. މުރާދު ވިދާޅުވީ ބަލިޖެހޭ މީހުން އިތުރުވުމާ އެކު ދެން އޮތް ކަންބޮޑުވުމަކީ ބަލީގެ އަލާމާތެއް މާ ބޮޑަށް ނުފެނި ހުރެފައި ކުއްލިއަކަށް ހާލު ބޮޑުވާ މީހުން ގިނަވުން ކަމަށެވެ.

"ވަރަށް ގިނަ ފަހަރަށް އަޅުގަނޑުމެންނަށް އެބަ ފާހަގަކުރެވޭ އެހާ ބޮޑެތި އަލާމާތްތަކެއް ފެންނަން ނެތް ކަމުގައި ވިޔަސް ވެސް ކުއްލިއަކަށް ހާލު ދެރަވާ މީހުން،" މިއީ ސިއްހީ އެހީތެރިންގެ ނަޒަރުން ވިސްނާއިރު އޮތް ކަންބޮޑުވުމެއްކަން ފާހަގަކުރައްވަމުން ޑރ. މުރާދު ވިދާޅުވި އެވެ.

ކޮވިޑަށް ޕޮޒިޓިވް ވިޔަސް ބަލީގެ އަލާމާތް މާ ބޮޑަށް ނުފެންނަ ނަމަ ގޭގައި ވެސް ބައެއް މީހުން ބައިތިއްބަ އެވެ. އެހެންކަމުން ޑރ. މުރާދު އެދިވަޑައިގަތީ ކުރިން ނުވާ އުނދަގުލެއް ވާން ފަށައިފި ނަމަ ވީހާވެސް އަވަހަށް އެކަން އެޗްޕީއޭ އަށް އަންގައި އަވަހަށް ފަރުވާ ހޯދާށެވެ.

ކޮވިޑާ ދެކޮޅަށް ވެކްސިން ދޭން ފަށައި އެތައް ބަޔަކު ވެކްސިން ޖަހާފައި ވިޔަސް މިއީ އަދި ބައްޔާ މެދު ފަރުވާ ކުޑަކޮށްލައިގެންވާނެ ވަގުތެއް ނޫން ކަމަށް ޑރ. މުރާދު ވިދާޅުވި އެވެ. ވެކްސިން ޖެހުމަކީ ބަލި ނުޖެހޭނެ ކަމުގެ 100 ޕަސެންޓް ޔަގީންކަން އޮތް ކަމަކަށް ނުވާތީ އަދި މިހާތަނަށް ދީފައި ވަނީ ވެކްސިންގެ އެންމެ ޑޯޒަކަށް ވާތީ، ބަލި ޖެހޭ މީހުންގެ އަދަދު މަދުކުރެވޭނީ ބަލިން ރައްކާތެރިވާން އާންމުކޮށް އަޅަން ޖެހޭ ފިޔަވަޅުތަކުން ކަމަށް އޭނާ ވިދާޅުވި އެވެ.

ވެކްސިން ޖަހާފައި ވަނިކޮށް ކޮވިޑްގެ ކުޑަ އަލާމާތެއް ފެނުނަސް ޓެސްޓުކުރުމުގެ ބޭނުމެއް ނެތް ކަމަށް ބައެއް މީހުން ދެކެ އެވެ. ޑރ. މުރާދު ވެސް ވިދާޅުވީ ވެކްސިން ޖެހި ބައެއް މީހުން ކޮވިޑަށް ޓެސްޓްކުރަން ސާމްޕަލް ދޭން އިންކާރުކުރާ ކަމަށެވެ.

މި އަހަރާ އެކު، ކޮވިޑް ޖެހޭ މީހުންގެ އަދަދު ރާއްޖޭގައި ވަނީ ވަރަށް ބޮޑަށް މައްޗަށް ގޮސް އަދި ބަލި ފެތުރުން ހަލުވި ވެސް ވެފަ އެވެ. އެއާ އެކު ހޮސްޕިޓަލުގައި އެޑްމިޓްކުރަން ޖެހޭ މީހުންގެ އަދަދު އިތުރުވެ އެނދުތައް ދަނީ ފުރެމުންނެވެ. މި އަހަރުގެ މިހާތަނަށް ކޮވިޑްގައި ހަ މީހަކު މަރުވެ އަދި ބަލީގައި ދުނިޔެ ދޫކުރި މީހުންގެ އަދަދު ވަނީ 60 އަށް އަރައިފަ އެވެ.

އިއްޔެގެ ނިޔަލަށް ރާއްޖޭން 18،930 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވެ އެވެ. އޭގެ ތެރެއިން ބަލިން ރަނގަޅުވީ 16،351 މީހުންނެވެ. އެހެންވެ މިހާރު ބަލި ޖެހިފައި ތިބި މީހުންގެ އަދަދު 2،500 އަށް ވުރެ މައްޗަށް އަރަ އެވެ. މިއީ ބަލީގެ ހާލަތު ރާއްޖޭގައި އެންމެ ބިރުވެރިކޮށް އޮތް އިރު ވެސް ނުދާހާ މައްޗެވެ.