ރާއްޖެއާ އެކު ސްޕޮޓިފައި އިތުރު 86 ގައުމަކަށް ލޯންޗްކޮށްފި
ރާއްޖެއާ އެކު ސްޕޮޓިފައި އިތުރު 86 ގައުމަކަށް ލޯންޗްކޮށްފި

ދުނިޔޭގެ އެންމެ މަގުބޫލު އަދި އެންމެ ބޮޑު އޯޑިއޯ ސްޓްރީމިން ޕްލެޓްފޯމް ސްޕޮޓިފައި ދިވެހިރާއްޖެ ވެސް ހިމެނޭ ގޮތަށް އިތުރު 86 ގައުމަކަށް ލޯންޗްކޮށްފި އެވެ.

ރާއްޖެއާ އެކު މި ސަރަހައްދުން އެ ހިދުމަތް މި ފަހަރު ދިން ގައުމުތަކުގެ ތެރޭގައި ސްރީ ލަންކާ އާއި ޕާކިސްތާން އަދި ނޭޕާލް ހިމެނެ އެވެ. އިންޑިއާގައި 2019 ގައި ވަނީ ސްޕޮޓިފައި ލޯންޗްކޮށްފަ އެވެ.

އަލަށް ހިދުމަތް ލޯންޗްކުރި ގައުމުތަކާ އެކު މިހާރު ސްޕޮޓިފައި ހިދުމަތް ވަނީ ބިލިއަނަކަށް ވުރެ ގިނަ މީހުންނަށް ފަހިވެފަ އެވެ. އެއާ އެކު މިހާރު ވަނީ އެ ޕްލެޓްފޯމަށް އަލަށް 36 ބަހެއް ވެސް ތައާރަފުކޮށްފަ އެވެ.

ސްޕޮޓިފައި އިން ނެރުނު ބަޔާނެއްގައި ބުނި އަމާޒަކީ އެ ޕްލެޓްފޯމް މެދުވެރިކޮށް ގައުމުތަކުގެ ކޮންޓެންޓް ގައުމީ ފެންވަރުގަ އާއި ދުނިޔޭގެ ފެންވަރުގައި ފުޅާކޮށް ފަންނާނުންނަށް ކުރިއަށް ދެވޭނެ އިތުރު ދޮރުތައް ހުޅުވައިދިނުން ކަމަށެވެ.

"އެހެންވީމަ ވަރަށް ގާތުން ގައުމުތަކުގެ ލޯކަލް ކްރިއޭޓަރުންނާ އެކު އަހަރެމެން މަސައްކަތް ކުރާނަން،" ސްޕޮޓިފައި އިން ބުންޏެވެ. "މީގެ ސަބަބުން ހަގީގަތުގައި ފަންނާނުންގެ އޯޑިއަންސް ފުޅާކޮށް އިތުރު ފުރުސަތުތައް ހޯދަން ވަރަށް ބޮޑަށް މަގުފަހިވެގެން ދާނެ."

ސްޕޮޓިފައި އިން ބުނީ އަލަށް ލޯންޗްކުރި ގައުމުތަކާ އެކު މިހާރު އެ ޕްލެޓްފޯމްގެ ހިލޭ އަދި ޕްރިމިއަމް ޕްލޭން ވެސް ލިބޭނެ ކަމަށެވެ. އަދި ހޮވާލެވިފައިވާ ބައެއް މާކެޓްތަކަށް ފެމިލީ، ޑުއޯ އަދި ސްޓޫޑަންޓް ޕްލޭން އޮޕްޝަން ވެސް ލިބޭނެ އެވެ.

ސްޕޮޓިފައި އަކީ ސްވިޑްން އިން މީގެ 12 އަހަރު ކުރިން އޮކްޓޯބަރު 7، 2008 ގައި ލޯންޗްކުރި ހިދުމަތެކެވެ. އެ ބޭނުންކުރާ މީހުންގެ އަދަދު މިހާރު 340 މިލިއަނަށް ވުރެ ގިނަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ހިލޭ ބޭނުންކުރާ 190 މިލިއަނާއި ޕްރިމިއަމްކޮށް ބޭނުންކުރާ 155 މިލިއަނެވެ. އަލަށް ލޯންޗްކުރި ގައުމުތަކާ އެކު އެ އަދަދު ވަރަށް ބޮޑަށް އިތުރުވެގެން ދާނެ އެވެ.

އެންމެ ފަހުން ސްޕޮޓިފައި އިން އެންމެ ގިނަ އަދަދަކަށް ގައުމުތައް ހިމެނޭ ގޮތަށް ހިދުމަތް ލޯންޗްކުރީ 2018 ގަ އެވެ. އެ އަހަރު މޭނާ (މިޑްލް އީސްޓް އެންޑް ނޯތު އެފްރިކާ) ގެ 13 ގައުމަކަށް އެ ހިދުމަތް ލޯންޗްކުރި އެވެ.

ސްޕޮޓިފައިުގެ ކޮންޓެންޓްގެ އަދަދު މިހާރު 70 މިލިއަނަށް ވުރެ ގިނަ އެވެ. އޭގެ ތެރޭގައި ލަވަތަކާއި ޕޮޑްކާސްޓް ކޮންޓެންޓް ހިމެނެ އެވެ.