11 ނޮވެމްބަރ 2016 - 06:20

އަބިނޭ ޑިއޯގެ "ފޯސް 2" ގައި ހިމެނޭ، ޓެރަރިޒަމާއި އިންޑިއާ އާއި ޕާކިސްތާނުގެ ގުޅުމާ ބެހޭ ބައެއް މަންޒަރުތައް ސެންސަރުކުރަން ޖެހި މުހިންމު ތިން މަންޒަރެއް އުނިކުރަން ޖެހިއްޖެ އެވެ.
ނަމަވެސް "ފޯސް 2"ގެ ޕްރޮޑިއުސަރުން ކަމަށްވާ ވަޔަކޮމް 18 އާއި ވިޕުލް ޝާހް އަށް ސެންސަރު ބޯޑުގެ މި އެންގުން ގަބޫލު ނުކޮށް މިހާރު ވަނީ ސެންސަރު ބޯޑުގެ ރިވިޝަން ކޮމިޓީ އަށް ހުށަހަޅައިފަ އެވެ. ޕްރޮޑިއުސަރުން ގަބޫލުކުރާ ގޮތުގައި މި ބައިތައް ފިލްމުން އުނިކޮށްފި ނަމަ ފިލްމުގެ ވާހަކަ ފޫބައްދަން އުނދަގޫވާނެ އެވެ.
ފިލްމުގެ ބަތަލު ޖޯން އެބްރަހަމް ބުނި ގޮތުގައި އެ މީހުން ފިލްމުގެ މަސައްކަތް ފެށިއިރު އިންޑިއާ އާއި ޕާކިސްތާނުގެ ގުޅުން މިހާ ބޮޑަށް ގޯހެއް ނުވެ އެވެ. އެހެންކަމުން އެމީހުން މި ފިލްމުގައި ބޮޑަށް ދެ ގައުމުގެ ގުޅުން ރަނގަޅު ކުރެވޭނެ ގޮތްތަކަށް އަލި އަޅުވާލާފައިވާނެ ކަމަށެވެ. އެހެންކަމުން މިހާރުގެ ހާލަތަށް އެ ފަދަ މަންޒަރުތައް ތަންކޮޅެއް ނާޒުކުވެފައި ވަނީ އެވެ.
"ފޯސް 2" ގައި ޖޯން އާއި ފިލްމުގެ ބަތަލާ ސޮނާކްޝީ ސިންހާ ކުޅެނީ ވަރަށް ހިތްވަރު ގަދަ ފުލުސް އޮފިސަރުންގެ ރޯލެވެ. ނޮވެމްބަރު 18 ވަނަ ދުވަހު މި ފިލްމު ރިލީޒްކުރަން ހަމަޖެހިފައި ވާއިރު ސެންސަރުގެ މައްސަލަތައް އެންމެ ފަހު ވަގުތު ކުރިމަތިވުމުން ފިލްމުގައި ބައިވެރިވި އެންމެން ވަނީ ވަރަށް ހާސް ވެފަ އެވެ.
ބުރާސްފަތި ދުވަހު ވަނީ ފިލްމުގެ މުޅިން އާ ލަވައެއްގެ ޓްރެއިލާ ރިލީޒްކޮށްފަ އެވެ.
"ކޮއި އިޝާރާ" ލަވައިގައި ޖޯން އާއި ސޮނާކްޝީގެ އިތުރުން ޖެނޭލިއާ ޑިސޫޒާ ވެސް ހަރަކާތްތެރިވެ އެވެ.