އާމިރުގެ އާ ފިލްމެއް އުފަން ދުވަހު އިއުލާންކުރަނީ
އާމިރުގެ އާ ފިލްމެއް އުފަން ދުވަހު އިއުލާންކުރަނީ

"ލާލް ސިންގް ޗައްޑާ" ގެ މަސައްކަތް މިހާރު ކުރަމުން އަންނަ އެކްޓަރު އާމިރު ޚާން އަންނަ މަހު ފާހަގަކުރާ އޭނާގެ އުފަން ދުވަހު އާ ފިލްމެއް އިއުލާންކުރަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އާމިރުގެ 56 ވަނަ އުފަން ދުވަސް ފާހަގަކުރާނީ އަންނަ މަހުގެ 14 ގަ އެވެ. އޭނާގެ ގާތް ބަޔަކާ ހަވާލާދީ މީޑިއާތަކުން ބުނީ އެ ދުވަހު އާމިރު އިއުލާންކުރާނެ ފިލްމަކީ ލައިޓްހާޓެޑް ފިލްމެއް ކަމަށާއި އެއާ ބެހޭ ވަރަށް ގިނަ ތަފުސީލުތައް އެ ދުވަހު ދޭނެ ކަމަށެވެ. އެ ފިލްމު ރިލީޒްކުރާނީ އަންނަ އަހަރު އެވެ.

އާމިރާއި ކަރީނާ ކަޕޫރްގެ ޖޯޑު ފެންނާނެ "ލާލް ސިންގް ޗައްޑާ" އަކީ މި އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު ރިލީޒްކުރަން ހަމަޖެހިފައިވާ ފިލްމެކެވެ. ކުރިން މީޑިއާތަކުން ބުނެފައިވާ ގޮތުގައި އެ ފިލްމު ނިންމައިލުމަށް ފަހު އާމިރު ދެން މަސައްކަތް ފަށާނީ މިއުޒިކް/ފިލްމު ކުންފުނި ޓީ ސީރީޒްގެ ބާނީ ބުޝަން ކުމާރުގެ ބައޮގްރަފިކަލް ޑްރާމާ "މޯގުލް" ގެ މަސައްކަތެވެ.

ދާދި ފަހުން މީޑިއާތަކުން ބުނީ ސްޕެއިންގެ ކުޅިވަރު ފިލްމެއް ވެސް އާމިރަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި މިހާރު އިއުލާންކޮށްފައިވާ އިންޑިއާގެ ރާޒުވާ ލެޖެންޑް ވިސްވަނާތަން އާނަންދުގެ ބައޮގްރަފިކަލް ޑްރާމާ އަށް އާމިރު ގެނެވޭތޯ ވެސް އަންނަނީ މަސައްކަތްތަކެއް ކުރެވެމުންނެވެ.

ދޭތެރެ ވަރަށް ދުރުކޮށް ފިލްމުތައް ކުޅޭ އާމިރުގެ އެންމެ ފަހުން ފެނިފައި ވަނީ 2018 ގެ "ތަގްސް އޮފް ހިންދުސްތާން" އެވެ.

މި އަހަރު "ލާލް ސިންގް ޗައްޑާ" އިން އޭނާ ބޮޑު ސްކްރީނުން ފެނުމުގެ ކުރިން މި މަހުގެ 26 ގައި ރިލީޒްކުރާ ސައިކޮލޮޖިކަލް ތުރިލާ "ކޮއީ ޖާނޭ ނާ" ގެ އައިޓަމް ލަވައަކުން އާމިރު ފެންނާނެ އެވެ، ކުނާލް ކަޕޫރާއި އަމީރާ ދާސްތޫރް ލީޑް ރޯލު ކުޅެފައިވާ އެ ފިލްމަކީ އާމިރު އެކުވެރި އެކްޓަރު އަމީން ހާޖީގެ އަލަތު ޑައިރެކްޝަނެވެ.

"ކޮއީ ޖާނޭ ނާ" ގެ އައިޓަމް ލަވައިން އާމިރު ފެންނާނީ ބަތަލާ އެލީ އަވްރަމާ އެކީގަ އެވެ. އެ ލަވަ ޝޫޓްކުރީ މި މަހުގެ ކުރީކޮޅު އެވެ.