ރޮކް އޮން 2: ފުރަތަމަ ފިލްމުހާ ކާމިޔާބު ވެދާނެބާ؟
ރޮކް އޮން 2: ފުރަތަމަ ފިލްމުހާ ކާމިޔާބު ވެދާނެބާ؟

ފަރްހާން އަޚްތަރާއި ޝްރައްދާ ކަޕޫރު އަދި އަރްޖުން ރަމްޕާލްގެ "ރޮކް އޮން 2" މިއަދު ރިލީޒް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މި ފިލްމާ ބެހޭ ގޮތުން މާ ގިނަ ވާހަކަތަކެއް ނެތެވެ. ނަމަވެސް ޓްރޭޑް އެކްސްޕާޓުން ބުނަނީ ފިލްމު ރިލީޒްކުރުމަށް ފަހު މީހުން ފިލްމު ބަލައިގަތުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.

ރޮކް އޮން 2: ފުރަތަމަ ފިލްމުހާ ކާމިޔާބު ވެދާނެބާ؟
ރޮކް އޮން 2: ފުރަތަމަ ފިލްމުހާ ކާމިޔާބު ވެދާނެބާ؟

"ރޮކް އޮން 2" އަކީ 2008 ގައި ނުކުތް ވަރަށް ކާމިޔާބު ފިލްމެއް ކަމަށްވާ "ރޮކް އޮން"ގެ ސީކުއަލް އެކެވެ.

"ރޮކް އޮން" ގައި ބޮޑަށް ދައްކާފައި ވަނީ އެކުވެރިކަމާއި އެކި ގުޅުންތައް އަދި ފިލްމުގައި ދައްކާ މިއުޒިކް ބޭންޑްގެ ހަތަރު މެމްބަރުން އެކަކު އަނެކަކާ އޮތް ގުޅުމާއި އެމީހުންގެ މެދުގައި ޖެހުނު މައްސަލަތަކެވެ. ނަމަވެސް "ރޮކް އޮން 2" ގައި މާ ވަރުގަދަ މެސެޖުތައް އެބަހުއްޓެވެ. ފިލްމުގައި ލޯތްބާއި މިއުޒިކް އަދި ސަކަރާތް ޖެހުން އެކުލެވެ އެވެ. އެހެންކަމުން މިހާރުގެ ޒުވާނުންނަށް މި ފިލްމު ވަރަށް ކަމުދާނެކަމަށް ގިނަ ބަޔަކު އުންމީދު ކުރެ އެވެ.

ފިލްމީ ވިޔަފާރީގެ ބައެއް ތަޖުރިބާކާރުން ބުނަނީ "ރޮކް އޮން 2" އަކީ ސީކުއަލް އަކަށް ވުމީ ވެސް އެޑްވާންޓޭޖެއް ކަމަށެވެ. ސަބަބަކީ ކުރީގެ ފިލްމު ބަލާފައި އެ ފިލްމު ކަމުގޮސްފައި ތިބި މީހުން މި ފަހަރުގެ ފިލްމު ބެލުމަށް ވެސް ޝައުގުވެރިވާނެތީ އެވެ. ނަމަވެސް "ރޮކް އޮން"ގެ މިއުޒިކް ހާ މި ފަހަރުގެ ފިލްމުގެ މިއުޒިކް ނުހިނގާކަން ބައެއް ޓްރޭޑް އެކްސްޕާޓުން ފާހަގަކުރެ އެވެ. މިއީ މިފަހަރުގެ ފިލްމަށް އޮތް ޑިސްއެޑްވާންޓޭޖެކެވެ.

ފިލްމު އިންޑަސްޓްރީގެ އަޑުތައް މިހާރު ހުރި ގޮތުން "ރޮކް އޮން 2" އަށް ފުރަތަމަ ދުވަހު ވާނީ 5-6 ކްރޯޑު ރުޕީސް (50-60 މިލިއަން ރުޕީސް) ގެ ވިޔަފާރިކަމަށް ލަފާ ކުރެވެ އެވެ. އަދި ދެ ވަނަ ދުވަހުގެ ވިޔަފާރި މިއަށް ވުރެ ތަންކޮޅެއް ރަނގަޅުވެ އާދިއްތަ ދުވަހު ފުދޭ ވަރަކަށް ވިޔަފާރި ރަނގަޅުވާނެކަމަށް ލަފާ ކުރެވެ އެވެ. ހަފުތާ ބަންދުގެ ދެ ދުވަހާ އެކު ތިން ދުވަސް ތެރޭ މި ފިލްމަށް 22 ކްރޯޑު (220 މިލިއަން ރުޕީސް) ލިބޭނެ ކަމަށް ޓްރޭޑް އެކްސްޕާޓުން ލަފާކުރެ އެވެ.

ފިލްމުގެ ބަޖެޓު އުޅެނީ 50 ކްރޯޑަށް ވުރެ މަތީގަ އެވެ. އެހެންކަމުން އެންމެ ކުޑަމިނުން ޚަރަދު ފޫބެދި އެވްރެޖް ފިލްމެއްގެ ދަރަޖަ މި ފިލްމަށް ލިބިދާނެކަމަށް ވަނީ ބެލެވިފަ އެވެ.

މި ފިލްމުގެ ޕްރޮމޯޝަން މަސައްކަތުގައި ފަރްހާން އާއި ޝްރައްދާ އަދި އެހެން އެކްޓަރުން ވަނީ އިންޑިއާގެ އެކި ރަށްތަކުގައި ލައިވް ކޮންސަޓްތަކެއް ބާއްވަފަ އެވެ. މިކަމުން ވެސް ގިނަ ޒުވާނުން ފިލްމު ބެލުމަށް ޝައުގުވެރިވާނެ ކަމަށް ވަނީ ބެލެވިފަ އެވެ.

ފިލްމު ރަނގަޅަށް ހިނގުމުގައި ހުރަހަކަށްވާ ވަރަށް ގިނަ ކަންތައްތައް ވެސް އެބަހުއްޓެވެ. ފުރަތަމަ ކަމަކީ މީގެ ދެ ހަފުތާ ކުރިން ރިލީޒްކުރި "އޭ ދިލް ހެ މުޝްކިލް" އާއި "ޝިވާއޭ" އަދިވެސް ފުދޭ ވަރަކަށް ހިނގާތީ ސިނަމާތަކުން މި ދެ ފިލްމު ނުނެގުމެވެ. އެހެންކަމުން "ރޮކް އޮން 2" ރިލީޒްކުރަން ލިބޭ ސިނަމާތައް މަދެވެ. އަދި އެއާ އެކު ބަޖެޓު ކުޑަ ފިލްމުތައް ނަމަވެސް ހުކުރު ދުވަހު ރިލީޒްކުރާ އިތުރު ފިލްމުތަކެއް ވެސް ހުރުމުން އެ ފިލްމުތަކުން ވެސް ކޮންމެވެސް ވަރަކަށް ސްކްރީންތައް ވަނީ ނަގާފަ އެވެ.

އަދި އިންޑިއާގައި ކުއްލިއަކަށް 1000 ރުޕީސް އާއި 500 ރުޕީސްގެ ކުރީގެ ނޫޓު ބޭނުންކުރުން މަނާކުރުމުން ވެސް، ޓިކެޓް ގަންނަން ބޭނުންވާ މީހުންނަށް ވެސް އިތުރު ތަކްލީފަކަށްވެ، ފިލްމު ބަލަން ނުދިއުމުގެ ފުރުސަތު އެބައޮތެވެ. ނަމަވެސް "ރޮކް އޮން 2" އުފެއްދި ފަރާތާއި ފަރްހާން އަޚްތަރު މިހާރު ވަނީ ސިނަމާތަކުގެ ވެރިންނާ ވާހަކަދައްކައިގެން ، އިތުރު ޗާޖެއް ނުނަގާ ކާޑުން ޓިކެޓް ގަނެވޭނެ ގޮތް ހަދައިފަ އެވެ.