އަންނަ އަހަރު ތައާރަފްވާ އުންމީދީ ތަރިންގެ ތެރެއިން ސާރާ އާއި ޖާންވީ
އަންނަ އަހަރު ތައާރަފްވާ އުންމީދީ ތަރިންގެ ތެރެއިން ސާރާ އާއި ޖާންވީ

ސައިފް އަލީ ޚާނާއި އަމްރިތާ ސިންގްގެ ދަރިފުޅު ސާރާ އަލީ ޚާން އާއި ޝްރީދޭވީ އާއި ބޯނީ ކަޕޫރުގެ ދަރިފުޅު ޖާންވީ ކަޕޫރު މިހާރު ވަނީ ބޮލީވުޑަށް ވަނުމަށް ތައްޔާރުވެފަ އެވެ. އެކްޓިން އާއި ނެށުން އަދި ރީތިކޮށް ބަސްތައް ކިޔާނެ ގޮތާއި ޑައިލޯގް ހުށަހަޅައިދޭނެ ގޮތް ދަސްކުރުން ފަދަ ކަންތައްތަކުން މި ދެ ތަރިން ވެސް މިހާރު ފުރިހަމައަށް ތަމްރީނުވަމުން ފައްކާވަމުން ދާއިރު އަންނަ އަހަރަކީ ސާރާ އާއި ޖާންވީ ހިންދީ ފިލްމު އިންޑަސްޓްރީއަށް ތައާރަފްވެ ގިނަ ޒުވާނުންތަކެއްގެ ހިތްތައް ކަތިލާނެ އަހަރަކަށް ވުން ގާތެވެ.

އަންނަ އަހަރު ތައާރަފްވާ އުންމީދީ ތަރިންގެ ތެރެއިން ސާރާ އާއި ޖާންވީ
އަންނަ އަހަރު ތައާރަފްވާ އުންމީދީ ތަރިންގެ ތެރެއިން ސާރާ އާއި ޖާންވީ

ޖާންވީ، 19، މަންމަ ޝްރީދޭވީ އަކީ ފިލްމު އިންޑަސްޓްރީ ދުށް އެންމެ ހުނަރުވެރި އެއް ބަތަލާއަށް ވީ ފަދައިން ސާރާގެ މަންމަ އަމްރިތާ އަކީ ވެސް ދެރަ އެކްޓަރެއް ނޫނެވެ. މި ދެ ތަރިން އެތައް ދުވަހެއް ވަންދެން އެމީހުންގެ ފަރިކަމާއި ކުޅަދާނަކަމުން ބެލުންތެރިންގެ ހިތްތަކާ ކުޅެފައިވެ އެވެ. ކުރިއަށް އޮތީ އެމީހުންގެ ދަރިން ސިނަމާ ފަތަހަކުރަން ނުކުންނާނެ ދުވަސްތަކެވެ.

އަންނަ އަހަރު ތައާރަފްވާ އުންމީދީ ތަރިންގެ ތެރެއިން ސާރާ އާއި ޖާންވީ
އަންނަ އަހަރު ތައާރަފްވާ އުންމީދީ ތަރިންގެ ތެރެއިން ސާރާ އާއި ޖާންވީ

ފިލްމު ކުޅެން ފެށުމުގެ ކުރިން ވެސް ސާރާ އާއި ޖާންވީ ވަނީ އެމީހުންގެ ރީތިކަމާއި ފަރި އަދާތަކުން ގިނަ ބައެއްގެ ހިތްތައް އަތުލާފަ އެވެ.

ކުރިން އަޑުއަރާފައި އޮތީ ސާރާ، 23، ތައާރަފް ވަނީ ކަރަން ޖޯހަރްގެ ފިލްމަކުން ޝާހިދު ކަޕޫރުގެ ކޮއްކޮ އިޝާންއާ އެކު ކަމަށެވެ. ނަމަވެސް މި ވާހަކަތަކަކީ ހަގީގަތެއް ނޫންކަން ސާރާގެ މަންމަ އަމްރިތާ ވަނީ ޔަގީންކޮށްދީފަ އެވެ. ނަމަވެސް އަމްރިތާ ބުނި ގޮތުގައި ސާރާ ވަރަށް އަވަހަށް ފިލްމު ކުޅެން ފަށާނެ އެވެ. އަދި އެކަމަށް ބޭނުންވާ ތަމްރީނުތައް ސާރާ ދަނީ ފުރިހަމަ ކުރަމުންނެވެ.

ފަހުގެ ޚަބަރުތައް ބުނާ ގޮތުގައި ސާރާ ބޮލީވުޑަށް ތައާރަފްވާނީ ރަންވީރު ސިންގާ އެކު "ގަލީ ބޯއީ" ކިޔާ ފިލްމަކުންނެވެ. ޒޯޔާ އަޚްތަރު ޑައިރެކްޓްކުރާ މި ފިލްމަކީ މިއުޒިކް ކުޅޭ ދެ މީހެއްގެ ވާހަކަ އެވެ.

އަނެއްކޮޅުން ޖާންވީ ތައާރަފްވާ ފިލްމު އުފައްދަން އޭނާގެ ޕްރޮޑިއުސަރު ބައްޕަ ބޯނީ ކަޕޫރު ދަނީ ތައްޔާރުވަމުންނެވެ. ބޯނީ ބޭނުންވަނީ އޭނާ އަމިއްލައަށް ދަރިފުޅުގެ ފުރަތަމަ ފިލްމު އުފެއްދުމާ ހަވާލުވާށެވެ.
ޖާންވީ ފިލްމު ކުޅެން ފެށުމަށް ވާން ޖެހޭ ތައްޔާރީތަކަށް އޭނާގެ ބައްޕަ ވަނީ ވަރުގަދަ ޕްރޮފެޝަނަލް ޓީމެއް ނަގާފަ އެވެ. އެ ޓީމުގައި ފިލްމު ކުޅުމަށް ބޭނުންވާ ހުރިހާ ރޮނގަކުން އޭނާއަށް ތަމްރީނު ދޭނެ މީހުން ހިމެނެ އެވެ.

ފިލްމް ސްޓާރުންގެ ދަރިންނަށް އަބަދުވެސް ފިލްމީ ފުރުސަތުތައް ތަނަވަސް ވެފައި އޮވެ އެވެ. ބެލުންތެރިން ވެސް މިފަދަ ކުދިންގެ ފިލްމުތައް ވަރަށް ބަލާލާހިތުން އުޅެ އެވެ. ނަމަވެސް ފުރަތަމަ ފިލްމަށް ފަހު ދެން ފިލްމު އިންޑަސްޓްރީގައި އިތުރަށް ކުރިޔަށް ދިއުމުގެ ފުރުސަތު ލިބެނީ އެ ތަރިއެއްގެ ހުނަރާއި ގާބިލްކަމުންނެވެ. ނޫން ނަމަ އެންމެ ފިލްމަކަށް ފަހު މިފަދަ ތަރިން އޮއްސިގެން ދަނީ އެވެ. އެހެންކަމުން ސާރާ އާއި ޖާންވީއާ ކުރެ ބޮލީވުޑްގައި ދިގު މުއްދަތަކަށް ބޮޑު ކާމިޔާބެއް ހޯދެނީ ކޮން ބަތަލާއަކަށްތޯ ކަނޑައެޅިގެން އިނގޭނީ ކުރިއަށް އޮތް އަހަރުތަކުގައި އެމީހުންގެ ފިލްމީ ކެރިއަރު ކުރިއަށްދާ ގޮތަކުންނެވެ.