"ދޫމް" އާއި "ޑިޝޫމް" އާ އެއްގޮތް ކަމެއް ނެތް: ޖޯން
"ދޫމް" އާއި "ޑިޝޫމް" އާ އެއްގޮތް ކަމެއް ނެތް: ޖޯން

"ޑިޝޫމް"ގެ ލީޑް އެކްޓަރުންކަމަށްވާ ޖޯން އެބްރަހަމާއި ވަރުން ދަވަން ބުނަނީ އެ ދެ ތަރިން އަލަށް ކުޅުނު "ދިޝޫމް" އަކީ ކާމިޔާބު "ދޫމް" ސީރީޒްގެ ފިލްމުތަކާ އެއްވެސް ވަރެއްގެ އެއްގޮތް ކަމެއް ނެތް ފިލްމެއް ކަމަށެވެ.

"ޑިޝޫމް"ގެ ޓްރެއިލާ ލޯންޗުކުރަން ބޭއްވި އިވެންޓެއްގައި ވަރުން ބުނީ "ދޫމް"ގެ ފުރަތަމަ ފިލްމުގައި ޖޯން ލީޑް ރޯލު ކުޅެފައިވާތީ "ޑިޝޫމް" އާއި "ދޫމް" އެއްގޮތް ނޫންކަން ޖޯން އަށް މާބޮޑަށް އެނގޭނެ ކަމަށެވެ.

ޖޯން ބުނި ގޮތުގައި އޭނާއަށް "ޑިޝޫމް"ގެ ސްކްރިޕްޓް ކިޔައިދިނުމުން ވަގުތުން ފިލްމުގެ ޕްރޮޑިއުސަރުން ކަމަށްވާ ސާޖިދު ނަދިއަދްވާލާ އާއި ރޯހިތު ދަވަން ގާތު މިއީ ވަރަށް ކާމިޔާބު ޕްރޮޖެކްޓަކަށް ވާނެކަމަށް ޔަގީންވާކަމަށް ބުނި ކަމަށެވެ.

ޖޯން ގަބޫލުކުރާ ގޮތުގައި މިއީ ޒުވާނުންނަށް ވަރަށް ކަމުދާ ޒާތު އެކްޝަން އެޑްވެންޗާ ފިލްމަކަށްވާތީ މީގެ އިތުރު ފިލްމުތަކެއް އުފެއްދުމުގެ ފުރުސަތު އޮތް ކަމަށެވެ.

"ދޫމް" ސިލްސިލާގެ ފިލްމުތައް ތައްޔާރު ކުރަމުންދާ ގޮތަށް "ޑިޝޫމް"ގެ ވެސް އަށެއްކަ ފިލްމު ވެސް އުފެއްދިދާނެ ކަމަށް ޖޯން ގަބޫލު ކުރެ އެވެ.

"ޑިޝޫމް"ގައި ޖޯން އާއި ވަރުން ކުޅޭ ކަބީރް އާއި ޖުނައިދުގެ ކެރެކްޓާ އަބަދުވެސް އާ މައްސަލަތަކާ ކުރިމަތިލާ އާ ކަންތައްތަކެއް ކުރަމުން ގެންދާނެ އެވެ.

"މިއީ ޒުވާނުން ވަރަށް ފޫހިފިލާނެ މާޖާ ފިލްމެއް. އެހެންވެ މީގެ ގިނަ ފިލްމުތަކެއް އުފެއްދިދާނެ ކަމަށް އަހަންނަށް ގަބޫލު ކުރެވެނީ،" ޖޯން ބުންޏެވެ.

"ދޫމް" ސިލްސިލާގެ ވެސް ފުރަތަމަ ފިލްމުގައި ޖޯން ލީޑް ރޯލު ކުޅުނުއިރު އެ ފިލްމުގައި ވެސް ޖޯން އަށް ކިޔަނީ ކަބީރް އެވެ.

ޖޯން ބުނި ގޮތުގައި ދެ ފިލްމުގެ އެއްގޮތްކަން ހަމައެކަނި ހުރި މިންވަރަކީ ދެ ފިލްމުގައި ވެސް އޭނާއަށް ކަބީރް ކިޔާ ކަން އެކަނި ކަމަށެވެ.

ޖޯން ބުނި ގޮތުގައި ޕްރޮޑީއުސަރު ސާޖިދާ އޭނާ މަސައްކަތްކުރާ މިއީ ދެ ވަނަ ފިލްމެވެ. އަދި ފިލްމުގެ އަނެއް ޕްރޮޑިއުސަރު ރޯހިތު އަކީ އޭނާގެ ކޮއްކޮއެއް ފަދަ މީހެކެވެ. ރޯހިތު ވަރުންގެ އެއްބަނޑު އެއްބަފާ ބޭބެ އެވެ.

ވަރުން އާ ބެހޭ ގޮތުން ޖޯން ބުނީ ފިލްމުގައި އޭނާ އާއި ވަރުންގެ ކެމިސްޓްރީ އާދަޔާޚިލާފަށް ރަނގަޅު ކަމަށެވެ.

"ޑީޝޫމް"ގެ ބަތަލާއަކީ ޖެކްލީން ފެނާންޑިސް އެވެ. އަދި އަކްޝޭ ކަންނާ ވަރަށް މުހިއްމު ބައެއް މި ފިލްމުގައި އަދާކުރެ އެވެ.

ޖޯން ބުނި ގޮތުގައި އަކްޝޭ އަކީ އޭނާ ވަރަށް ކުރިއްސުރެ އެ އެކްޓަރެއްގެ މަސައްކަތަށް ވަރަށް ގަދަރުކުރާ އެކްޓަރެކެވެ. އެހެންކަމުން މި ފިލްމުގައި އޭނާ ބައިވެރިވުމަކީ ޖޯން ވަރަށް ހިތްހަމަޖެހުނު ކަމެކެވެ.
"ޑިޝޫމް" ރިލީޒްކުރަން ހަމަޖެހިފައިވަނީ އަންނަ ޖުލައި މަހުގެ 29 ވަނަ ދުވަހު އެވެ.