އަދުރޭ ގެންދިޔައީ، އުސޫލާ ޚިލާފަށް އެއްވުމެއް ބޭއްވުމުން މައުލޫމާތު ސާފުކުރަން: ފުލުހުން
އަދުރޭ ގެންދިޔައީ، އުސޫލާ ޚިލާފަށް އެއްވުމެއް ބޭއްވުމުން މައުލޫމާތު ސާފުކުރަން: ފުލުހުން

ފުލުހުން ދެންމެ ބުނީ، އަބްދުއްރަހީމް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އެޗުޕީއޭގެ އުސޫލާ ޚިލާފަށް، އޭނާ އިސްވެ ހުންނަވައިގެން މާލޭގައި މިއަދު ހަވީރު ބޭއްވި އެއްވުމެއް ރޫޅާލުމުގެ ބޭނުމުގައި ކަމަށް. އަދި އެކަމާ ގުޅޭ މައުލޫމާތު ސާފުކުރުމަށް ފަހު މިހާރު އަބްދުއްރަހީމް ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނޭ.

އަބްދުއްރަހީމް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ނަމަވެސް ހައްޔަރު ނުކޮށް ދޫކޮށްލައިފި. އޭނާ ފުލުހުންގެ ބެލުމުގެ ދަށުން ދޫކޮށްލީ ގަލޮޅު ޕޮލިސް ސްޓޭޝަނަށް ގެންގޮސް މައުލޫމާތު ސާފުކުރުމަށް ފަހު ކަމަށް ވޭ.

އިދިކޮޅު ހަރަކާތް ހިންގުމުގައި އިސްކޮށް ހުންނެވި، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ދެންމެ ހައްޔަރުކޮށްފި އެވެ.

އިިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު ހައްޔަރުކުރީ ގެ އަށް ވަޑައިގަންނަވަން ޕާޓީގެ އޮފީހުގެ ދޮރުމައްޗަށް ނުކުމެވަޑައިގެންނެވި ތަނުން ކަމަށެވެ.

އަބްދުއްރަހީމް ހައްޔަރުކުރި ސަބަބެއް އަދި ނޭނގެ އެވެ.

އޭނާ ކުއްލި ގޮތަކަށް މިއަދު ހައްޔަރުކުރިއިރު، ހަޑިހުތުރު ބަސް ބޭނުން ކުރެއްވި ކަމަށް ބުނެ، އަބްދުއްރަހީމްގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތް މިދިޔަ ޖެނުއަރީ 31 ގައި ވަނީ ފަށައިފަ އެވެ.

ދައުލަތުން ކުރި ދައުވާގައި ވަނީ ނޮވެމްބަރު، 28، 2019 ގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރި މަނީ ލޯންޑްރިންގެ ދައުވާގެ ހުކުމް އިއްވުމުގެ މަޖިލިސް ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ ވަގުތު އެ ސަރަހައްދުގައި ކުރި މުޒާހަރާގައި އަބްދުއްރަހީމް ވާހަކަ ދައްކަވަމުން، ޔާމީންގެ މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންނަށް ނިސްބަތް ކުރައްވައި ހުތުރު ބަހެއް (އެކަށީގެން ނުވާ ބަހަކަށް ވާތީ އުނިކޮށްފައިވާ) ބޭނުން ކުރައްވާފައިވާ ކަމަށެވެ. ހުތުރު ބަސް ބޭނުން ކުރެއްވުމުގެ އިތުރުން އެ ފަނޑިޔާރުން ޖަލަށްލާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި ކަމަށް އެ ދައުވާގައިވެ އެވެ.

މިދިޔަ ޖެނުއަރީ 27 ގައި އިދިކޮޅުން މާލޭގައި ބޭއްވި މުޒާހަރާއަކާ ގުޅިގެން ވެސް ފުލުހުން އަބްދުއްރަހީމްގެ މައްޗަށް ވަނީ ތިން ތުހުމަތެއް ކޮށްފަ އެވެ. އެއީ ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމުގެ ތުހުމަތާއި ފުލުހުން ބަންދު ކޮށްފައިވާ ސަރަހައްދަށް ވަނުމުގެ ތުހުމަތުގެ އިތުރުން އާންމު ދަތުރުފަތުރަށް ހުރަސް އެޅޭ ގޮތަށް މަގުމަތީގައި އިށީނދެ ތިބެގެން މުޒާހަރާ ކުރުމުގެ ތުހުމަތު ކަމަށް އަބްދުއްރަހީމް ވިދާޅުވެފައި ވެ އެވެ. އެކަމަކު، އެއީ ހަގީގަތާ ޚިލާފު ތުހުމަތުތަކެއް ކަމަށާއި ދަރުބާރުގެ ކައިރީގައި މުޒާހަރާ ނުކުރެވޭނެ ކަމަށް އޭރު ފުލުހުން ބުނެފައި ނުވާ ކަމަށް އޭނާ މީޑިއާގައި ވިދާޅުވެފައި ވެ އެވެ.

ޖެނުއަރީ 27 ގެ މުޒާހަރާއާ ގުޅިގެން އަބްދުއްރަހީމް ހައްޔަރުކުރި ނަމަވެސް ބަންދުގެ މުއްދަތު ޖަހަން ކްރިމިނަލް ކޯޓަށް ގެންދިއުމުން ޝަރުތުތަކަކާ އެކު ދޫކޮށްލީ އެވެ.