22 ފެބުރުއަރީ 2021 - 17:33

މަޑުއްވަރީ ދާއިރާގެ އިދިކޮޅު މެމްބަރު އާދަމް ޝަރީފު ދިވެހި ދައުލަތަށް ހިދުމަތް ކުރައްވާތާ މިއަދު 40 އަހަރު ފުރުމުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ތައުރީފުކުރައްވައިފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވައިދެއްވަމުން ނަޝީދު ވިދާޅުވީ، އިދިކޮޅު ޕީއެންސީގެ ނައިބު ލީޑަރު އާދަމް ޝަރީފުގެ ހިދުމަތްތަކުގެ ތަފްސީލަށް ވަޑައިގަންނަވާ ނަމަ ޖަލްސާ ނިންމޭކަށް ނެތް ކަމަށެވެ. އެހާ ގިނަ ކަންކަން ކުރައްވާފައި އެބަ ހުންނެވި ކަމަށް ވިދާޅުވި އެވެ
"ސަރުކާރުގެ އެންމެ އާދައިގެ ސްކޫލު އިރުން ފެށިގެން، ސްކޫލު ނިމުމާއެކުގައި ހެން،" އެމްޑީޕީގެ ރައީސްކަން ވެސް ކުރައްވާ ނަޝީދު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ އާދަމް ޝަރީފްގެ ހިދުމަތަށް 40 އަހަރު ފުރުމުން އޭނާގެ އުމުރާ ގުޅޭގޮތުން ބައެއް މެމްބަރުން ޝައްކު އުފައްދާނެ ކަމަށެވެ.
އާދަމް ޝަރީފް ހަޔާތުގެ ބޮޑު ހޭދަކުރެއްވީ ވެސް ތައުލީމީ ދާއިރާ އަށް ހިދުމަތް ކުރެއްވުމުގަ އެވެ. މީގެ 40 އަހަރު ކުރިން، 1981 ވަނަ އަހަރު އޭނާގެ ވަޒީފާ ފުރަތަމަ ފެއްޓެވީ ޕްރައިމަރީ ޓީޗަރެއްގެ ގޮތުގަ އެވެ. އޭގެ ފަހުން އެސިސްޓެންޓް ހެޑްމާސްޓަރުކަމާއި ޓީޗާ އެޑިއުކޭޓާ ކޯޑިނޭޓަރު އަދި ނޭޝަނަލް އިންސްޓިޓިއުޓު އޮފް އެޑިއުކޭޝަންގެ ޑިރެކްޓަރު ޖެނެރަލްކަން ކުރެއްވި އެވެ.
ސިޔާސީ ދާއިރާ އަށް ވަދެވަޑައިގަތީ އެ ހިސާބުންނެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފެބްރުއަރީ 2012 ން އޮކްޓޯބަރު 2015 އަށް އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން އަދި ތިން އަހަރު ވަންދެން ޑިފެންސް މިނިސްޓަރުކަން ކުރެއްވި އެވެ.
އޭނާ ވަނީ ތައުލީމީ ދާއިރާއިން އިނގިރޭސި ވިލާތުން މާސްޓާސް އަދި މެލޭޝިޔާއިން ޕްރޮފެޝަނަލް ޑިޕްލޮމާ އިން ޓީޗާ އެޑިއުކޭޝަން ނިންމަވައިފަ އެވެ.