22 ފެބުރުއަރީ 2021 - 14:39

ކޮވިޑް-19 އިން ރައްކާތެރިވާން މާސްކު އަޅާއިރު އެ ބަލިން ރައްކާތެރިކަން ލިބޭ ގޮތަށް މާސްކް އަޅަން ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން އިލްތިމާސްކޮށްފި އެވެ.
އެޗްއީއޯސީ އިން ރޭ ބޭއްވި މީޑިއާ ބްރީފިންގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގާއި ޓެގް ޓީމުން އިމުއިނައިޒޭޝަންގެ މަސައްކަތަށް ކަނޑައަޅާފައިވާ ޗެއާޕާސަން، ކުޑަކުދިންގެ ޑޮކްޓަރު ޑރ. އަހުމަދު ފައިސަލް ތަކުރާރުކޮށް އެދިވަޑައިގަތީ، މާސްކު އެޅުމުގައި ފަރުވާކުޑަ ނުކުރުމަށެވެ.
ކޮވިޑުން ރައްކާތެރިވާން ވެކްސިން ޖަހަމުން ދިޔަ ނަމަވެސް ބަލި ފެތުރުން ކޮންޓްރޯލް ކުރެވޭނީ ރައްކާތެރިކޮށް މާސްކު ވެސް އަޅައިގެން ކަމަށް އެ ބޭފުޅުން ވިދާޅުވި އެވެ.
ފައިސަލް ވިދާޅުވީ ގިނަ ބަޔަކު "މާސްކެއް ގެންގުޅުނަސް" މާސްކު އަޅާފައި ހުންނަނީ ނޭފަތް ނިވާ ނުވާ ގޮތަށް ކަމަށެވެ. އާންމު ތަންތަނަށް ދާ އިރު، ދަތްދޮޅީގައި މާސްކު އަޅާފައި ހުންނަ މަންޒަރު ފެންނަ ކަމަށާއި އެ ގޮތަށް އަމަލު ނުކުރުމަށް އެދިވަޑައިގަތެވެ.
މާސްކު އެޅުމުގެ މުހިއްމުކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ނަޒްލާ ވަނީ އެންމެ ސާޖިކަލް މާސްކު ނުވަތަ ތިން ލޭޔަރު ހުންނަ މާސްކް އަޅަން ލަފާ ދެއްވައިފަ އެވެ.
ވައިރަސް އަކީ އޭގެ ޒާތުގައި ވައިގެ ތެރޭ ގިނަ އިރު އުޅެވޭ އެއްޗެއް ނޫން ކަމަށާއި ވައިރަސް އަށް ދިރި ހުރެވޭނީ ދިރޭ "ހޯސްޓް" އެއްގެ ތެރޭގައި ކަމަށް ވުމުން، އެ ފުރުސަތު ނުދިނުން މުހިއްމު ކަމަށް ނަޒްލާ ވިދާޅުވި އެވެ.
ވޭލް ހުންނަ މާސްކު އެޅުން އާންމުވެފައިވާ ކަމަށާއި އެފަދަ މާސްކަކީ ރައްކާތެރި އެއްޗެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
"[އެފަދަ] މާސްކު އަޅާ މީހާ ނޭވާލާއިރުގައި އެ ވޭލުން ނުކުންނާނެ ބައެއް އެއްޗެހި. އެހެންވީމަ އެ މާސްކު އަޅާފައި ހުންނަ މީހާގެ ފަރާތުން އެހެން މީހުންނަށް ބަލި ފެތުރުމުގެ ފުރުސަތު އެބަ އޮތް،" އޭނާ ވިދާޅުވި އެވެ.
އާންމުންގެ ތެރޭގައި ހަލުވިކަމާ އެކު ބަލި ފެތުރޭ ނަމަ ވެކްސިންގެ ފައިދާ ވެސް އެންމެ އެކަށީގެންވާ ގޮތަށް ނުލިބޭނެ ކަމަށް ނަޒްލާ ވިދާޅުވި އެވެ. އެހެންވާ ނަމަ އާ ވޭރިއެންޓް އުފެދުން އެކަށީގެންވާ ކަމަށާއި އެހެންވެ އަދިވެސް އެންމެ ރަނގަޅީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ރަނގަޅަށް އެޅުން ކަމަށް ވިދާޅުވި އެވެ.
ރާއްޖޭގައި މިހާތަނަށް ކޮވިޑް-19 އަށް 18،769 މީހަކު މިހާތަނަށް ޕޮޒިޓިވްވެފައިވާ އިރު މި ބަލި ޖެހިގެން 60 މީހަކު ވަނީ މަރުވެފަ އެވެ.
ކޮވިޑުން ރައްކާތެރިވާން މި މަހުގެ ފުރަތަމަ ދުވަހު ވެކްސިން ޖަަހަން ފެށި ފަހުން މިހާތަނަށް 75،000 އަށް ވުރެ ގިނަ މީހުންނަށް ވެކްސިން ދީފައި ވެ އެވެ.