ފައިޒާ ވެކްސިންގެ ފުރަތަމަ ޑޯޒަށް ފަހު 85 ޕަސެންޓް ރައްކާތެރިކަން
ފައިޒާ ވެކްސިންގެ ފުރަތަމަ ޑޯޒަށް ފަހު 85 ޕަސެންޓް ރައްކާތެރިކަން

ވޮޝިންޓަން (ފެބްރުއަރީ 22) - ފައިޒާ/ބަޔޯއެންޓެކް ވެކްސިންގެ ފުރަތަމަ ޑޯޒް ދޭތާ ދެ ހަފުތާ އާއި ހަތަރު ހަފުތާއާ ދެމެދު ކޮރޯނާވައިރަހުން 85 ޕަސެންޓް ދިފާއުކޮށްދޭ ކަމަށް މެޑިކަލް ޖާނަލް ލާންސެޓުން ބުނެފި އެވެ.

އެ ސާވޭ ކުރިއަށް ގެންގޮސްފައި ވަނީ އިޒްރޭލުގެ އެންމެ ބޮޑު ހޮސްޕިޓަލްގެ ހެލްތުވޯކަރުންގެ މެދުގަ އެވެ. ޑިސެމްބަރު 19 ގައި ފައިޒާ ވެކްސިން ދޭން ފެށި، އިޒްރޭލުގެ އާބާދީގެ ދެބައިކުޅަ އެއްބަޔަށް މިހާރު ވަނީ ވެކްސިން ދީފަ އެވެ. އިޒްރޭލުން ހެދި ދިރާސާތަކުން ދައްކާ ގޮތުގައި ފައިޒާ ވެކްސިންގެ ދެ ވަނަ ޑޯޒް ޖަހާތާ އެއް ހަފުތާ ފަހުން 95 ޕަސެންޓުގެ ރައްކާތެރިކަން ލިބެ އެވެ. މެޑިކަލް ޖާނަލްގެ ރިޕޯޓް ބިނާކޮށްފައި ވަނީ ތެލް އަވީވްއާ ކައިރީގައިވާ ޝީބާ ހޮސްޕިޓަލްގެ 9،000 އަށް ވުރެ މެޑިކަލް ސްޓާފުން ބޭނުންކޮށްގެން ހެދި ދިރާސާއަށެވެ.

އެ ގްރޫޕުން 7،000 މީހުންނަށް ވަނީ ފުރަތަމަ ޑޯޒްދީފަ އެވެ. ބާކީ ތިބި މީހުންނަށް ވެކްސިނެއް ނުދެ އެވެ. އޭގެ ތެރޭން ބަލީގެ އަލާމާތްތައް ފެނުނު މީހުން ނުވަތަ ކޮރޯނާވައިރަހަށް ޕޮޒިޓިވްވި މީހުންނާއި ކޮންޓެކްޓްވެފައިވާ މީހުންގެ ތެރޭން ޓެސްޓް ހެދުމުން ޕޮޒިޓިވްވެފައި ވަނީ 170 މީހުންނެވެ. ޝީބާ ދިރާސާ އިން ދެއްކި ގޮތުގައި ވެކްސިން ދިންތާ 1-14 ދުވަހާ ދެމެދު 47 ޕަސެންޓް ރައްކާތެރިކަން ލިބެ އެވެ. އަދި 15-28 ދުވަހާ ދެމެދު 85 ޕަސެންޓުގެ ރައްކާތެރިކަން ލިބެ އެވެ.

އިޒްރޭލުގެ ނުވަ މިލިއަން މީހުންގެ އާބާދީގެ ތެރޭން ގާތްގަނޑަކަށް 4.5 މިލިއަން މީހުންނަށް މިހާރު ވަނީ ފައިޒާ ވެކްސިންގެ ފުރަތަމަ ޑޯޒްދީފަ އެވެ. ހެލްތު މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުން 2.85 މިލިއަން މީހުންނަށް ވަނީ ދެ ވަނަ ޑޯޒްދީފަ އެވެ.

ފައިޒާ އިން ބުނެފައި ވަނީ ކުރިއަށް ވުރެ ހޫނު ޓެމްޕަރޭޗަރެއްގައި ވެސް މިހާރު ވެކްސިން ސްޓޯކުރެވޭނެ ކަމަށެވެ. ފައިޒާ އިން ބުނީ 25- އާއި 15- ދެމެދުގެ ޑިގްރީ ސެލްސިއަސް (13- އާއި 5- ފެރަންހަންޓް) އާ ދެމެދު ދެ ހަފުތާގެ މުއްދަތަށް ވެކްސިން ސްޓޯކޮށްފައި ބެހެއްޓުމުގެ ހުއްދަ އަށް ފުޑް އެންޑް ޑްރަގު އެޑްމިނިސްޓްރޭޝަންގައި އެދިފައިވާނެ ކަމަށެވެ. މިއީ ފާމަޝޫޓިކަލް ފްރީޒާރުތަކުގައި އާއްމުކޮށް ހުންނަ ޓެމްޕަރޭޗަރެވެ.

މިހާރުގެ ގައިޑްލައިންގެ ދަށުން ފައިޒާ ވެކްސިން ސްޓޯކުރެވޭނީ 80- އާއި 60- ޑިގްރީ ސެލްސިއަސްއާ ދެމެދު ފަސް ދުވަހަށެވެ. އެހެންވެ ފައިޒާ ޝިޕްކުރަން ޚާއްސަ އަލްޓްރާ-ކޯލްޑް ކޮންޓެއިނަރުތަކާއި ސްޓޯކުރުމަށް ޑްރައި އައިސް ބޭނުންވެ އެވެ.