ދެ ކޯހަކުން 30 ޕަސެންޓާ ހަމައަށް އެވިޑް ކޮލެޖުން ޑިސްކައުންޓް ދެނީ
ދެ ކޯހަކުން 30 ޕަސެންޓާ ހަމައަށް އެވިޑް ކޮލެޖުން ޑިސްކައުންޓް ދެނީ

އެވިޑް ކޮލެޖުގައި އަންނަ އަހަރުގެ ޖެނުއަރީ މަހު ފަށާ ދެ ކޯހަކުން، 30 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ދޭން ނިންމައިފި އެވެ.

އެ ކޮލެޖުން މިއަދު ބުނީ ބެޗްލާސް އޮފް ޕްރޮޖެކްޓް މެނޭޖްމަންޓު ކޯސް ފީގެ ތެރެއިން 20 ޕަސެންޓް އަދި ބެޗްލާސް އޮފް އިންފޮމޭޝަން ޓެކްނޮލޮޖީ ސޮފްޓުވެއާ ކޯސް ފީގެ ތެރެއިން 30 ޕަސެންޓް ޑިސްކައުންޓް ދޭން ނިންމާފައިވާ ކަމަށެވެ.

ކޯސްތަކުގައި ބައިވެރިވާ ދަރިވަރުންގެ ކޯހަށް ފީ ދެއްކުމުގައި ފަސޭހަގޮތްތަކެއް ހަމަޖައްސައިދިނުމަށް ވެސް އެވިޑް ކޮލެޖުން ވަނީ ނިންމައިފަ އެވެ.

އެ ކޮލެޖުގެ ސީނިއާ މާކެޓިން މެނޭޖަރު އަހުމަދު އަލީ ވިދާޅުވީ އެވިޑް ކޮލެޖުން އަބަދު ވެސް މަސައްކަތް ކުރަމުން އަންނަނީ ދަރިވަރުންނަށް ލުއި ފަސޭހަވާނެ ގޮތަކަށް ކަންތައްތައް ކޮށްދިނުމަށް ކަމަށެވެ.

"މިސާލަކަށް ކޯހުގެ ފީ ދެ އަހަރުގެ ތެރޭގައި ދައްކަންޖެހޭނަމަ އެ އަދަދު ތިން އަހަރަށް މި އިތުރުކުރީ،" އަހުމަދު ވިދާޅުވި އެވެ.

އަންނަ އަހަރުގެ ފުރަތަމަ އިންޓޭކުގައި ފަށާ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ވެސް އެވިޑް ކޮލެޖުން ވަނީ ޖެނުއަރީ މަހާ ހަމައަށް ހުޅުވާލައިފަ އެވެ. ޖެނުއަރީ މަހު ފަށާ ކޯސްތަކުގެ ތެރޭގައި އާލީ ޗައިލްޑްހުޑް އެޑިޔުކޭޝަނާއި މިޑްލްސްކޫލް ޓީޗިންނާއި ބިޒްނަސް އެޑްމިނިސްޓްރޭޝަން ހިމެނެ އެވެ. މީގެ އިތުރުން ޕްރޮޖެކްޓް މެނޭޖްމަންޓާއި ހިއުމަން ރިސޯސަސް ދާއިރާ އާއި ކައުންސެލިންނާއި އެޑިޔުކޭޝަނަލް ލީޑަޝިޕް މެނޭޖްމަންޓް ހިމެނެ އެވެ.

މެލޭޝިޔާގެ ޔުނިވާސިޓީއަކާ ގުޅިގެން އަންނަ އަހަރުގެ ތެރޭގައި މާސްޓާސް އިން އާލީ ޗައިލްޑްހުޑް އެޑިއުކޭޝަން ކޯހެއް ފެށުމަށް ތައްޔާރުވަމުން އަންނަކަމަށް ވެސް އަހުމަދު ވިދާޅުވި އެވެ. އަދި މެލޭޝިޔާ ޔުނިވާސިޓީގެ އެޑިއުކޭޝަންގެ ޕީއެޗްޑީ ޕްރޮގްރާމް އެވިޑް ކޮލެޖުން މެނޭޖްކުރަން ހަމަޖައްސާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެވިޑް ކޮލެޖު މީގެ 11 އަހަރު ކުރިން ހިންގަމުން އައީ ޓިއުޝަން ސެންޓަރެއްގެ ގޮތުގަ އެވެ. ނަމަވެސް އެތަން ކޮލެޖަކަށް ބަދަލުކޮށްފައިވަނީ 2013 ވަނަ އަހަރެވެ.