21 ފެބުރުއަރީ 2021 - 21:14

ރާއްޖެ މިއަދު އައި ޓޫރިސްޓުންގެ އަދަދު 5،100 އަށް އަރައިފި އެވެ.
މިއީ މި އަހަރުގެ މިހާތަނަށް އެންމެ ގިނައިން ޓޫރިސްޓުން ރާއްޖެ އައި ދުވަހެވެ.
މި އަހަރުގެ މިހާތަނަށް 159،000 ޓޫރިސްޓުން ރާއްޖެ އައިސްފައިވެ އެވެ. މިހާރު ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަނީ އިންޑިއާއިންނެވެ. އެ ގައުމުން މިހާތަނަށް 36،000 ޓޫރިސްޓުން އައިސްފައިވެ އެވެ. ދެވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އައީ ރަޝިއާއިންނެވެ. އެ ގައުމުން 34،000 ޓޫރިސްޓުން އައެވެ.
ކޮވިޑާ ގުޅިގެން މިދިޔަ އަހަރު ރާއްޖޭގެ ޓޫރިޒަމް ދާއިރާ އަށް އަދި މުޅި އިގްތިސާދަށް ވެސް ވަރަށް ބޮޑަށް އަސަރު ކުރި އެވެ. މިދިޔަ އަހަރު ރާއްޖޭގެ ބޯޑަރު ހަތަރު ވަރަކަށް މަހަށް ބަންދު ކުރުމަށް ފަހު ހުޅުވީ ޖުލައި މަހު އެވެ. މިދިޔަ އަހަރު ރާއްޖެ އައީ ފަސް ލައްކަ ޓޫރިސްޓުންނެވެ.
ރާއްޖެއަށް ޓޫރިސްޓުން އަންނަ ވަރު އިތުރުވާން ފެށީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ. އެއަށް ފަހު އެވްރެޖުކޮށް ދުވާލެއްގެ މައްޗަށް 3،000 ޓޫރިސްޓުން ދިޔައީ އަންނަމުންނެވެ. ސަރުކާރުގެ އަމާޒަކީ މި އަހަރު 1.5 މިލިއަން ޓޫރިސްޓުން ރާއްޖެ ގެނައުމެވެ.