ރެކޯޑް ދަމަހައްޓައި ޖޮކޮވިޗް ތަށި އުފުލާލައިފި
ރެކޯޑް ދަމަހައްޓައި ޖޮކޮވިޗް ތަށި އުފުލާލައިފި

މެލްބަން (ފެބްރުއަރީ 21) - ފައިނަލުގައި ރަޝިއާގެ ޑެނީލް މެޑްވެޑޭވް ބަލިކޮށް ސާބިއާގެ ނޯވަކް ޖޮކޮވިޗް، އޮސްޓްރޭލިއަން އޯޕަން ޗެމްޕިއަންކަން ނުވަ ވަނަ ފަހަރަށް ހޯދައިފި އެވެ.

މި މުބާރާތުގެ ފައިނަލުން ފުރުސަތު ހޯދި ކޮންމެ ފަހަރަކު ޖޮކޮވިޗް ވަނީ ތަށި އުފުލާލައިފަ އެވެ. ޖޮކޮވިޗް ޗެމްޕިއަންކަން ހޯދި އަހަރުތަކަކީ 2008، 2011، 2012، 2013، 2015، 2016، 2019، 2020 އަދި 2021 އެވެ. ގްރޭންޑް ސްލޭމް މުބާރާތެއްގެ ފައިނަލުގައި ފުރިހަމަ ރެކޯޑެއް ދަމަހައްޓަމުން އަންނަ މަދު ކުޅުންތެރިންގެ ތެރޭގައި ޖޮކޮވިޗް ހިމެނެ އެވެ.

މިއަދުގެ ފައިނަލުގައި މެޑްވެޑޭވްގެ މައްޗަށް ޖޮކޮވިޗް ކުރިހޯދީ 7-5 6-2 6-2 އިންނެވެ. މިއީ ކެރިއަރުގައި ޖޮކޮވިޗް ކާމިޔާބުކުރި 18 ވަނަ ގްރޭންޑްސްލޭމް މުބާރާތެވެ. އެންމެ ގިނަ ގްރޭންޑްސްލޭމް ކާމިޔާބުކުރުމުގެ ރެކޯޑް އޮތީ 20 ތަށި އުފުލާލާފައިވާ ސްވިޒަލެންޑްގެ ރޮޖާ ފެޑެރާ އާއި ސްޕެއިނުގެ ރަފައެލް ނަޑާލް އަތުގަ އެވެ.

"މިއީ އަހަންނަށް އެންމެ ހާއްސަ މުބާރާތް. މި އުނދަގޫ ހާލަތުގައި (ކޮވިޑް-19ގެ ސަބަބުން) ކުޅިވަރަށް އެކަނި ފޯކަސް ކޮށްގެން ހުރުމަކީ ފަސޭހަކަމެއް ނޫން. ވަރަށް ބައިވަރު ކަންކަން ހާސިލްކޮށްގެން މި ފަހަރު މި ތަށީގައި މި އަތްލެވުނީ،" ދުނިޔޭގެ ރޭންކިންގެ އެއް ވަނައިގައި އޮތް ޖޮކޮވިޗް ބުންޏެވެ.

"ވަކި ރެކޯޑަކަށް ނުވިސްނަން (ފެޑެރާ އާއި ނަޑާލްގެ ގްރޭންޑްސްލޭމް ރެކޯޑް). އަހަރެން މަސައްކަތް ކުރާނީ ޓެނިހުން ރިޓަޔާކުރަންދެން ކުޅޭ ކޮންމެ މުބާރާތެއް ކާމިޔާބުކުރަން. ފެޑެރާ އާއި ނަޑާލް އަކީ އަބަދުވެސް އަހަރެންގެ ފުރިހަމަ އިހުތިރާމް ލިބޭނެ ދެ ކުޅުންތެރިން."

މި ހަފްތާ ނިމުމާ އެކު އުމުރުން 33 އަހަރުގެ ޖޮކޮވިޗަށް ޓެނިހުގެ ހާއްސަ ރެކޯޑެއް ގާއިމްކުރެވޭނެ އެވެ. އެއީ ދުނިޔޭގެ އެއް ވަނައިގައި އެންމެ ގިނަ ހަފްތާ ފުރިހަމަކުރުމުގެ ރެކޯޑެވެ. މި ހަފްތާ ނިމުމުން ޖޮކޮވިޗް އެއް ވަނައިގައި އޮންނަތާ 311 ހަފްތާ ފުރިހަމަވާނެ އެވެ. މީގެ ކުރިން މި ރެކޯޑް އޮތީ 310 ހަފްތާ ވަންދެން އެއް ވަނައިގައި މަގާމު ދެމެހެއްޓި ފެޑެރާ އަތުގަ އެވެ.

މެޑްވެޑޭވް މިހާތަނަށް ގްރޭންޑްސްލޭމް ފައިނަލުގައި ކުޅުނު ދެ ފަހަރު ވެސް ވަނީ ބަލިވެފަ އެވެ. އޭނާގެ އެންމެ ފުރަތަމަ ގްރޭންޑްސްލޭމް ފައިނަލަކީ 2019 ވަނަ އަހަރުގެ ޔޫއެސް އޯޕަން އެވެ. އެ ފަަހަރު އޭނާ ބަލިވީ ނަޑާލް އަތުންނެވެ.