10 ނޮވެމްބަރ 2016 - 11:14

އެލައިޑް އިންޝުއަރެންސް ގައުމީ ވޮލީބޯޅަ ލީގުގައި ރޭ ޕޮލިސް ކްލަބް އަތުން 3-1 ސެޓުން މޮޅުވެ ލީގުގެ ތިން ވަނަ މަގާމަށް ސްޓެލްކޯ ރިކްރިއޭޝަން ކްލަބް އަރައިފި އެވެ.
ލީގުގެ އެއް ވަނައިގައި 11 ޕޮއިންޓާ އެކު ދިވެހި ސިފައިންގެ ކްލަބް އޮތްއިރު 10 ޕޮއިންޓާ އެކު ދެ ވަނައިގައި އޮތީ މޯލްޑިވިއަން ސްޕޯޓްސް އެންޑް ރިކްރިއޭޝަން ކްލަބެވެ. ނުވަ ޕޮއިންޓާ އެކު ތިން ވަނައިގައި ސްޓެލްކޯ އޮތްއިރު ޕޮލިސް އޮތީ ހަ ޕޮއިންޓާ އެކު ހަތަރު ވަނައިގަ އެވެ. ޕޮއިންޓެއް ނުލިބި ފުލުގައި އޮތް ގުޑީސް ސްޕޯޓްސް ކްލަބާއި ސްޕޯޓްސް ކްލަބް ސިޓީ އަށް ލީގުގެ ހަތަރެއްގެ ތެރޭ ހިމެނި ގައުމީ މުބާރާތަށް ކޮލިފައިވުމުގެ ފުރުސަތު ވަނީ ހަނިވެފަ އެވެ.
ޕޮލިސް އަތުން ސްޓެލްކޯ މޮޅުވީ ރޭ 3-1 ސެޓުންނެވެ. މި މެޗުގެ ފުރަތަމަ ސެޓު ސްޓެލްކޯ ކާމިޔާބުކުރީ 25-23 އިންނެވެ. އެކަމަކު ޕޮލިހުން ވަނީ ދެ ވަނަ ސެޓު 13-25 އިން ކާމިޔާބުކޮށްފަ އެވެ. ސްޓެލްކޯ މެޗު ކާމިޔާބުކުރީ ފަހު ދެ ސެޓު 32-30 އިން އަދި 25-18 އިން ކާމިޔާބުކޮށްގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ސްޓެލްކޯގެ ހަސަން ނިލާމެވެ.
ސިފައިން ވަނީ އިއްޔެ ހަވީރު ސިޓީ އަތުން ސީދާ ތިން ސެޓުން މޮޅުވެފަ އެވެ. މި މެޗުގެ ސެޓުތައް ސިފައިން ގެންދިޔައީ 25-22، 25-14 އަދި 25-21 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ސިފައިންގެ ކްލަބުގެ އާދަމް ނަސީމެވެ.
މޯލްޑިވިއަން ވެސް ވަނީ ރޭ ފަސޭހަކަމާ އެކު ގުޑީސް އަތުން ސީދާ ތިން ސެޓުން މޮޅުވެފަ އެވެ. މި މެޗު މޯލްޑިވިއަން ކާމިޔާބުކުރީ 25-10، 25-16 އަދި 25-16 އިންނެވެ. މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ މޯލްޑިވިއަންގެ އަލީ ހުޒާމެވެ.
ކޮންމެ ޓީމެއް ހަތަރު މެޗު ކުޅެފައިވާއިރު ސިފައިން ވަނީ ހަތަރު މެޗުން ވެސް މޮޅުވެފަ އެވެ. މޯލްޑިވިއަން އަދި ސްޓެލްކޯ ކޮންމެ ޓީމެއް ތިން މެޗު ކާމިޔާބުކޮށްފައިވާއިރު ޕޮލިސް މޮޅުވީ ދެ މެޗުންނެވެ. ސިޓީ އާއި ގުޑީސް އެއްވެސް މެޗަކުން މޮޅެއް ނުވެ އެވެ. ލީގު އުސޫލުން ދެ ބުރު ކުޅުމަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށް ޗެމްޕިއަންކަން ލިބޭއިރު ގައުމީ މުބާރާތަށް ހޮވޭނީ ގަދަ ހަތަރު ޓީމެވެ.