21 ފެބުރުއަރީ 2021 - 14:53

ރާއްޖޭގެ ދާހިލީ ހަމަޖެހުމާއި ޑިމޮކްރަޓިކް ނިޒާމް ދެމެހެއްޓުމުގައި އިންޑިއާ އެހީތެރިވެދިނުމަށް، އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖަޔަޝަންކަރް އަރިހުން މިއަދު އެދެފި އެވެ.
ޕީޕީއެމް/ޕީއެންސީން މިކަންކަމަށް އެދުނީ ރަސްމީ ދަތުރެއްގައި ރާއްޖެ ވަޑައިގެން އުޅުއްވާ ޖަޔަޝަންކަރާ އިދިކޮޅު ކޯލިޝަނުން މިއަދު އިންޑިއާ ހައި ކޮމިޝަނުގައި ބައްދަލުކުރުމަށް ފަހުގަ އެވެ.
އެ ބައްދަލުވުމަށް ފަހު އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނުގައި ބުނީ ރާއްޖޭގެ ޑިމޮކްރަޓިކް ނިޒާމް މި ސަރުކާރުގެ އަމަލުތަކުގެ ސަބަބުން ދުވަހެއް ދުވަހަކަށް ބަލިކަށިވަމުންދާ ކަމަށް އެ ބައްދަލުވުމުގައި ފާހަގަކޮށްފައި ވާނެ ކަމަށެވެ. އަދި ރާއްޖޭގައި ދާހިލީ ހަމަޖެހުން އޮތުން އިންޑިއާ އަށް ވެސް މުހިންމު ވާނެ ކަމަށާއި މި ސަރުކާރުގެ ހަރުކަށި އަމަލުތަކާމެދު އިންޑިއާ ފާރަވެރިވެ އޮތުމަށް ވެސް އެދުނު ކަމަށް ބަޔާނުގައިވެ އެވެ.
ކޯލިޝަން ހިންގެވުމުގައި މި ވަގުތު އިސްކޮށް ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އިސްކޮށް ހުންނަވައި ބޭއްވި މި ބައްދަލުވުމުގައި، ޑިމޮކްރަސީގެ މަގަށް އަލުން ރުޖޫއަވުމަށް ސަރުކާރަށް ނަސޭހަތްތެރިވުމަށް އިންޑިއާ އިން ބާރު އެޅުމުގެ މުހިންމުކަން ވެސް ފާހަގަކޮށްފައި ވާނެ ކަމަށް ބަޔާނުގައިވެ އެވެ.
މަނީ ލޯންޑަރިންގެ ކުށުގައި ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިންސާނީ ހައްގުތައް ގެއްލެމުންދާ ކަމަށާއި ޖަލުގައި ހުންނަނީ ނުހައްގުން ކަމަށް ފާހަގަކޮށް އެ މައުލޫމާތު ފޮރިން މިނިސްޓަރާ ހިއްސާކުރިކަން ބަޔާނުގައިވެ އެވެ. އަދި ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ސިޔާސީ ޕާޓީތަކަށް ހަމަހަމަ ފުރުސަތު ތަނަވަސްވެފައި ނުވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
މި ބައްދަލުވުމުގައި ޕީއެންސީގެ ނައިބު ރައީސުން ކަމަށްވާ މުހައްމަދު ހުސައިން ޝަރީފާއި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދާއި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފާއި ޕީޕީއެމްގެ ނައިބުން ކަމަށްވާ ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދ ގައްސާން މައުމޫނާއި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ބައިވެރިވެ ވަޑައިގަތެވެ. ލީޑަޝިޕްގެ މި ބޭފުޅުންގެ އިތުރުން އެޑްވައިޒަރުން ކަމަށްވާ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދާއި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވެސް ބައިވެރިވެ ވަޑައިގަތެވެ.