ވެކްސިން ދިނުން 30 އަހަރުން މައްޗަށް، ލިޔެކިޔުން ނެތް ބިދޭސީންނަށް ވެސް ދޭނެ
ވެކްސިން ދިނުން 30 އަހަރުން މައްޗަށް، ލިޔެކިޔުން ނެތް ބިދޭސީންނަށް ވެސް ދޭނެ

ކޮވިޑް-19 އިން ރައްކާތެރިވާން ދެމުން އަންނަ ވެކްސިން، އުމުރުން 30 އަހަރުން މަތީގެ މީހުންނަށް ދޭން ފަށައި ލިޔެކިޔުން ނެތް ބިދޭސީން ވެސް ވެކްސިނަށް ރަޖިސްޓްރީކުރަން ފަށައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ އުމުރުން 30 އަހަރުގެ އެންމެންނަށް ވެކްސިން ދޭން ފެށި ނަމަވެސް، ދިގު މުއްދަތަކަށް ބޭސްކުރާ ނަމަ އެ އުމުރުން ދަށުގެ މީހުންނަށް ވެކްސިން ދިނުން ކުރިން ވެސް އޮތް ގޮތަށް ކުރިއަށް ގެންދާނެ އެވެ.

އެންމެ ފުރަތަމަ، އުމުރުން އެންމެ ދުވަސްވީ އަދި ހައި ރިސްކް މީހުންނަށް ވެކްސިން ދޭން ފެށުމަށް ފަހު އެޗްޕީއޭ އިން އަންނަނީ ވެކްސިންދޭ މީހުންގެ އުމުރު ދަށްކޮށް ވެކްސިން ދޭ މީހުންގެ އަދަދު އިތުރުކުރަމުންނެވެ.

ސައްހަ ލިޔެކިޔުން ނެތް ބިދޭސީންނަށް ވެސް ވެކްސިން ޖެހޭނެ އިންތިޒާމް މިހާރު ވަނީ ހަމަޖައްސައިފަ އެވެ. އެ މީހުން ވެކްސިން ޖަހަން ބޭނުން ނަމަ މޯލްޑިވިއަން ރެޑް ކްރެސެންޓް (އެމްއާރްސީ) ގެ ފޯނު ނަންބަރު 3307665 އަށް ގުޅުމުން ރަޖިސްޓްރީ ކުރެވޭނެ އެވެ.

ރާއްޖޭގައި ވެކްސިން ދޭން ފެށީ މި މަހުގެ އެއްވަނަ ދުވަހު އެވެ. އިއްޔެގެ ނިޔަލަށް 70،000 އަށް ވުރެ ގިނަ މީހުންނަށް ވެކްސިން ވަނީ ދީފަ އެވެ. އޭގެ ތެރޭގައި ރަށްރަށުގައި ވެކްސިންދޭ ތަންތަނުން 16،340 މީހުންނަށް ވެކްސިން ދީފައި ވެ އެވެ. މާލެ ސަރަހައްދުގައި 10 ސެންޓަރެއްގައި ވެކްސިން ދޭ އިރު، ރަށްރަށުގައި ވެކްސިންދޭ 69 ސެންޓަރެއް އެބަ ހުއްޓެވެ.