އައްޑޫގައި ފެން ހިންދައި މަގު ހަދަން 1.1 ބިލިއަން ރުފިޔާއަށް އިންޑިއާގެ ކުންފުންޏަކާ ހަވާލުކޮށްފި
އައްޑޫގައި ފެން ހިންދައި މަގު ހަދަން 1.1 ބިލިއަން ރުފިޔާއަށް އިންޑިއާގެ ކުންފުންޏަކާ ހަވާލުކޮށްފި

އައްޑޫގައި ފެން ހިންދުމުގެ ނިޒާމް ގާއިމްކޮށް މަގު ހެދުމުގެ މަސައްކަތް 1.1 ބިލިއަން ރުފިޔާ އަށް އިންޑިއާގެ ބޮޑު ކުންފުންޏަކާ މިއަދު ހަވާލުކޮށްފި އެވެ.

ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި، 730 ދުވަހުން އެ މަޝްރޫއު ނިންމުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ޕްލޭނިން މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގާއި އިންޑިއާގެ އެފްކޯންސް އިންފްރާސްޓްރަކްޗާގެ ޑިރެކްޓާ އޮފް އޮޕަރޭޝަންސް ރަވީ ޕްރަކާޝެވެ.

އެ ރަސްމިއްޔާތުގައި މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ. ސުބްރަމަންޔަން ޖައިޝަންކަރު ބައިވެރިވެވަޑައިގަތެވެ.

މިއީ އިންޑިއާގެ އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ހިންގަން ނިންމާފައިވާ ދެ ވަނައަށް އެންމެ ބޮޑު މަޝްރޫއެވެ. އައްޑޫގެ ތަރައްގީއަށް ބޭނުންވާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުން ވެސް މި މަސައްކަތުގައި ހިމެނެ އެވެ.

- ފެން ހިންދާ ނިޒާމް ގާއިމްކުރަން ހަމަޖައްސާފައިވަނީ އައްޑޫ ފޭދޫ ފިޔަވައި އެހެން ހުރިހާ ރަށެއްގައި (ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، ހުޅުދޫ އަދި މީދޫ)

- ގާއިމްކުރާ ފެންހިންދާ ނިޒާމުގެ ޖުމްލަ ދިގުމިނަކީ 103 ކިލޯމީޓަރު

- އައްޑޫ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، ފޭދޫ، ހުޅުދޫ އަދި މީދޫ ހިމެނޭގޮތަށް 40 ކިލޯމީޓަރުގެ މަގުގައި ތާރު އަޅާނެ

- ތާރުއަޅަން ކަނޑައަޅާފައިވާ މަގުތަކުގެ އިތުރުން ގާތްގަނޑަކަށް 60 ކިލޯމީޓަރުގެ މަގުގައި ސިމެންތި ސްޓެބިލައިޒްޑް ބޭސް ލޭޔާ އެޅުމަށް ވަނީ ހަމަޖައްސާފައި. އެ ލޭޔާގެ ބޭނުމަކީ ފެން ހިންސާ ނިޒާމުގެ ތެރެއަށް ވެލި އެޅި ދިމާވެދާނެ މައްސަލަތަކުން ރައްކާތެރިވުން.

- ތަރައްގީކުރާ މަގުތަކުގައި މަގުބައްތި ޖަހައި ސީސީޓީވީ ކެމެރާ އަދި ޓްރެފިކް އެކްސިޑެންޓުތައް މަދުކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް ގާއިމްކުރާނެ.

- އައްޑޫ ހަންކެޑެ ހިމެނޭ ސަރަހައްދުގައި މިހާރު ބޭނުންކުރަމުން އަންނަ ލިންކް ރޯޑުގެ ހުޅަނގުން ހަންކެނޑަށް ނާރާ ގޮތަށް ހިތަދޫ ގައުކެޑިއާއި މަރަދޫއާ ގުޅާލުމަށްޓަކައި 1.4 ކިލޯމީޓަރުގެ އާ ހަތަރު ލޭންގެ ޑީޓުއާ ލިންކް ރޯޑެއް މަޝްރޫއުގެ ދަށުން ގާއިމްކުރާނެ.

އައްޑޫގެ ތަރައްގީއަށް ކަނޑައެޅި ސްކޯޕްގެ ތެރޭގައި ބިން ހިއްކުން ހިމެނެ އެވެ. އެގޮތުން ހިތަދޫގައި 90 ހެކްޓަރު، މަރަދޫ-މަރަދޫފޭދޫގައި 75 ހެކްޓަރު، ހުޅުދޫ އަދި މީދޫގައި ޖުމްލަ 38 ހެކްޓަރުގެ ބިންހިއްކަން ޕްލޭންކޮށްފައި ވެ އެވެ. ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ޓޫރިޒަމަށް އައްޑޫ ސިޓީ ހުޅުވާލަން ބޭނުންވާ ބިން ހިއްކުމުގެ ޕްލޭންގެ ދަށުން އެކި ސަރަހައްދުތަކުން 25 ހެކްޓަރުގެ ބިން ހާއްސަކޮށް ހިއްކުން ހިމެނެ އެވެ.

އެ ސިޓީގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ކުރިއަށްގެންދަން އިންޑިއާގައި އިއުލާނުކޮށް ޕްރީކޮލިފިކޭޝަން މަރުހަލާ ވަނީ ނިންމާފަ އެވެ. ކުރިއަށް އޮތް މަސް ދުވަހުގެ ތެރޭގައި ޓެންޑާ މަރުހަލާ ނިމޭނެ ކަމަށް ސަރުކާރުން ބުނެ އެވެ.