21 ފެބުރުއަރީ 2021 - 00:19

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ މަސައްކަތްތައް ކުރިއަށް ގެންދާ ދަރުބާރުގެއިން 6 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.
އެޗްއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ދަރުބާރުގޭގައި ކްލަސްޓާއެއް އޮތް ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ޑިރެކްޓަރު އަހްމަދު ނާސިރު ވިދާޅުވީ ކޮވިޑަށް ޕޮޒިޓިވްވާ ރޭޓް ދަށް ނުވާ ކަމުގެ ކަންބޮޑުވުންފާޅުކުރައްވަމުންނެވެ. ބަލިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އަޅާށާއި ތަންފީޒުކުރަން ތިބޭ މީހުން ވެސް ބައްޔަށް ހުށަހެޅެމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖެ އިން މިއަދު ވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވި އަދަދު އުޅެނީ 145 ގަ އެވެ. އެކަމަކު ވެސް މާސްކް ނޭޅުމާއި ގައިދުރުކަން ނުބެހެއްޓުމާއި ސިއްހީ ގޮތުން ނުރައްކަލަކަށް ހުށަހެޅިދާނެ ގިނަ ކަންކަން އަދިވެސް ކުރަމުންދާ ކަމަށް އެޗްއީއޯސީން ބުންޏެވެ.
ނާސިރު ވިދާޅުވި ގޮތުގައި ދަރުބާރުގެ އިން ޕޮޒިޓިވްވި މީހުންގެ ޑައިރެކްޓް ކޮންޓެކްޓްސްގެ ގޮތުގައި 29 މީހަކު އެބަތިއްބެވެ. އެ އެންމެން ވެސް މިހާރު ވަނީ ކަރަންޓީންކޮށްފަ އެވެ.
"ދަރުބާރުގޭގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅުގަނޑުމެން ވަރުގަދަކޮށް ހަރުދަނާކުރުމުގެ މަސައްކަތް ކުރަމުން މިދަނީ،" ނާސިރު ވިދާޅުވި އެވެ.
ކޮވިޑް-19 ހަލުވި ސްޕީޑުގައި ފެތުރި ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވެފައިވާ އިރު ރާއްޖެ މިއޮތީ ނުރައްކާތެރި ހާލަތެއްގައި ކަމަށް ސިއްހީ މާހިރުން ތަކުރާރުކޮށް ގެންދަވަނީ ވިދާޅުވަމުންނެވެ. ކުރިން ދީފައިވާ ލުއިތައް ވެސް ވަނީ ހަރުކަށިކޮށްފަ އެވެ. އެކަމަކު ބަލި ޖެހޭ މީހުންގެ އަދަދު ދަށް ނުވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ގިނަ ބަޔަކު އަމަލުނުކުރާތީ ކަމަށް އެޗްއީއޯސީން ބުނެ އެވެ.
ރާއްޖެ އިން މި ބަލީގައި މިއަދު ވަނީ 60 ވަނަ މީހާ މަރުވެފަ އެވެ.