ރާއްޖޭގެ ކުޅިވަރު ތަރައްގީ ކުރަން އިންޑިއާ އިން 40 މިލިއަން ޑޮލަރުގެ އެހީއެއް
ރާއްޖޭގެ ކުޅިވަރު ތަރައްގީ ކުރަން އިންޑިއާ އިން 40 މިލިއަން ޑޮލަރުގެ އެހީއެއް

ރާއްޖޭގެ ކުޅިވަރު ތަރައްގީ ކުރުމަށް އިންޑިއާގެ ފަރާތުން 40 މިލިއަން ޑޮލަރުގެ ލޯން އެހީ އެއް ދޭން ނިންމާފައިވާ ކަމަށް އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ. ސުބްރަމަންޔަން ޖައިޝަންކަރު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ކުޅިވަރު ތަރައްގީ ކުރަން އިންޑިއާ އިން 40 މިލިއަން ޑޮލަރުގެ އެހީއެއް
ރާއްޖޭގެ ކުޅިވަރު ތަރައްގީ ކުރަން އިންޑިއާ އިން 40 މިލިއަން ޑޮލަރުގެ އެހީއެއް

ކުޅިވަރު އެކުވެނި ސިންތެޓިކް ޓްރެކުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަަވަމުން ޖައިޝަންކަރު ވިދާޅުވީ އިންޑިއާ އިން ރާއްޖޭގެ ކުޅިވަރުގެ ތަރައްގީ އަށް އަބަދު ވެސް އެހީތެރިވެދޭނެ ކަމަށާއި ރާއްޖޭގެ ގައުމީ ޓީމުތައް ތަމްރީން ކުރުމުގެ ފުރުސަތުތައް އިންޑިއާ އިން ފަހިކޮށްދޭނެ ކަމަށެވެ.

"އިންޑިއާގެ ކްރެޓިޑް ފެސިލިޓީގެ ދަށުން މިދޭ އެހީ (40 މިލިއަން ޑޮލަރުގެ ލޯން އެހީ)ގެ ކަންތައްތައް ހަމަޖެހުނުހާ އަވަހަކަށް އެއްބަސްވުމުގައި ސޮއިކުރެވިގެންދާނެ." ޖައިޝަންކަރު ވިދާޅުވި އެވެ.

"އަހަރެން އުފަލާއެކު ފާހަގަކުރާ ކަމެއް އެއީ ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ވަނީ (އެންމެ ފަހުން ބޭއްވި) އައިއޯއައިޖީ އަށް ދިއުމުގެ ކުރިން އިންޑިޔާގައި ތަމްރީން ހަދާފައި. އިންޑިއާ އިން ވަނީ ރާއްޖޭގެ ކްރިކެޓް ޓީމުގެ އަންހެން 30 ކުޅުންތެރިންނާއި ފިރިހެން 30 ކުޅުންތެރިންނަށް ތަމްރީން ކުރުމުގެ ފުރުސަތު ތަަނަވަސްކޮށްދީފައި. މި ނޫނަސް އެކި ގޮތްގޮތުން އިންޑިއާގެ ފަރާތުން ރާއްޖެ ކުޅިވަރަށް އެހީތެރިކަން ފޯރުކޮށްދޭން ތައްޔާރު،"

ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ވަނީ އިންޑިއާ އިން ރާއްޖޭގެ ކުޅިވަރަށް ކޮށްދޭ ހިދުމަތްތަކުގެ އަގުވަޒަންކުރާ ކަމަށް ވިދާޅުވެފަ އެވެ. އަދި ރާއްޖޭގެ ތަރައްގީގެ އިސް ބައިވެރިއެއްގެ ގޮތުގައި އަބަދު ވެސް އިންޑިއާ ވާނެ ކަމަށާއި ހާއްސަކޮށް މި ސަރުކާރާ ގުޅިގެން އެކި ރޮނގުރޮނގުން ރާއްޖެ ކުރިއަރުވަން އިންޑިއާ އިން ދޭ އެއްބާރުލުމަށް ޝުކުރު އަދާކުރާ ކަމަށް މަހުލޫފް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިދިޔަ އަހަރުގައި އިންޑިއާއާ އެކު ސޮއިކުރި އެއްބަސްވުމުގެ ދަށުން ކުޅުންތެރިން ތަމްރީންތަކަށް ފޮނުވުމަށް ވަނީ ހަމަޖެހިފައި. އެކަން ނުކުރެވި މި އޮތީ ކޮވިޑް-19ގެ ސަބަބުން މި އައިސްފައިވާ ހުއްޓުމުގެ ތެރޭގައި،" މަހުލޫފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިންޑިއާ ސަރުކާރުގެ ހިންގުންތެރި މަސައްކަތްތަކާ އެކު އެ ގައުމުގެ ކުޅިވަރު މުޅި ދުނިޔޭގެ ނިސްބަތުން ބެލިޔަސް ބޮޑު ބާރަކަށްވާނެ ކަމަށާއި އޭގެ ސަބަބުން ރާއްޖެ އަށް ވެސް ފައިދާތަކެއް ކުރާނެ ކަމަށެވެ.

ހުޅުމާލޭގައި ގާއިމްކުރާ ބައިނަލްއަގުވާމީ ކްރިކެޓް ސްޓޭޑިއަމް އަކީ އިންޑިއާ އިން ރާއްޖެ އަށް ދޫކުރަން އެއްބަސްވެފައިވާ 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ)ގެ ކްރެޑިޓްލައިނުގެ ދަށުން އަޅާ ދަނޑެކެވެ. އިންޑިއާގެ އެހީގައި ރާއްޖޭގެ އެކި ރަށްރަށުގައި އައުޓް ޑޯ ޖިމާއި ޕާކް ހެދުމަށް ވަނީ ހަމަޖެހިފަ އެވެ. ގިނަ ރަށްތަކެއްގައި މިހާތަނަށް އައުޓް ޑޯ ޖިމާއި ޕާކް ހުޅުވާފައިވާއިރު، އެކި ރަށްރަށަށް ސާމާނު ފޮނުވުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އަދި ދާދި ފަހުން ހުޅުވި މާލޭ ސިންތެޓިކް ޓްރެކުގެ މަސައްކަތަށް ވެސް އިންޑިއާގެ އެހީތެރިކަން ލިބިފައިވާ ކަމަށް މިނިސްޓަރު މަހުލޫފް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.