10 ނޮވެމްބަރ 2016 - 12:42

މަޖީދީމަގުގައި މިދިޔަ އާދިއްތަ ދުވަހުގެ ރޭ މާރާމާރީ ހިންގައި ދެ މީހަކު ޒަހަމުކޮށްލުމުން ފުލުހުން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކުރި ތިރީހަކަށް މީހުންގެ ތެރެއިން ދެބައި ކުޅަ އެއްބައި މީހުން ދޫކޮށްލައިފި އެވެ.
މާލޭގައި އަނެއްކާވެސް މާރާމާރީތައް އިތުރުވާން ފެށުމާ ގުޅިގެން މިދިޔަ އަންގާރަ ދުވަހުގެ ރޭ ފުލުހުން ވަނީ ހާއްސަ އޮޕަރޭޝަނެއް ފަށާފަ އެވެ. އެ އޮޕަރޭޝަންގައި ފިނޭންސް މިނިސްޓްރީ ކައިރީީ ހުންނަ ސެންޓްރަލް ޕާކު ކެފޭ ބަލައި ފާސްކޮށް 25-30 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ.
ފުލުސް އޮފީހުން މިއަދު ބުނީ ހައްޔަރުކުރި މީހުންގެ ތެރެއިން 15 މީހެއްގެ މައްޗަށް ތިން ދުވަހުގެ މުއްދަތު ޖަހާފައިވާ ކަމަށެވެ. އަދި ބާކީ ތިބި މީހުން ޝަރުތުތަކަކާ އެކު ދޫކޮށްލާފައިވާ ކަމަށް ވެސް ބުންޏެވެ. އެކަމަކު އެއީ ކޮން ޝަރުތުތަކެއް ކަމަށް ފުލުހުން ނުބުނެ އެވެ.
މަންޒަރު ދުށް މީހުން ބުނި ގޮތުގައި މޫނުމަތި އަޅައިގެން ތިބި ފުލުހުން އެ މީހުން ހައްޔަރުކުރީ ތިން ވެހިކަލެއްގައި ގޮހެވެ.
ގިނަ ދުވަސްތަކަކަށް ފަހު މާލޭގައި މާރާމާރީގައި ހިންގާފައި ވަނީ މަރުތޭލާއި ފަތިބުރި އާއި ތޫނު ހަތިޔާރު ބޭނުންކޮށްގެންނެވެ. އިބްރާހިމީ މިސްކިތް ހުންނަ ސަރަހައްދުގައި ތިބި ގުރޫޕަކުން، ސައިކަލުގައި ދިޔަ ދެ މީހަކަށް ހަމަލާ ދިނުމަށް ފަހު ވަނީ ފިލައިފަ އެވެ. އަދި ޒަހަމްވި މީހުން ވެސް ވަނީ، އެ ސަރަހައްދަށް ފުލުހުން ދިއުމުގެ ކުރިން ގޮސްފަ އެވެ.