20 ފެބުރުއަރީ 2021 - 19:46

އާމިރު ޚާންގެ "ޑަންގަލް" އިން ބޮލީވުޑަށް ތައާރަފުވި ބަތަލާ ސާނިޔާ މަލޯތުރާ ދިވެހިރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.
އޭނާ ޗުއްޓީ ހޭދަކުރަމުން އަންނަ ރިސޯޓްގައި ނަގާފައިިވާ ބައެއް ފޮޓޯތަކާއި ވީޑިއޯތައް އިންސްޓަގްރާމަށް ލާފައިވެ އެވެ. އެކަމަކު ސާނިޔާ ޗުއްޓީ ހޭދަކުރަނީ ކޮން ރިސޯޓެއްގައި ކަމެއް ނޭނގެ އެވެ.
އަރަމުން އަންނަ، 28 އަހަރުގެ ބަތަލާގެ ދެ ފިލްމެއް މިދިޔަ އަހަރު ރިލީޒްވި އެވެ. އެއީ އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރިމިއާކުރި "ޝަކުންތަލާ ދޭވީ" އާއި ނެޓްފްލިކްސް އިން ޕްރިމިއާކުރި އެންތޮލޮޖީ ފިލްމު "ލޫޑޯ" އެވެ. ސާނިޔާ ކުޅެފައިވާ އިތުރު ފިލްމުތަކުގެ ތެރޭގައި 2018 ގެ "ބަދާއީ ހޯ" އާއި ހަމަ އެ އަހަރުގެ "ޕަޓާކާ" އަދި 2019 ގެ "ފޮޓޯގްރާފް" ހިމެނެ އެވެ.
އޭނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ޝާހްރުކް ޚާން ޕްރޮޑިއުސްކުރާ "ލަވް ހޯސްޓެލް" އާއި ކަރަން ޖޯހަރު ޕްރޮޑިއުސްކުރާ "މީނާކްޝީ ސުންދަރޭޝްވަރު" ގެ އިތުރުން ގުނީތު މޮންގާގެ "ޕަގްލައިޓް" ހިމެނެ އެވެ.
"ލަމް ހޯސްޓެލް" ގައި ސާނިޔާ ފެންނާނީ ބޮބީ ޑިއޯލާއި ވިކްރާންތު މަސީއާ އެކީގަ އެވެ. އަދި "މީނާކްޝީ ސުންދަރޭޝްވަރް" ގައި ސާނިޔާގެ ކޯ-ސްޓާރަކީ "މޭނޭ ޕިޔާރު ކިޔާ" ކުޅުނު ބަތަލާ ބަގިޔާޝްރީގެ ދަރިފުޅު އަބިމަންޔޫ ދައްސާނީ އެވެ.
އިންޑިއާގެ ފިލްމީ ތަރިންނާއި ޓީވީ ތަރިން ޗުއްޓީ އަށް މިހާރު ވަރަށް ގިނައިން ރާއްޖެ އަންނަ އިރު އެއީ މިހާރު ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ މާކެޓް ވެސް މެ އެވެ.