އިންޑިއާއިން ރާއްޖެއަށް ކޮވިޑް ވެކްސިންގެ އިތުރު 100،000 ޑޯޒް ހަދިޔާކޮށްފި
އިންޑިއާއިން ރާއްޖެއަށް ކޮވިޑް ވެކްސިންގެ އިތުރު 100،000 ޑޯޒް ހަދިޔާކޮށްފި

އިންޑިއާއިން ރާއްޖެއަށް ކޮވިޝީލްޑް ވެކްސިންގެ އިތުރު 100،000 ޑޯޒް މިއަދު ހަދިޔާކޮށްފި އެވެ.

އިންޑިއާގެ މި އެހީގެ އެއްބަސްވުމުގައި، ފޮރިން މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ހެލްތު މިނިސްޓަރު އަހުމަދު ނަސީމެވެ. އިންޑިއާއިން ސޮއިކުރެއްވީ ރާއްޖޭގައި ހުންނަވާ ސަފީރު ސަންޖޭ ސުދިރް އެވެ.

މި ރަސްމިއްޔާތު އޮތީ މިއަދު ރާއްޖެ ވަޑައިގެންނެވި އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ. ސުބްރަމަންޔަން ޖައިޝަންކަރުގެ ހާޒިރުގަ އެވެ. އޭނާގެ އިތުރުން ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެސް އިންނެވި އެވެ.

އޮކްސްފަޑް ޔުނިވާސިޓީ އާއި އެސްޓްރާޒެނެކާއިން އީޖާދުކުރި އަދި އިންޑިއާގެ ސީރަމް އިންސްޓިޓިއުޓުން އުފައްދަމުން އަންނަ ކޮވިޝީލްޑްގެ އިތުރު 100،000 ޑޯޒް އިއްޔެ ރާއްޖެ ގެނެސްފައިވާ ކަމަށް، މައުލޫމާތު އެނގިވަޑައިގަންނަވާ ބޭފުޅަކު، ނަން ނުޖަހާ ގޮތަށް، ވިދާޅުވި އެވެ.

މި އާ އެހީގެ ސަބަބުން ރާއްޖޭގެ ވެކްސިން ޕްރޮގްރާމަށް ވަރަށް ބޮޑު ފަސޭހައަކާއި ކުރިއެރުމެއް ލިބޭނެ ކަމަށް ބެލެވެ އެވެ. ސަރުކާރުން ނިންމާފައި ވަނީ މިހާރު ލިބިފައި ހުރި 100،000 ވެސް އަވަހަށް ޖަހާށެވެ. ދެ ވަނަ ޑޯޒްގެ ކަންކަން ކުރިއަށް ގެންދާނީ ފަހުން ކަމަށް ވެސް ސަރުކާރުން ބުނެފައިވެ އެވެ.