20 ފެބުރުއަރީ 2021 - 13:28

މުޒާހަރާތައް ކަވަރުކުރާ ނޫސްވެރިންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރެވޭ ގޮތަށް ފުލުހުންގެ އަމަލުތައް ބަހައްޓަން، އިދިކޮޅު ކޯލިޝަނުން ރޭ ގޮވާލައިފި އެވެ.
ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން އިއްޔެ ބޭއްވި މުޒާހަރާގައި ޗެނަލް 13ގެ ދެ ނޫސްވެރިއަކަށް އަނިޔާކުރި މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ. އެންމެ ފުރަތަމަ، ސަލްސާ ރޯޔަލް ރެސްޓޯރެންޓް ކައިރިން އަނިޔާވީ އެ ސްޓޭޝަންގެ ކެމެރާމަން މުހައްމަދު ޝަހީމަށެވެ. ފަހުން މުޒާހަރާ ނިންމި ފަހުން، "ލަ ސޫކް" ކެފޭގައި އިންދާ ޗެނަލް 13ގެ ނޫސްވެރިޔާ އިހުސާން ގަދަކަމުން އެ ތަނުން ނެރެގެން ފުލުހުން ގެންދިޔަ އެވެ.
އެކަމަކު ފުލުހުންގެ ވެހިކަލެއް ކައިރިއަށް ގެންދިއުމަށް ފަހު އޭނާ ދޫކޮށްލި އެވެ.
ޝަހީމަށް ލިބުނު ޒަހަމްތަކަށް އޭޑީކޭ ހޮސްޕިޓަލުގައި އިއްޔެ ފަރުވާ ދިނެވެ.
އެކަމާ ގުޅިގެން އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނީ މުޒާހަރާތައް ކަވަރުކުރާ ނޫސްވެރިންނަށް، ރައްޔިތުންނާ ހަމައަށް އެ މަންޒަރުތަކާއި އަޑުތައް ގެނެސްދޭން، އޮންނަ އުސޫލުތަކުގެ ތެރެއިން މިނިވަންކަމާ ހަރަކާތްތެރިވެވޭނެ މަގު ފަހިކޮށްދޭން ޖެހޭ ކަމަށެވެ.
"އިދިކޮޅުގެ އަޑު ކަނޑުވާލާ މައުލޫމާތު ފެތުރުމަށް ހުރަސް އެޅުމަށް ފުލުހުންގެ އިސް ވެރިން އަންގާ ޣައިރު ގާނޫނީ އަމުރުތަކަށް ފުލުހުން ތަބާނުވުމަށް ވެސް ގޮވާލަމެވެ،" ބަޔާނުގައި ބުންޏެވެ.
މި މައްސަލާގައި ފުލުހުން ބުނީ ގާނޫނާއި ގަވައިދާ ހިލާފަށް ނުވަތަ އެފަދަ ކަންކަމުގައި ފުލުހުން އަމަލުކުރާ އުސޫލުތަކާ ހިލާފަށް އެއްވެސް ކަމެއް ގޮސްފައިވާ ނަމަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑާޑްސް ކޮމާންޑް އަދި ޔޫސް އޮފް ފޯސް ރިވިއު ކޮމިޓީން ބަލައި އަޅަން ޖެހޭ ފިޔަވަޅެއް އޮތް ނަމަ އަޅާނެ ކަމަށެވެ.