ކޮވިޑުގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު 60 އަށް
ކޮވިޑުގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު 60 އަށް

ކޮވިޑު-19 ގައި ރާއްޖެއިން އިތުރު ދެ މީހަކު މަރުވެ، އެ ބަލީގައި ދުނިޔެ ދޫކުރި މީހުންގެ އަދަދު 60 އަށް މިއަދު އަރައިފި އެވެ.

ރޭ އެންމެ ފުރަތަމަ މަރުވީ ހާލު ދެރަވެގެން ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދެމުން ގެންދިޔަ 63 އަހަރުގެ އަންހެނެކެވެ. އޭގެ ފަހުން ރާއްޖޭގެ މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން ވެސް ވަނީ ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ދެނިކޮށް މަރުވެފަ އެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު ނުރައްކަލަކަށް ދިޔައީ ކޭސްތައް ވަރަށް މަދުވެފައި އޮއްވަ އެވެ. ތަޖުރިބާކާރުން ބުނާ ގޮތުގައި އިނގިރޭސި ވިލާތުން ފެނުނު އާ ވެރިއެންޓާއި ރާއްޖޭގެ ކޭސްތައް ގިނަވުމާ ވެސް ގުޅުމެއްވެ އެވެ.

މިހާރު ރާއްޖެއިން ކޮންމެ ދުވަހަކު 100 އަށް ވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވެ އެވެ. ކޭސްތައް އިތުރުވި އިރު ކޮވިޑްގެ ވެކްސިން ދިނުން ވެސް ވަނީ އިތުރުކޮށްފަ އެވެ. މިހާތަނަށް ރާއްޖޭގައި 70،000 އާ ކައިރިކުރާ އަދަދެއްގެ ބަޔަކަށް ވެކްސިން ދީފި އެވެ.

ސަރުކާރުން އުއްމީދުކުރަނީ ހައެއްކަ މަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ އެންމެންނަށް ވެކްސިން ދެވޭނެ ކަމަށެވެ.