19 ފެބުރުއަރީ 2021 - 22:18

ކޮވިޑް-19އަށް މިއަދު ރާއްޖޭން ޕޮޒިޓިވްވި މީހުންގެ އަދަދު 127އަށް އަރައިފި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން ބުނިގޮތުގައި މިއަދު ބަލި ޖެހުނު މީހުންގެ ތެރެއިން 98 މީހުންނަކީ މާލޭ ސަރަހައްދުން ޕޮޒިޓިވްވި މީހުންނެވެ. މީހުން ދިރިއުޅޭ ރަށްރަށުން ދިހަ މީހަކު ޕޮޒިޓިވްވި އިރު، ރިސޯޓުތަކުން 17 މީހަކަށް ބަލި ޖެހުނެވެ.
މިއަދު ޓެސްޓު ކުރީ 4،245 ސާމްޕަލެވެ.
އެޗްޕީއޭން ބުނިގޮތުގައި ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްގެން 159 މީހަކަށް ފަރުވާ ދެމުން އަންނައިރު، ބަލި މީހުންގެ ގޮތުގައި މިހާރު 2،446 މީހުން އެބަތިއްބެވެ. ބަލީގައި މިހާތަނަށް 58 މީހަކު ވަނީ މަރުވެފަ އެވެ.
ރާއްޖޭގައި ކޮވިޑުން ރައްކާތެރިވުމަށް ހަރުކަށި ފިޔަވަޅުތަކެއް ވަނީ އަޅައިފަ އެވެ. އޭގެ ތެރޭގައި ރޭގަނޑު ވަކި ވަގުތުތަކެއްގައި މަގުމަތީގައި އުޅަނދު ދުއްވުން މަނާކުރުން ހިމެނެ އެވެ.
ކޮވިޑްގެ ތިން ވަނަ ރާޅު މިހާރު ބިންދާލާފައިވާއިރު، ބަލިން ދިފާއުވުމަށް މިހާރު އަންނަނީ ވެކްސިން ދެމުންނެވެ. އިންޑިއާއިން ހަދިޔާކުރި "ކޮވިޝީލްޑް"ގެ ފުރަތަމަ ޑޯޒް، ބައިލައްކައަށް ވުރެ ގިނަ މީހުންނަށް މިހާރު ދީފައިވާއިރު، އޭގެ ފައިދާ ފެންނާނީ ދެ ވަނަ ޑޯޒް ފުރިހަމަކުރުމުންނެވެ.
ކޮވިޑު-19 އިން ރައްކާތެރިވުމަށް މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދެވޭނީ ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކަށް ވެކްސިންގެ ދެ ޑޯޒު ދީ، ބަލިޖެހޭ މީހުންގެ އަދަދު ދަށްވުމުން ކަމަށް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިން މިއަދު ވަނީ ބުނެފަ އެވެ.