ގަދަ ފިންޏަށް ރައްޔިތުން ދޫކޮށް ޓެޑް ކްރޫޒް ޗުއްޓީއަށް ދިއުމުން ފާޑުކިއުން އުތުރިއަރައިފި
ގަދަ ފިންޏަށް ރައްޔިތުން ދޫކޮށް ޓެޑް ކްރޫޒް ޗުއްޓީއަށް ދިއުމުން ފާޑުކިއުން އުތުރިއަރައިފި

ގަދަ ފިނީގެ ސަބަބުން އެތައް މިލިއަން ބަޔަކު ކަރަންޓް ނެތި، ފެން ނެތި، އެތައް ރެއެއް ހޭދަކުރަނިކޮށް ޓެކްސަސްގެ ސެނެޓަރު ޓެޑް ކްރޫޒް ޗުއްޓީއެއްގައި ކުއްލިއަކަށް އާއިލާއާ އެކު މެކްސިކޯއަށް ވަޑައިގަތުމުން، ސިޔާސީ ގޮތުން ބޮޑެތި ފާޑުކިއުންތަކެއްގައި ހޭދަކުރައްވަން ޖެހިވަޑައިގެންފި އެވެ.

ގަދަ ފިންޏަށް ރައްޔިތުން ދޫކޮށް ޓެޑް ކްރޫޒް ޗުއްޓީއަށް ދިއުމުން ފާޑުކިއުން އުތުރިއަރައިފި
ގަދަ ފިންޏަށް ރައްޔިތުން ދޫކޮށް ޓެޑް ކްރޫޒް ޗުއްޓީއަށް ދިއުމުން ފާޑުކިއުން އުތުރިއަރައިފި

އެމެރިކާގައި ތެލާއި ގޭސް ނެގުމުގެ މައި ސްޓޭޓް އަދި ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތައް ގަބޫލުނުކުރާ ސިޔާސީ މީހުންނާއި އާންމުން ގިނަ ޓެކްސަސްއަށް މިދިއަ 30 އަހަރު ވެސް ކުރިމަތިނުވާ ވަރުގެ ފިނީގެ ގަދަ ތޫފާނުގައި ކަރަންޓް ގްރިޑްތައް ހަލާކުވެ، ފެން ހޮޅިތައް ގަނޑުވެ، ހަތް މިލިއަނަށް ވުރެ ގިނަ މީހުން ހާލުގައި ޖެހުނެވެ.

ބޯން ރައްކާތެރި ފެން ގޭގެއަށް ފޯރުކޮށްދޭން ދިމާވި މައްސަލަތަކާ ހެދި ސަރުކާރުން އެންމެ ފަހުން އެދުނީ ލިބެން ހުރި ފެނެއް ވިއްޔާ ކައްކައިގެން ބޭނުންކުރުމަށެވެ.

މި ހިތްދަތިކަމުގައި ރައްޔިތުން އުޅެނިކޮށް ކްރޫޒާއި އޭނާގެ އަނބިކަނބަލުން އަވަސްވެގަތީ މެކްސިކޯއަށް ވަޑައިގަންނަވަންކަން، މިހާތަނަށް ހާމަވި ސޯޝަލް މީޑިއާގެ މެސެޖްތަކުން އެނގެ އެވެ. ކަރަންޓް ކެނޑުނު އިރު ކްރޫޒް ހުންނެވީ ސްޓޭޓްގެ ވެރިރަށް ހިއުސްޓަންގައި ހުރި އޭނާގެ ގޭގަ އެވެ. އެގެއިން ވެސް ކަރަންޓް ކެނޑުނެވެ. އެކަމަކު މިދިއަ ބުދަދުވަހު އަވަސް ދަތުރެއްގައި އާއިލާ ގޮވައިގެން މެކްސިކޯއަށް ވަޑައިގަތީ އެވެ.

ކްރޫޒް އާއި އަނބިކަނބަލުން ހެއިޑީ ކްރޫޒް ފްލައިޓަށް އަރައިވަޑައިގަންނަވާ ފޮޓޯ ސޯޝަލް މީޑިއާގައި ވަރަށް އަވަހަށް ދައުރުވާން ފެށި އެވެ. އޭގެ ފަހުން ކްރޫޒް ނެރުއްވި ބަޔާނާ ގުޅިގެން ހޫނުގަނޑު އިތުރަށް ބޮޑުވީ އެވެ. އެ ބަޔާނުގައި އޭނާ ވިދާޅުވީ މެކްސިކޯއަށް ވަޑައިގަތީ، އަންހެން ދެ ދަރިކަނބަލުންނާއި އެ ކުދިންގެ ރައްޓެހިންނާ އެކު ވަގުތު ހޭދަކުރައްވައި، "ރަނގަޅު ބައްޕައަކަށް" ވެވަޑައިގަތުމުގެ ނިޔަތުގައި ކަމަށެވެ.

ނަމަވެސް ފާޑުކިއުންތައް އަމާޒުވުމުން ކްރޫޒް ވަނީ ބުރާސްފަތިދުވަހު އެނބުރި ޓެކްސަސްއަށް ވަޑައިގެންފަ އެވެ. މެކްސިކޯގެ ޗުއްޓީގައި ހޭދަކުރައްވަން އޭނާ ފުރަތަމަ ނިންމެވީ ކިތައް ދުވަހު ކަމެއް ވިދާޅެއްނުވެ އެވެ.

އަނބިކަނބަލުން ހެއިޑީ އޭނާގެ ރައްޓެހިންނާއި އަވަށްޓެރިންނަށް ފޮނުއްވި މެސެޖްތަކުން އެނގެނީ ދަތުރު ހަމަޖެއްސެވީ ތެޅިފޮޅިގެން ކަމެވެ. އޭނާ ސިފަކުރެއްވި ގޮތުގައި އަމިއްލަ ގެ ވަނީ "ގަނޑުވެފަ" އެވެ. އެހެންކަމުން އާދިއްތަދުވަހާ ހަމައަށް ޓެކްސަސްއިން ދުރުގައި ހުންނަވަން ގަސްތުކުރައްވާ ކަމަށް އޭނާގެ މެސެޖްތަކުގައިވެ އެވެ. އަދި މެކްސިކޯގެ އައްސޭރިފަށުގެ ސިޓީއެއް ކަމަށްވާ ކަންކޫންގައި ހުންނަ ރިޒްކާލްޓަން ހޮޓަލުގައި ތިބެން ރައްޓެހިންނަށް ދައުވަތު ވެސް ދެއްވި އެވެ. އޭނާ ވަނީ ހޮޓަލުގެ ކޮޓަރީގެ އަގު ހުރި މިންވަރު ވެސް (ރެއަކަށް 309 ޑޮލަރު) ކިޔައިދެއްވައިފަ އެވެ

ކްރޫޒް ފުރުއްވިތާ 12 ގަޑިއިރު ވީއިރު ވެސް އޭނާގެ އޮފީހުން ގެންދިޔައީ ސެނެޓަރު ވީ ތަނެއް ބުނަން ދެކޮޅުހަދަމުންނެވެ. ބުދަދުވަހު އެއާޕޯޓާ ހަމައަށް ކްރޫޒް ގެންދިއުމުގައި އެހީތެރިވާން އޭނާގެ އޮފީހުން އެދުނުކަން ފުލުހުން ޔަގީންކޮށްދެ އެވެ. އަދި ބުރާސްފަތިދުވަހު އެނބުރި ޓެކްސަސްއަށް ވަޑައިގަތުމުގެ ދަތުރުގައި މެކްސިކޯގެ އެއާޕޯޓް ތެރޭގައި ފޮއްޓާ އެކު ހިންގަވަނިކޮށް ފެނިފައިވެ އެވެ.

މި ކަހަލަ ކޮންމެ ދަނޑިވަޅެއްގައި ރައްޔިތުންގެ ހައްގުގައި ހުންނަވަން ޖެހޭތީ ކްރޫޒްގެ އެ އަމަލާ މެދު އަމިއްލަ ޕާޓީ، ރިޕަބްލިކަން ޕާޓީގެ މެމްބަރުންގެ ހިތްހަމަނުޖެހުން ވެސް އޭނާއަށް އެބަ އޮތެވެ. ޑިމޮކްރެޓިކް ޕާޓީން ގެންދަނީ އޭނާގެ އަމަލް ކުށްވެރި ވެސް ކުރަމުންނެވެ. އަދި ޓެކްސަސްގައި ޑިމޮކްރެޓިކް ޕާޓީ ތަމްސީލްކުރާ އިސް ފަރާތްތަކުން ގޮވާލާފައި ވަނީ ކްރޫޒް އިސްތިއުފާ ދެއްވާށެވެ.

ކަންކޫން އެއާޕޯޓްގައި އޭނާ ނޫސްވެރިންނާ ބައްދަލުކުރެއްވި އެވެ. ކްރޫޒް ވިދާޅުވީ ޓެކްސަސްއަށް ކުރިމަތިވެފައި ވަނީ "ގަބޫލުކުރެއްވޭނެ ވަރުގެ މައްސަލަތަކެއް ނޫން" ކަމަށެވެ. އެކަމަކު ދެން އޭނާ މަސައްކަތްކުރެއްވީ އެ ޗުއްޓީގެ ކަންކަން އާންމުންނަށް ގަބޫލުކޮށްދެއްވޭތޯ އެވެ. އެއްވެސް ވަރަކަށް އެކަމާ ދެރަވެ ހިތާމަކުރައްވާ ކަމަކަށް ވިދާޅެއްނުވެ އެވެ.

އެކަމަކު ޓެކްސަސްއަށް އެނބުރި ވަޑައިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އޭނާ ވަނީ "ގޯހެއް ހެއްދެވުނު ކަމަށް" އެއްބަސްވެވަޑައިގެންފަ އެވެ. އަދި މެކްސިކޯއަށް ފުރުއްވަން މަތިންދާބޯޯޓުގައި އިންނަވަނިކޮށް "ދެ ވަނަ ހިޔާލުތައް އުފެދެން ފެށި" ކަމަށް ވިދާޅުވި އެވެ.

ކްރޫޒް ވިދާޅުވި ގޮތުގައި ބެލެނިވެރިންގެ ގޮތުން އޭނާ އާއިލާއަށްޓަކައި ނަންގަވަން ޖެހޭ ޒިންމާތަކެއް ވެސް ހުރެ އެވެ.

"ހަމައެހެން ޓެކްސަސްޓަކައި އަހަރެން ކުރަން ޖެހޭ ކަންކަމުގެ ޒިންމާ ވެސް ނަގަނީ ވަރަށް ސީރިއަސްކޮށް،" އޭނާ ވިދާޅުވި އެވެ.

ކްރޫޒް ވިދާޅުވި ގޮތުގައި ޓެކްސަސްގެ ހާލަތު ގޯސްވަމުން ދިޔަ ވަރަކަށް އޭނާ އެނބުރި ވަޑައިގަތުމުގެ މުހިންމުކަން ވެސް ބޮޑުވި އެވެ.

އެކަމަކު ފާޑުކިއުންތަކާއި ޖޯކްޖެހުންތަކުން ކްރޫޒް ސަލާމަތްވެވަޑައެއް ނުގަތެވެ. "ފްލައިންޓެޑް" އަދި "ފްލެޑްޓެޑް" ފަދަ ހޭޝްޓެގްތައް ވެސް އަންނަނީ ދައުރުވަމުންނެވެ.

ޓެކްސަސް ޑިމޮކްރެޓިކް ޕާޓީގެ ޗެއާމަން ގިލްބާޓޯ ހިނޮޖޯސާ ވިދާޅުވި ގޮތުގައި "އެއީ އެހެން މީހުންނާ މެދު އެއްވެސް ވަރަކަށް އަޅާނުލުމުގައި ސިޔާސީ ވެރިޔަކަށް ދެއްކޭނެ އެންމެ ނުބައި އަމަލެ"ވެ.

"އޭނާއަކީ އެހެން އެއްވެސް މީހަކަށް އަޅާލުމެއް ނެތި ހަމައެކަނި ތިމާގެ މަސްލަހަތު އިސްކުރާ ސިޔާސީ ވެރިއެއް،" ހިނޮޖޯސާ ވިދާޅުވި އެވެ.