މިއަންމާގެ މުޒާހަރާތަކުގެ ތެރޭން ވަޒަންއެރި ޒުވާނާ މަރުވެއްޖެ
މިއަންމާގެ މުޒާހަރާތަކުގެ ތެރޭން ވަޒަންއެރި ޒުވާނާ މަރުވެއްޖެ

ނޭޕީޑޯ (ފެބްރުއަރީ 19) - މިއަންމާ އަށް ގެނައި ބަޣާވާތާ ދެކޮޅު ހެދުމުގެ ގޮތުން މުޒާހަރާ އަށް ނުކުތް މީހުން ގަޔަށް ސިފައިން ބަޑިޖެހުމުން ވަޒަން އެރި އުމުރުން 20 އަހަރުގެ ޒުވާން އަންހެން ކުއްޖާ އަށް އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް މިއަދު މަރުވެއްޖެ އެވެ.

މިއާ ތުވެ ކައިންގެ ބޮލަށް ވަޒަން އެރީ މިދިޔަ ހަފުތާގައި މުޒާހަރާ ރޫޅާލަން ސިފައިން އުޅުމުގެ ތެރޭގަ އެވެ. އެ މުޒާހަރާ ރޫޅާލަން ސިފައިން ވަނީ ޕްރެޝަރުގައި ފެން ޖަހައި ރަބަރު ވަޒަން އަދި އަސްލު ވަޒަން ވެސް ބޭނުންކޮށްފަ އެވެ. މިއީ މިއަންމާގެ މުޒާހަރާތަކުގެ ތެރޭން މަރުވި ފުރަތަމަ މީހާ އެވެ.

ކައިން އަށް 20 އަހަރު ފުރުނީ އޭނާގެ ބޮލަށް ވަޒަން އަރައިގެން ފަރުވާ ދޭން ފެށި ފަހުންނެވެ. މި މަހު 9 ވަނަ ދުވަހު އައިސީޔޫގައި އޭނާ އެޑްމިޓްކުރި ފަހުން އޮތީ ލައިފް ސަޕޯޓުގަ އެވެ.

ޑިމޮކްރެޓިކް ލީޑަރު އަން ސަން ސޫކީ އިސްވެ އުފައްދާފައިވާ މަދަނީ ސަރުކާރު މިމަހު 1 ވަނަ ދުވަހު ސިފައިން ނުކުމެ ވައްޓާލި ފަހުން މިއަންމާގައި ކޮންމެ ދުވަހަކު ވެސް ދަނީ މުޒާހަރާ ކުރަމުންނެވެ.

ކައިން އާއި އޭނާގެ އާއިލާ އަކީ ސޫކީގެ ނޭޝަނަލް ލީގު ފޯ ޑިމޮކްރެސީ (އެންއެލްޑީ) ގެ ސަޕޯޓަރުންނެވެ. ކައިންގެ ބޭބެ ބުނީ ކައިންގެ ހަޔާތުގައި ފުރަތަމަ ފަހަރަށް ވޯޓު ދިނީ މިދިޔަ ނޮވެމްބަރު މަހު ބޭއްވި އިންތިޚާބުގައި ކަމަށެވެ. އެ އިންތިޚާބުން 80 ޕަސެންޓަށް ވުރެ މަތިން ސޫކީގެ ޕާޓީން ވަނީ ކާމިޔާބު ހޯދައިފަ އެވެ. ސިފައިން ބަޣާވާތްކޮށްފައި ވަނީ ސޫކީގެ ޕާޓީގެ ބޮޑު ކާމިޔާބީ ގަބޫލް ނުކުރެވިގެންނެވެ.

"މި ބަޣާވާތް ނިމުމަކަށް އަންނަން ދެން ރައްޔިތުން މުޒާހަރާތަކަށް ނުކުތުމަށް އަޅުގަނޑު ހިތްވަރު ދެން،" މަރުވި ކައިންގެ ތައްތަ މިއާ ޓޮއެ ނުވެ، ނޫސްވެރިންނާ ވާހަކަ ދައްކަމުން ބުންޏެވެ.

ބަޣާވާތް ގެނައުމަށް ފަހު ސިފައިން ވަނީ މިއަންމާގައި އެއް އަހަރު ދުވަހުގެ މުއްދަތަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފަ އެވެ.