ވެކްސިން ޖެހި، ދުވަސްވީ މީހަކު މަރުވި ގޮތް ބަލަނީ
ވެކްސިން ޖެހި، ދުވަސްވީ މީހަކު މަރުވި ގޮތް ބަލަނީ

ކޮވިޑު-19 އިން ދިފާއުވުމަށް ވެކްސިން ޖެހިތާ ދެ ދުވަސް ފަހުން އުމުރުން ދުވަސްވީ މީހަކު މަރުވި މައްސަލަ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބަލަން ފަށައިފި އެވެ.

އެ އެޖެންސީން ބުނީ ސިއްހީ ތަފާތު އެކި ސަބަބުތަކާ ހުރެ 10 އަހަރުވަންދެން ބަލި އެނދުގައި އޮތް 93 އަހަރުގެ ފިރިހެނަކަށް ވެކްސިން ދިނީ މިދިޔަ ބުދަ ދުވަހު ކަމަށެވެ. މިއަދު ހެނދުނު އެ މީހާ ވަނީ މަރުވެފަ އެވެ.

އެޗްޕީއޭ އިން ބުނީ ހަމަޖެހިފައިވާ އުސޫލުތަކުގެ ދަށުން، އެ މަރުގެ ހަގީގަތް ދެނެގަތުމަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. ތަހުގީގު ނިމުމުން އެކަމުގެ ތަފްސީލް ހާމަކުރާނެ ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ.

ވެކްސިނާ ގުޅުމެއް ނެތަސް، މަރުވުން ހިމެނޭ ގޮތުން، ސިއްހީ ގޮތުން ނުރައްކާތެރި ކަންކަން ހިނގައިފާނެ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

ރާއްޖޭގައި ބޭނުންކުރަމުން އަންނަ "ކޮވިޝީލްޑް" ވެކްސިނަކީ އޮކްސްފޯޑް ޔުނިވާސިޓީ އާއި އެސްޓްރެޒެނެކާގެ ދިރާސާގެ މައްޗަށް އިންޑިއާގެ ސީރަމް އިންސްޓިޓިއުޓުން އުފައްދާފައިވާ ވެކްސިނެވެ. އިމަޖެންސީ ހާލަތުގައި އެ ވެކްސިން ބޭނުންކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ ހުއްދަ ދީފަ އެވެ.