ޓްރަމްޕާ ދެކޮޅަށް މުޅި އެމެރިކާގައި މުޒާހަރާ ކުރަން ފަށައިފި
ޓްރަމްޕާ ދެކޮޅަށް މުޅި އެމެރިކާގައި މުޒާހަރާ ކުރަން ފަށައިފި

ވޮޝިންޓަން (ނޮވެމްބަރު 10) - އެމެރިކާގެ ރައީސް ކަމަށް ޑޮނަލްޑް ޓްރަމްޕް އިންތިޚާބުވުމާ ގުޅިގެން މުޅި އެމެރިކާގައި މުޒާހަރާ ކުރަން ފަށައިފި އެވެ.

ޓްރަމްޕާ ދެކޮޅަށް މުޅި އެމެރިކާގައި މުޒާހަރާ ކުރަން ފަށައިފި
ޓްރަމްޕާ ދެކޮޅަށް މުޅި އެމެރިކާގައި މުޒާހަރާ ކުރަން ފަށައިފި

ވެރި ރަށް ވޮޝިންޓަނުގައި އެތައް ހާސް ބަޔަކު ވަނީ ވައިޓްހައުސް ބޭރަށް އެއްވެ އެ މީހުންގެ ރައީސް އަކަށް ޓްރަމްޕް ނުވާނެ ކަމަށް ގޮވައިފަ އެވެ. ވޮޝިންޓަނުގައި އެއްވުން އިންތިޒާމްކުރި ލިބެރަލް އެޑްވޮކެސީ ގްރޫޕެއްގެ ޑިރެކްޓަރު ބެން ވިކްލާ ވިދާޅުވީ ޓްރަމްޕް ވެރިކަމަށް ހޮވުމުން ރައްޔިތުން ބިރުގެންފައިވާ ކަމަށެވެ.

"އަޅުގަނޑުމެން އެންމެން މިތަނަށް އެއްވެ މި ތިބީ މި އަނދިރިކަމުގެ ވަގުތުގައި އަޅުގަނޑުމެން ތިބީ އެކަނި ނޫންކަން ދެއްކުމަށް. ހަމަ ހަގީގަތުގައި ވެސް އަޅުގަނޑުމެން ތިބީ އެކަންޏެއް ނޫން،" ވިކްލާ ވިދާޅުވި އެވެ.

ވޯކާސް ރައިޓްސް ގްރޫޕުގެ އީތާން މިލާ ވިދާޅުވީ މިއީ އެމެރިކާގެ އެންމެހާ ރައްޔިތުންނަށް ވެސް އުނދަގޫ ވަގުތެއް ކަމަށެވެ.

"އަޅުގަނޑުގެ ރައްޔިތުންގެ ހައްގުތައް ހިމާޔަތްކޮށް އާއިލާތަކަށް ރައްކާތެރިކަން ފޯރުކޮށްދޭނަން،" އޭނާ ވިދާޅުވި އެވެ.

ވޮޝިންޓަން އެއްވުމުގައި ބައިވެރިވި އެމެރިކާގައި މަސައްކަތް ކުރާ މެކްސިކޯ މީހަކު ބުނީ މުޒާހަރާ އަށް އޭނާ ނުކުތީ އެމެރިކާގެ ރައްޔިތުންނާ ބައިވެރިވުމަށް ކަމަށެވެ.

ޓްރަމްޕާ ދެކޮޅަށް ވަނީ ބޮސްޓަން، ފިލެޑެލްފިއާ، ޕޯޓްލޭންޑް، އޮރެގަން، ސެއެޓްލް އަދި އެހެން ވެސް ސިޓީތަކުގައި މުޒާހަރާ ކޮށްފަ އެވެ. ހުރިހާ މުޒާހަރާއެއްގެ ވެސް މޮޓޯ އަކީ "ޓްރަމްޕަކީ އަހަރެމެންގެ ރައީސެއް ނޫން" އެވެ.

ނިއު ޔޯކުގައި މުޒާހަރާ އަށް ނުކުތް މީހުން ވަނީ ޓްރަމްޕް ޓަވަރު ކައިރިއަށް އެއްވެ އަޑު އުފުލައިފަ އެވެ. ނިއު ޔޯކުގައި މުޒާހަރާ ކުރި މީހުން ވަނީ އެމެރިކާގެ ވޯޓުލާ ނިޒާމް ބަދަލު ކުރުމަށް ގޮވާލައިފަ އެވެ. އިލެކްޓޯރަލް ކޮލެޖް ވޯޓުން ރައީސް ހޮވުމުގެ ބަދަލުގައި ރައްޔިތުންގެ ސީދާ ވޯޓުން ރައީސް ހޮވަން ޖެހޭ ކަމަށް އެ މީހުން ވަނީ ގޮވާލައިފަ އެވެ.

ޓްރަމްޕް އިންތިޚާބު ކާމިޔާބު ކުރެއްވި ނަމަވެސް ރައްޔިތުންގެ ގިނަ މީހުން ވޯޓު ދީފައި ވަނީ ހިލަރީ އަށެވެ. އެކަމަނާ އަށް 47.7 ޕަސެންޓް ނުވަތަ 59،689،819 ވޯޓު ލިބިވަޑައިގެންނެވި އިރު ޓްރަމްޕަށް ލިބިވަޑައިގެންނެވީ 47.5 ޕަސެންޓް ނުވަތަ 59،489،637 ވޯޓެވެ. ނަމަވެސް ޓްރަމްޕަށް އިންތިޚާބު ކާމިޔާކުރެއްވުނީ 290 އިލެކްޓޯރަލް ވޯޓު ލިބިވަޑައިގެންނެވެ. ހިލަރީ އަށް ލިބިވަޑައިގެންނެވީ 228 އިލެކްޓޯރަލް ވޯޓެވެ.