ވެކްސިނަށް ފަހު ސިއްހީ މައްސަލައެއް ދިމާނުވަންޏާ ލޭ ހަދިޔާކުރެވޭނެ: އެޗްޕީއޭ
ވެކްސިނަށް ފަހު ސިއްހީ މައްސަލައެއް ދިމާނުވަންޏާ ލޭ ހަދިޔާކުރެވޭނެ: އެޗްޕީއޭ

ވެކްސިން ޖެހުމަށް ފަހު ސިއްހީ އެއްވެސް މައްސަލައެއް ދިމާނުވާ ނަމަ ލޭ ހަދިޔާކުރެވޭނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ރޭ ބުނެފި އެވެ.

ކޮވިޑުން ދިފާއުވުމަށް ރާއްޖޭގައި ވެސް މިހާރު އަންނަނީ ވެކްސިން ޖަހަމުންނެވެ. މި މަހުގެ 1 ވަނަ ދުވަހު ވެކްސިން ޕްރޮގްރާމް ފަށައި ރެއާ ހަމައަށް 64،048 މީހަކަށް ވެކްސިން ދީފައިވެ އެވެ.

ވެކްސިން ދޭން ފެށުމުން ލޭ ލިބުމުގައި ބޮޑެތި ހުރަސްތަކެއް ދިމާވެދާނެ ކަމަށް، ލޭ އަޅާ ބައެއް މީހުން ދިޔައީ ބުނަމުންނެވެ.

ތެލެސީމިއާ ސެންޓަރަށް ލޭ ހަދިޔާކުރަން ކުންފުނިތަކާއި އޮފީސްތަކުން ހާއްސަ މުނާސަބަތުތަކާ ގުޅުވައި ކޭމްޕުތައް ބާއްވަ އެވެ. ނަމަވެސް ކޮވިޑުގެ ސަބަބުން ލޭ ލިބުމުގައި ދަތިތައް ދިމާވި ކަމަށް ތެލެސީމިއާ ސެންޓަރުން މީގެ ކުރިން ބުނެފައިވެ އެވެ.

އިމިއުނިޒޭޝަން ޕްރޮގްރާމްގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުގެ ހެޑް، ޑރ. އަހުމަދު ފައިސަލް ކުރެއްވި ޓްވީޓުގައި ވިދާޅުވީ ކޮވިޑް ވެކްސިން ޖެހުމަށްފަހު ބައެއް މީހުން ދެ ތިން ދުވަހު ހުންއައިސް، ގައިގައި ރިއްސާ ވަރުބަލިވެފައި ހުންނަ ކަމަށެވެ. އެހެންވެ ލޭ ދިނުން އެންމެ ރަނގަޅަކީ އެފަދަ ކަމެއް ދިމާވޭތޯ ބެލުމަށް ތިން ދުވަސްވަރު މަޑުކޮށްލުމަށްފަހު ކަމަށް ވެސް ވިދާޅުވި އެވެ.

"އެހެން ނޫނީ ލޭ ދިނުމަށްފަހު މާ ވަރުބަލިވެދާނެ. މިއީ ލޭ ދޭ ފަރާތަކަށްޓަކާ، ލޭ އަޅާ ފަރާތަށް ގެއްލުމެއް ނުވާނެ،" ޑރ. ފައިސަލްގެ ޓްވީޓުގައި ވެ އެވެ.