19 ފެބުރުއަރީ 2021 - 11:49

ޓެކްސަސް (ފެބްރުއަރީ 19) - އެމެރިކާގެ ދެކުނުގެ އެކި ހިސާބުތަކަށް މިހާރު ކުރިމަތިވެފައިވާ ގަދަ ފިނީގައި 24 މީހުން މަރުވެ އެތައް މިލިއަން މީހުން ކަރަންޓުގެ ޚިދުމަތުން މަހްރޫމްވެއްޖެ އެވެ.

ގަދަ ފިނީގައި އެންމެ ބޮޑު ގެއްލުމެއް ލިބުނު ސްޓޭޓަކީ ޓެކްސަސް އެވެ. ފިނިގަދަވެގެން ގޮސް ފެން ހޮޅިތައް ވަނީ ފަޅައިގެން ގޮސްފަ އެވެ. ހޫނުކުރަން ކަރަންޓް ބޭނުންކުރާ މިންވަރު ވަރަށް ބޮޑުތަން އިތުރުވުމުން ސްޓޭޓުގެ އެނާޖީ ގްރިޑަށް އޮބިނޯންނަވަރު ވަނީވެފަ އެވެ.
މިއީ ވޭތުވެދިޔަ 30 އަހަރު ދުވަހު ތެރޭ ޓެކްސަސް އަށް ކުރިމަތިވި އެންމެ ފިނިގަދަ ދުވަސްތަކެވެ. މިދިޔަ ހަފުތާގައި ވަނީ ފިނިހޫނުމިން 0 ފެރަންހައިޓް (18- ޑިގްރީ ސެލްސިއަސް އަށް) ވެއްޓިފަ އެވެ. ގާތްގަނޑަކަށް 13 މިލިއަން މީހުން، ސްޓޭޓުގެ އާބާދީގެ ދެބައިކުޅަ އެއްބައި މީހުންނަށް ވަނީ ފެން ނުލިބުމުގެ މައްސަލަ ދިމާވެފަ އެވެ.
ޓެކްސަސް އަށް ކުރިމަތިވި ސްނޯގެ ރަޖާގަނޑާ އެކު ރައީސް ޖޯ ބައިޑަން ވަނީ އެ ސްޓޭޓުގައި ކުއްލި ހާލަތު އިއުލާންކުރަން ހުއްދަ ދެއްވައިފަ އެވެ.
ހިއުސްޓަން އާއި ބައެއް ސަރަހައްދުތަކުގައި މިހާރު ވަނީ "ފެން ހޫނުކުރުމުގެ ނޯޓިސް" ނެރެފަ އެވެ. އެމެރިކާގެ ސެންޓަ ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން މިހާރު ވަނީ ބޯން ބޭނުންކުރާ ހުރިހާ ފެނެއް، ފިލްޓަރު ކުރި ނަމަވެސް، ކައްކައިގެން ބޭނުން ކުރަން އަންގައިފަ އެވެ. ސީޑީސީން ވަނީ ދަތް އުނގުޅާ އިރު ވެސް ކެއްކި ފެން ނުވަތަ ފުޅީގައި ބަންދުކޮށްފައިވާ ފެން ބޭނުން ކުރުމަށް އިލްތިމާސްކޮށްފަ އެވެ.
ހިއުސްޓަންގެ މޭޔަރު ސިލްވެސްޓާ ޓާނާ ވަނީ ކަރަންޓް ނެތް މީހުން އަދި އިސްކުރު ފެން ހޫނު ކުރެވޭނެ ގޮތެއް ނެތް މީހުން، ފުޅީގައި ބަންދުކޮށްފައިވާ ފެން ލިބުނު ގޮތަކަށް ހޯދުމަށް އެދިވަޑައިގެންފަ އެވެ.
ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި ދަތުރުފަތުރު ކުރުމުގައި ދަތިވާ މީހުންނަށް ފެން ފޯރުކޮށްދިނުމުގައި ހިއުސްޓަންގެ ފުލުހުންނާއި ޑިޒާސްޓާ ރެސްޕޮންސް ޓީމުތަކުން ހަރަކާތްތެރިވާނެ ކަމަށް މޭޔަރު ވިދާޅުވި އެވެ.
ޓެކްސަސްގެ ކޮމިޝަން އޮން އެންވައިރަމެންޓަލް ކޮލިޓީގެ ތަރުޖަމާނަކު ވިދާޅުވީ ބުރާސްފަތި ދުވަހުގެ ނިޔަލަށް ވަނީ ސްޓޭޓުގެ 900 އަށް ވުރެ ޕަބްލިކް ވޯޓާ ސިސްޓަމަށް މައްސަލަ ދިމާވެފައި ކަމަށެވެ.
މިދިޔަ ބުދަ ދުވަހާ ހަމައަށް އެމެރިކާގެ 71 ޕަސެންޓަށް ވަނީ ސްނޯ ފެތުރިފަ އެވެ.