19 ފެބުރުއަރީ 2021 - 10:18

ދިރިއުޅުމުގެ ހަޔާތުގައި އިންސާނާއަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދޭ ވަރަށްގިނަ ކަންކަން ހިމެނެ އެވެ. މާތް ﷲ ވަނީ މިފަދަ ކަންކަން އިންސާނުންނަށްޓަކައި ޒީނަތެއް ކަމުގައި ލައްވަވައިފަ އެވެ. އަދި މި ޒީނަތްތައް ހާސިލު ކުރުމުގެ ލޯބި އިންސާނާގެ ތަބީއަތުގައި ލައްވަވައިފަ އެވެ. މިފަދަ ޒީނަތްތަކުގެ ތެރޭގައި އަންހެނުންނާއި، ދަރިންނާއި، ރަންރިހީގެ ތެރެއިން އެއްކުރެވިފައިވާ ގިނަ ބައިވަރުތަކާއި، މޮޅު އަސްތަކާއި، ގެރިބަކަރި ޖަމަލާއި، ދަނޑުބިންތައް މިލްކުކުރުން ފަދަ ކަންކަން ހިމެނެއެވެ. (އާލްޢިމްރާން 14). މިފަދަ ކަންކަން ޒީނަތްތެރި ކުރައްވައި މި ޠަބީޢަތް ލައްވަވާފައި ވަނީ ވަރަށް މުހިންމު ހިކުމަތްތަކަކަށްޓަކަ އެވެ. މިގޮތުން ދުނިޔަވީ ހަޔާތުގައި އިންސާނާ އަދާ ކުރަންޖެހޭ ބިމުގެ ޚަލީފާކަމުގެ ދައުރު އަދާކުރުމަށް ބާރުލިބުން ހިމެނެ އެވެ.
އުޚުރަވީ ހަޔާތަށްޓަކައި އިންސާނާ އިމްތިހާނު ކުރުން ހިމެނެ އެވެ. ދިރިއުޅުމުގެ ހަޔާތް ބާއްޖަވެރި ކުރުން ހިމެނެ އެވެ. އެހެންނަމަވެސް މިފަދަ އެއްވެސް އުފާވެރިކަމެއް ހާސިލު ކުރުމުގައި އިންސާނާ ހައްދުން ބޭރުވެއްޖެ ނަމަ އިސްލާމީ ރިވެތި އަޚްލާޤީ ސިފަތަކުން އިންސާނާ ބޭރުވެދެ އެވެ. ތިމާއަށާއި އެހެންމީހުންނަށް ގެއްލުން ލިބޭގޮތް މެދުވެރިވެ އެވެ. އެހެންވެ އިސްލާމްދީން ވަނީ އިންސާނާގެ މި ތަބީއަތާ އެކު އުޅޭނެ ހަމަތަކަކާއި އުސޫލުތަކަކާ އަދި އެކަންކަމުގެ ތަމްރީނު ލިބެނިވި ވަސީލަތްތަކެއް ހުށަހަޅައިދީފަ އެވެ. އެމަގުން އިންސާނާ ހިނގައިފި ނަމަ ކެތްތެރިވުމާއި މަހްރޫމްވުންތަކެއް ކޮންމެވެސް މިންވަރަކަށް ތަހައްމަލު ކުރަން ޖެހުނަސް އިންސާނާއަށް އެންމެ ފައިދާ ބޮޑީ އެގޮތެވެ. އަދި ރިވެތި އަޚުލާގު ދެމެހެއްޓޭނެ ހަމައެކަނި ގޮތަކީ ވެސް އެއީ އެވެ.
ދުނިޔަވީ އުފާތަކާއި ޒީނަތްތައް ލިބިގަތުމަށް އޮންނަ ދަހިވެތިކަން އިތުރުވެ ދުނިޔެދެކެ ލޯބިވުމުގައި އިންސާނާ ހައްދު ފަހަނައަޅައިފި ނަމަ ނުބައި އެތައް ކަމަކަށް މަގުހުޅުވިގެން ދެ އެވެ. މިގޮތުން މި އުފާތަކާއި ޒީނަތްތައް ހޯދުމަށް އެކަކު އަނެކަކަށް ވާދަ ކުރުމުގެ ތެރެއިން ކިތަންމެ ނުބައި ކަމެއްވެސް ކޮށްފާނެ އެވެ. މީހަކު އޭނާގެ އަޚާ ވިއްކާލަފާނެ އެވެ. ބައްޕަ މަރާލަފާނެ އެވެ. މީސްތަކުންގެ އަމާނާތްތަކަށް ޚިޔާނާތްތެރި ވެދާނެ އެވެ. އަހުދުތައް އުވާލަފާނެ އެވެ. ހައްގުތައް ނިގުޅައިގެންފާނެ އެވެ. ވާޖިބުތައް ހަނދާން ނައްތާލާފާނެ އެވެ. އެކަކު އަނެކަކުގެ މައްޗަށް ގަދަވެގަތުމުގައި ވަލު ޖަނަވާރަށް ދޫނުކޮށް ވަރުގަދަ އެތި އައިސް ނިކަމެތި އެތި ޝިކާރަ ކުރާ ބީދައިން އިންސާނުންގެ އަމަލުތައް ހިނގަން ފަށައިފާނެ އެވެ.
ދުނިޔަވީ ޝަހުވަތްތަކާއި ޒީނަތްތަކަށްޓަކައި ވިޔަފާރީގައި މަކަރު ހަދައިފާނެ އެވެ. މިނެކިރުމުގައި އޮޅުވާލަފާނެ އެވެ. ވެރިން ރައްޔިތުންގެ މައްޗަށް ގަދަކަން ދައްކައި އަނިޔާ ކޮށްފާނެ އެވެ. ފަނޑިޔާރުން އިންސާފުން ބޭރުވެ ރިޝްވަތު ހިފައިފާނެ އެވެ. މުއްސަނދިން ބޮޑާވެ މުދާތައް އިސްރާފު ކޮށްފާނެ އެވެ. ނުވަތަ ނިކަމެތިންގެ ހިތްތަކަށް ސަވާރުވެ މުނާފިގުކަން ދައްކައިފާނެ އެވެ. އިލްމުވެރިން އެމީހުންގެ އިލްމު ފޮރުވާފާނެ އެވެ. ނުވަތަ ބާތިލުކަން ކަނޑައެޅިގެން އެނގޭއިރު ވެސް ބާތިލާ އެއްކޮޅަށް ފަތުވާދީފާނެ އެވެ.
ދުނިޔަވީ އުފާތަކާއި ޒީނަތްތަކަށްޓަކައި ޚަބަރު ފަތުރާ މީހުން ދޮގު ޚަބަރުތައް ފަތުރައި މީހުންގެ އަބުރުތައް ކަތިލާފާނެ އެވެ. މެންދުރުގެ އަލިފަދައިން ފާޅުވާ ހަގީގަތްތައް ވެސް ފޮރުވާފާނެ އެވެ. ޅެންވެރިން، ހެޔޮލަފާ މީހުންނަށް ވެސް ހަޖޫ ޖަހާފާނެ އެވެ. ނުވަތަ ނުލަފާ ޖައްބާރުންނަށް ޚުޝާމަދު ކޮށްފާނެ އެވެ. ދުނިޔެއަށްޓަކައި މީސްތަކުން ލޭއޮރުވާފާނެ އެވެ. ހުރުމަތްކަން ލިބިގެންވާ އެއްޗެއްސާއި ކަންކަމުގެ ހުރުމަތް ކަނޑާފާނެ އެވެ. މަތިވެރި އަގުތަކަށް ފައިން އަރާފާނެ އެވެ. ދީނާއި ޝަރަފާއި ވަތަނާއި އަބުރާއި މިނޫންވެސް އިންސާނީ މަތިވެރި ކޮންމެ ސިފައެއްވެސް ދުނިޔެއަށްޓަކައި ދުނިޔޭގެ އުފާތަކާއި ޝަހުވަތްތަކަށްޓަކައި ވިއްކާލާފާނެ އެވެ.
މިފަދަ ނުބައި އެތައްކަމެއް މި މެދުވެރި ވަނީ ދުނިޔަވީ އުފާތައް ހޯދުމުގައި ހައްދުފަހަނައަޅައި ދެވޭތީ އެވެ. އެހެންވެ ދުނިޔަވީ އުފާތަކުގައި ޣަރަގުވެގެން ނުގޮސް މި ކުރުކުރު ހަޔާތަކީ ތިމާ އެންމެ ކަންބޮޑުވާ ކަންތައް ކަމުގައި ނުވަތަ ތިމާގެ ޢިލްމާއި އުއްމީދުތައް ނިމޭ ހިސާބު ކަމުގައި ނުހެދުން ވަރަށް މުހިންމެވެ. ކީރިތި ރަސޫލާ ﷺ ވަނީ މިކަންކަމުން ސަލާމަތްވުމަށް އެދި ކުރާނެ ދުއާއެއް ވެސް ދަސްކޮށްދެއްވައިފަ އެވެ. އެއީ ހިސާބު ބައްލަވާ ދުވަހަށް އީމާންނުވާ އަދި ﷲ އާ ބައްދަލުވުމަށް އުއްމީދު ނުކުރާ މީހުންގެ ތެރެއިން އަހަރެމެން ވެގެން ނުދިއުމަށްޓަކަ އެވެ. އެހެންކަމުން ދުނިޔަވީ އުއްމީދުތަކާއި ދުނިޔަވީ ލޯތްބަށް ވުރެ ވަރުގަދަ އުއްމީދުތަކަކާއި ލޯތްބެއް އިންސާނާއަށް އެބަ ބޭނުންވެ އެވެ. އެ ލޯތްބަކީ އާޚިރަތް ދުވަސް ދެކެ ލޯބިވުމެވެ. އެ އުންމީދަކީ މާތް ﷲ އާ ބައްދަލު ކުރުމުގެ އުންމީދެވެ. އެކަލާނގެ ރުހިވޮޑިގަތުމާއި ދަރުމައަށް އޮންނަ ދަހިވެތި ކަމެވެ. އެކަލާނގެ ހިސާބު ބެއްލެވުމާއި އުގޫބާތަށް އޮންނަ ބިރުވެރިކަމެވެ. މިފަދަ ލޯތްބަކާއި އުންމީދަކާއި ދަހިވެތި ކަމަކާއި ބިރުވެތި ކަމެއް އިންސާނާ އަށް ލިބިއްޖެ ނަމަ ދުނިޔެ ދެކެ ލޯބިވުމުގެ ނުބައި ބަލިން އިންސާނާއަށް ސަލާމަތް ވެވޭނެ އެވެ.
މިކަމަށް އޮތް މަގަކީ އީމާންކަމުގެ މަގެވެ. އާޚިރަތާ މެދު ޔަގީންކަން ގެނެސްދީ ﷲ ގެ ހަޒްރަތުގައިވާ އެއްޗަކަށް ދަހިވެތިކަން އުފައްދައިދޭނީ މިއީމާންތެރިކަމެވެ. ކީރިތި ޤުރުއާނުގައި މިފަދަ މީހުން ސިފަ ކުރެވިފައިވަނީ މުޙްސިނުން ނުވަތަ ތަޤުވާވެރިންގެ ގޮތުގަ އެވެ. އަލްބަޤަރާ ސޫރަތުގެ ހަތަރުވަނަ އާޔަތާއި އައްނަމްލު ސޫރަތުގެ ތިންވަނަ އާޔަތާއި ލުޤުމާނު ސޫރަތުގެ ހަތަރުވަނަ އާޔަތުން އެނގޭ ގޮތުގައި އެބައިމީހުންނަކީ އާޚިރަތާ މެދު ޔަގީންކަން އޮންނަ މީހުންނެވެ. ނަމަވެސް މިއާ ޚިލާފަށް އުރެދުންތެރިންނާއި މުޖުރިމުންނަކީ ހިސާބު ބެއްލެވުމެއް އޮންނާނެ ކަމަށް އުންމީދު ނުކުރާ އަދި ﷲ ބާވާލެއްވި އާޔަތްތައް ދޮގުކުރާ މީހުންނެވެ. (އައްނަބައު 27-28). ނުވަތަ އަލްމުއްދައްޘިރު ސޫރަތުގައި ބަޔާން ކުރައްވާފައިވާ ފަދައިން ނަމާދު ނުކޮށް މިސްކީނުންނަށް ކާން ނުދީ ބާތިލު ވާހަކަ ދައްކާ އުޅޭ މީހުންނާ އެކު ބާތިލު ވާހަކަ ދައްކާ އަދި ޤިޔާމަތް ދުވަސް ދޮގު ކުރާ މީހުންނެވެ.
ވީމާ، ދުނިޔަވީ އެދުންތަކާއި ޒީނަތްތަކުގެ ކުރިމަތީ ނަފްސު ކޮންޓްރޯލު ކުރުމަށްޓަކައި ﷲ އަށާއި އާޚިރަތް ދުވަހަށް އީމާންވުން ވަރުގަދަވާން ޖެހެ އެވެ. އަލީގެފާނު ވިދާޅުވި ފަދައިން ތިންފަށް ވަރިއަކުން ދުނިޔަވީ އެދުންތައް ވަރި ކުރަން ޖެހެ އެވެ. ނުވަތަ ކީރިތި ރަސޫލާ ﷺ ސިފަ ކުރައްވާ ފަދައިން ދަތުރުވެރިއަކު ވަރުބަލިވެގެން ހިޔާދޭ ގަހެއްގެ ދަށުގައި ކުޑަ ހިނދުކޮޅަކަށް އެކަނި މަޑުކޮށްލާ ފަދައިން ދުނިޔޭގެ ހަޔާތުގައި އުޅެން ޖެހެ އެވެ. މިފަދަ ގޮތަކަށް އުޅޭ މީހަކަށް ދުނިޔަވީ ހަޔާތުގައި ބިރެއް ނެތެވެ. މިފަދަ މީހާ ބިންމަތީ އުޅުނަސް އޭނާގެ ހިތް ވާނީ އުޑާ ގުޅިފަ އެވެ. ދުނިޔެއަކީ މަދިރިއެއްގެ ފިޔައެއްގެ އަގުވެސް ހުރި އެއްޗެއް ކަމަކަށް މިފަދަ މީހާ ނުބަލާނެ އެވެ.
ދުނިޔޭގެ ހަޔާތާ މެދު މި ދެންނެވި ފަދަ ގޮތަކަށް ބެލުމަކީ އެއްވެސް ހާލެއްގައި ދުނިޔަވީ އުފާތަކުން މުޅިން މަހްރޫމު ވުމަށް އޮތް މަގެއް ނޫނެވެ. ދުނިޔެ އާރާސްތުކޮށް ތަރައްގީ ކުރުމަކީ ހަމައެކަނި ކާފިރުންގެ ކަމެއް ނޫނެވެ. އެއީ ހުރިހާ އިންސާނުންނަށް ހަވާލު ކުރެވިފައިވާ އަމާނަތެކެވެ. އުޑުތަކާއި ބިމާއި ފަރުބަދަތަކަށް މިއަމާނާތް ހުށަހެޅުނު ހިނދު އެތަކެތި އެ މަސްއޫލިއްޔަތުން ދުރުވެގަތް ނަމަވެސް އިންސާނާ އެ އުފުލި އެވެ. (އަލްއަޙްޒާބު 72). މިހެންވެ ދުނިޔެ އާރާސްތު ކުރަން ﷲ އަންގަވަ އެވެ. ބިމުގެ އެތަން މިތަނުގައި ފެތުރި ދިއުމަށް އަންގަވަ އެވެ. އެތަނުން ﷲ ދެއްވާ ރިޒުގު ހޯދަން މަސައްކަތް ކުރަން އަމުރު ކުރެ އެވެ. އޭގެ ތެރެއިން ހަލާލު ރަނގަޅު ތަކެތި ކައިބޮއެ ހަދަން ހުއްދަ ދެ އެވެ. އާޚިރަތަށްޓަކައި މަސައްކަތް ކުރިއަސް ދުނިޔެ އިން ލިބެންވީ ނަސީބުގެ މަތިން ހަނދާން ނައްތާނުލަން އިރުޝާދު ދެ އެވެ.
ވީމާ ދުނިޔަވީ އުފާތަކާއި ލައްޒަތުތައް ހޯދުމުގައި އިސްލާމްދީން ކަނޑައަޅާފައިވާ މިންތަކުގައި ހިފަހައްޓަން ނަފްސު ކޮންޓްރޯލު ކުރަން ޖެހެ އެވެ. އިސްލާމް ދީން އިންކާރު ކުރަނީ މިކަމުގައި އިންސާނާ ހައްދުފަހަނަޅައި ދިއުމެވެ. އެއީ އެގޮތަށް ހައްދުފަހަނަޅައި ދިއުމުން ލިބޭ ގެއްލުންތަކުން މުޅި އިންސާނިއްޔަތު ސަލާމަތް ކުރުމަށްޓަކަ އެވެ.