ފައިނަލުގެ ފުރަތަމަ ޖާގަތައް ޖޮކޮވިޗާއި އޮސާކާ އަށް
ފައިނަލުގެ ފުރަތަމަ ޖާގަތައް ޖޮކޮވިޗާއި އޮސާކާ އަށް

މެލްބަން (ފެބްރުއަރީ 19) - އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ފިރިހެން ސިންގަލްސް ފައިނަލުގެ ފުރަތަމަ ޖާގަ ސާބިއާގެ ނޯވަކް ޖޮކޮވިޗް ހޯދިއިރު، އަންހެން ބައިގެ ސެމީ ފައިނަލުގައި ތަޖުރިބާކާރު ސެރީނާ ވިލިއަމްސް ބަލިކޮށް ޖަޕާނުގެ ނައޯމީ އޮސާކާ ފައިނަލަށް ދަތުރުކޮށްފި އެވެ.

ސެރީނާގެ މައްޗަށް އިއްޔެ ކުޅުނު ސެމީ ފައިނަލުގައި ނައޯމީ ކުރިހޯދީ 6-3، 6-4 އިންނެވެ. ގްރޭންޑް ސްލޭމް ފައިނަލެއްގައި މިހާތަނަށް ބަލިވެފައިނުވާ ނައޯމީ މާދަމާ ކުޅޭ ފައިނަލުގައި ބައްދަލުކުރާނީ ޖެނިފާ ބްރޭޑީއާ އެވެ، ޖެނިފާ ފައިނަލުން ފުރުސަތު ހޯދީ ސެމީގައި ކެރޮލީނާ މުޗޯވާ ބަލިކުރުމަށް ފަހު އެވެ. ނައޯމީ އާއި ބްރޭޑީ ވަނީ 2020 ވަނަ އަހަރުގެ ޔޫއެސް އޯޕަން ސެމީ ފައިނަލުގައި ވާދަކޮށްފަ އެވެ. އެ މެޗުން މޮޅުވީ ނައޯމީ އެވެ.

ނައޯމީ ބުނީ މެޗުގެ ނަތީޖާ އިން ފެންނަނީ ސެރީނާ އަތުން އޭނާ އަށް ހޯދުނީ ފަސޭހަ މޮޅެއް ކަމުގައި ކަމަށާއި އެހެން ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށެވެ.

"ވަރަށް އުނދަގޫ މެޗެއް މިއީ. ސެރީނާއާ ދެކޮޅަށް އެއްވެސް މެޗެއް ފަސޭހައެއް ނުވާނެ. އަހަރެން ވަރަށް ވިސްނުންތެރިކަމާ އެކު ކުޅުނީ. އެއީ އެންމެ މިސްޓޭކެއް ހެދުނަސް ސެރީނާ ވަރަށް ރަނގަޅަށް ފައިދާނަގާނެ. އެ ފުރުސަތު ނުދީ ކުޅުމުން ހަގީގަތުގައި ވަރަށް ރަނގަޅު މެޗެއް މި ނިންމާލެވުނީ،" ނައޯމީ ބުންޏެވެ.

މިހާތަނަށް 23 ގްރޭންޑް ސްލޭމް ޓެނިސް މުބާރާތް ކާމިޔާބުކޮށްފައިވާ ސެރީނާ އަށް މި މުބާރާތް ނިމުމުން ކުރީގެ ކުޅުންތެރިޔާ މާގަރެޓް ކޯޓް 24 ގްރޭންޑް ސްލޭމް ޗެމްޕިއަން ހޯދައިގެން ހަދާފައިވާ ރެކޯޑާ ހަމަކުރަން ސެރީނާ އަށް ވަނީ އިތުރު އިންތިޒާރެއް ކުރަން ޖެހިފަ އެވެ.

ސެމީ ފައިނަލުގައި ޖޮކޮވިޗާ ދެކޮޅަށް ކުޅުނީ މުބާރާތުގެ ކޮލިފައިން ބުރުން ފެށިގެން ރަނގަޅު ކުޅުމެއް ދައްކަމުން އައި ރަޝިއާގެ އަސްލާން ކަރަޓްސޭފްއާ އެވެ. އަސްލާން އަތުން އުމުރުން 33 އަހަރުގެ ޖޮކޮވިޗް މޮޅުވީ 6-3 6-4 6-2 އިންނެވެ. ދުނިޔޭގެ ރޭންކިންގެ 114 ވަނައިގައި އޮތް އަސްލާންގެ ފަރާތުން މި މުބާރާތުގައި ފެނުނު ހިތްވަރަށް ޖޮކޮވިޗް ވަނީ ތައުރީފުކޮށްފަ އެވެ.

އާދިއްތަ ދުވަހު ކުޅޭ ފިރިހެން ސިންގަލްސް ފައިނަލުގައި ޖޮކޮވިޗް ކުޅޭނެ ކުޅުންތެރިއެއް އެނގޭނީ މިއަދު ކުޅޭ ދެ ވަނަ ސެމީ ފައިނަލަށް ފަހު އެވެ. ދެ ވަނަ ސެމީގައި ކުޅެނީ ރަފައެލް ނަޑާލް ކަޓުވާލުމަށް ފަހު ސެމީން ފުރުސަތު ހޯދި ސްޓެފާނޯސް ސިޓްސިޕާސް އާއި ރަޝިއާގެ ޑެނީލް މެޑްވެޑޭވް އެވެ.