18 ފެބުރުއަރީ 2021 - 21:55

ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރަށް އެދުމުގެ ބާރު ޕްރޮސެކިއުޓާ ޖެނެރަލަށް ނެތް ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމާ އެކު ގާނޫނަށް އިސްލާހު ގެންނަން އެޓާނީ ޖެނެރަލާ މަޝްވަރާ ކުރައްވާނެ ކަމަށް ޕީޖީ ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.
ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުގެ ޕާސްޕޯޓް ދައުލަތުގެ އެދުމަކަށް ކްރިމިނަލް ކޯޓުން ހިފަހައްޓައި، ފުރުން މަނާކުރި މައްސަލާގައި ސުޕްރީމް ކޯޓުން މިއަދު ހުކުމްކުރީ އެފަދަ އަމުރަކަށް އެދުމުގެ ބާރު ޕީޖީއަށް ނެތް ކަމަށެވެ. އަދި ކޯޓުގައި ހިނގާ މައްސަލައަކާ ގުޅިގެން ވިޔަސް، ފުރުން މަނާ ކުރުމުގެ އަމުރަކަށް އެދެވޭނީ ތަހުގީގީ އިދާރާތަކަށް އެކަނި ކަމަށް އެ ހުކުމުގައިވެ އެވެ.
އެ ހުކުމާ ގުޅިގެން ޕީޖީ ޝަމީމް މިރޭ ކުރެއްވި ޓްވީޓެއްގައިވަނީ ސުޕްރީމް ކޯޓުގެ ހުކުމަށް އިހްތިރާމް ކުރައްވާ ކަމަށާއި އަމަލީ ގޮތުން ދިމާވާ ދަތިތައް ހައްލު ކުރަން ގާނޫނަށް އިސްލާހު ގެނެވޭތޯ ބަލަން އެޓާނީ ޖެނެރަލާ މަޝްވަރާ ކުރައްވާނެ ކަމަށެވެ.
ސުޕްރީމް ކޯޓުން ނިންމީ ޖިނާއީ އިޖްރައާތުގެ ގާނޫނުގެ 75 ވަނަ މާއްދާގައި ބުނާ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރަށް އެދެވޭނީ ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ކަމަށް އެ މާއްދާގައި ބުނާއިރު އޭގެ ތެރޭގައި ޕީޖީ އޮފީސް ނުހިމެނޭ ކަމަށެވެ. އަދި ކޯޓުގައި ހިނގާ މައްސަލައަކަށް ވިޔަސް އެފަދަ އަމުރެއް ބޭނުންވާ ނަމަ ޕީޖީން ޖެހޭނީ ތަހުގީގީ އިދާރާ މެދުވެރިކޮށް އެފަދަ އަމުރެއް ކޯޓުން ހޯދަން ކަމަށް އެ ހުކުމުގައިވެ އެވެ.
މީގެކުރިން ކޯޓުތަކުގައި ހިނގާ މައްސަލަތަކުގައި ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރު ނެރެނީ ޕީޖީން އެދިގެންނެވެ. އެކަމަކު އެ އަމުރުތަކުގެ ސައްހަކަމާ މެދު މިހާރު ވަނީ ސުވާލު އުފެދިފަ އެވެ.