"މެސީ އާއި ރޮނާލްޑޯގެ ޖާގަ ފުރާނީ ނޭމާ އާއި ޑީބަލާ"
"މެސީ އާއި ރޮނާލްޑޯގެ ޖާގަ ފުރާނީ ނޭމާ އާއި ޑީބަލާ"

މިއުނިކް (ނޮވެމްބަރު 10) – އާޖެންޓީނާގެ ލިއޮނަލް މެސީ އާއި ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ ނެތްތަން ފޫބެއްދޭނެ ފެންވަރު ބްރެޒިލްގެ ނޭމާ އާއި އާޖެންޓީނާގެ ޕައުލޯ ޑީބަލާގެ ކިބައިގައި އެބަހުރި ކަމަށް ބަޔާން މިއުނިކުގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފި އެވެ.

މިދިޔަ 10 އަހަރު ދުނިޔޭގެ ފުޓްބޯޅަ ޑޮމިނެޓްކޮށްފައިވާ ދެ ކުޅުންތެރިން ކަމަށްވާ ރޮނާލްޑޯ އާއި މެސީގެ ކެރިއަރުގެ ފަހުކޮޅަށް އެޅިފައިވާއިރު މި ދެ ކުޅުންތެރިންގެ ބަދަލުގައި ކުރިމަގުގައި ފުޓްބޯޅަ ޑޮމިނޭޓްކުރާނީ ކޮން ކުޅުންތެރިންތަކެއްތޯ މިހާރު އަންނަނީ ވާހަކަދެކެވެމުންނެވެ.

އަންޗެލޮޓީ ބުނީ މެސީ އާއި ރޮނާލްޑޯ މަންޒަރުން ބޭރުވުމުން އެ ހުނަރު ދެން ދައްކާނީ ބާސެލޯނާ އަށް ކުޅޭ ނޭމާ އާއި ޔުވެންޓަސްގެ ޑީބަލާ ކަމަށެވެ.

"ކުރިއަށް އޮތް 10 އަހަރު ޑީބަލާ އަށް ޔުވެންޓަސްއާ އެކު ތާރީހު ލިޔެވޭނެ. އޭނާ އަކީ ވަރަށް ތަފާތު ކުޅުންތެރިޔެއް. އޭނާއާ އިތުރު އެއްވެސް ކުޅުންތެރިޔަކާ އަޅާކިޔޭކަށް ނެތް. މެސީ އާއި ރޮނާލްޑޯގެ ޖާގަ ނޭމާ އާއި ޑީބަލާ އަށް ފުރޭނެ،" އޭސީ މިލާނާއި ރެއާލް މެޑްރިޑާ އެކު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާ އަންޗެލޮޓީ ބުންޏެވެ.

އުމުރުން 29 އަހަރުގެ މެސީ އާއި އުމުރުން 22 އަހަރުގެ ޑީބަލާގެ ކުޅުން އެއްގޮތް ކަމަށް ގިނަ ބަޔަކު ބުނެ އެވެ. ބާސެލޯނާ އިން ވެސް އަންނަނީ ޑީބަލާ ގަތުމަށް މަސައްކަތްކުރަމުންނެވެ. އަނެއްކޮޅުން އުމުރުން 24 އަހަރުގެ ނޭމާ އަންނަނީ މިހާރު ވެސް ބާސެލޯނާގައި މޮޅު ކުޅުމެއް ދައްކަމުންނެވެ.