18 ފެބުރުއަރީ 2021 - 20:05

ޕާސްޕޯޓް ހިފަހައްޓައި، ފުރުން މަނާކުރުމުގެ އަމުރަށް އެދުމުގެ ބާރު، ޖިނާއީ އިޖުރާއަތުގެ ގާނޫނު އޮތް ގޮތުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ލިބިގެންނުވާ ކަމަށް ސުޕްރީމް ކޯޓުން މިއަދު ކަނޑައެޅުމާ އެކު، ޕާސްޕޯޓް ހިފަހައްޓަން ކުރިން ނެރެފައިވާ ބައެއް އަމުރުތަކާ މެދު ސުވާލު އުފެދިއްޖެ އެވެ.
ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިިހާދުގެ ފުރުން މަނާކޮށް، ޕާސްޕޯޓް ހިފަހައްޓަން ކްރިމިނަލް ކޯޓުން އަމުރު ނެރުނީ ދައުލަތުން އެދިގެންނެވެ. އެ އަމުރު ހައި ކޯޓުން ބާތިލް ކުރި މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން ސުޕްރީމް ކޯޓުން ވެސް ނިންމީ ހައި ކޯޓުގެ ނިންމުން ރަނގަޅު ކަމަށެވެ.
ޖިނާއީ އިޖްރައާތުގެ ގާނޫނުގެ 75 ވަނަ މާއްދާ ބުނާ ގޮތުން ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރަކަށް ކޯޓެއްގައި އެދެވޭނީ ގާނޫނު ތަންފީޒުކުރާ އިދާރާތަކަށެވެ. ތަހުގީގު މަރުހަލާގައި ޕާސްޕޯޓް ހިފަހައްޓަން އެދެނީ ތަހުގީގީ އިދާރާތަކުން ކަމަށް ވިޔަސް، ކޯޓަށް މައްސަލަަ ހުށަހެޅުމަށް ފަހު، ޕާސްޕޯޓް ހިފަހައްޓަން މިހާތަނަށް އެދެނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުންނެވެ. ޕީޖީ އޮފީހުން އެކަމަށް އެދުމުން ކޯޓުތަކުން އަމުރު ނެރެދީފައިވެ އެވެ.
ޖިންސީ ގޯނާގެ ދައުވާތަކެއް ކޮށްފައި ވަނިކޮށް ދާދިފަހުން ރާއްޖެ ބޭރަށް ވަޑައިގެންފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓް ކުރިން ހިފަހައްޓާފައި އޮތީ ވެސް ޕީޖީން އެދިގެންނެވެ. އެ އަމުރު ކްރިމިނަލް ކޯޓުން ދާދިފަހުން ބާތިލްކުރީ އޭނާގެ ސިއްހީ ފަރުވާއަށް ކަމަށް ބުނެ އެވެ. އަދި ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ކުރީގެ ލީޑަރު އަހުމަދު ނިހާނަށް ކުރާ ރިޝްވަތުގެ ދައުވާތަކާ ގުޅިގެން ޝަރީއަތް ނިމެންދެން އޭނާގެ ޕާސްޕޯޓް މިދިޔަ ހަފުތާގައި ކޯޓު އަމުރަކުން ހިފެހެއްޓީ ވެސް ޕީޖީން އެދިގެންނެވެ.
ސުޕްރީމް ކޯޓުން މިއަދު ޖިހާދުގެ މައްސަލާގައި ކުރި ހުކުމުގައިވާ ގޮތުން އެފަދަ އަމުރަކަށް ކޯޓުގައި އެދުމުގެ ބާރު ޕީޖީ އޮފީހަކަށް ނެތެވެ. ހުކުމުގައިވަނީ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރަކަށް ކޯޓެއްގައި އެދެވޭނީ ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ކަމަށް ޖިނާއީ އިޖްރައާތުގެ ގާނޫނުގެ 75 ވަނަ މާއްދާ ބުނާއިރު، ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ މާނައިގެ ތެރޭގައި ޕީޖީ އޮފީސް ނުހިމެނޭނެ ކަމަށެވެ. އެހެންވެ، ކޯޓުގައި ހިނގާ މައްސަލަތަކުގައި ވެސް އެފަދަ އަމުރު ހޯދަން ޖެހޭނީ ތަހުުގީގީ އިދާރާތައް މެދުވެރިކޮށް ކަމަށް އެ ހުކުމުގައިވެ އެވެ.
"ޝަރީއަތުގެ މަރުހަލާގައިވާ ޖިނާއީ މައްސަލަތަކުގައި ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން މީހެއްގެ ޕާސްޕޯޓް ހިފަހައްޓަން ޖެހިއްޖެ ކަމުގައި ފެނިގެން ޖިނާއީ އިޖްރައާތުގެ ގާނޫނުގެ 75 ވަނަ މާއްދާގެ ހ. ގައި ބަޔާންކުރާ ދެ ރުކުން ފުރިހަމަވާ ނަމަ، ގާނޫނުގައި ކަނޑައަޅާފައިވާ އުސޫލުތަކުގެ ތެރެއިން ޕާސްޕޯޓް ހިފެހެއްޓުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް އެ މައްސަލައެއް ތަހުގީގުކުރި ގާނޫނު ތަންފީޒުކުރާ އިދާރާއަކަށް އެންގިދާނެ" ކަމަށް އެ ހުކުމުގައިވެ އެވެ.
ކޯޓުގައި ހިނގަމުންދާ މައްސަލަތަކުގައި ތަހުގީގީ އިދާރާތަކުގެ ސީދާ ދައުރެއް ނޯވެ އެވެ. އެހެންވުމުން ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރަށް އެދުމުގެ ފުރުސަތު ޕީޖީއަށް ނުލިބޭ ގޮތަށް މާނަކޮށްފި ނަމަ، ކޯޓުގައި މައްސަލަަ ހިނގަމުން ދަނިކޮށް މީހުން ފިލައިގެން ދިއުމުގެ ބިރު އޮންނާނެ ކަމަށް ޕީޖީ އޮފީހުން ސުޕްރީމް ކޯޓުގައި ބުނެފައިވެ އެވެ.
އެކަމާ ގުޅިގެން ހުކުމުގައިވަނީ އެ ހާލަތުގައި އޮތް ހައްލަކީި ތަހުގީގީ އިދާރާތައް މެދުވެރިކޮށް ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރަކަށް ކޯޓުގައި އެދުން ކަމަށެވެ. އަދި ވަކި ގޮތަކަށް ކަމެއް ކުރަން ޕީޖީ އޮފީހަށް އުނދަގޫ ވުމަކީ ގާނޫނުގައި ނެތްކަމެއް ކުރަން ހުއްދަ ދެވޭނެ ސަބަބެއް ނޫން ކަމަށް ހުކުމުގައިވެ އެވެ.
"ކުރިމަތިވެދާނެ އުނދަގުލަކުން ނުވަތަ އެހެން ވެސް ކަމަކުން މިންޖުވުމުގެ މަގްސަދުގައި ގާނޫނުގެ ހުދޫދުން ބޭރުން އަމަލު ކުރުމުގެ ބާރު އެ އޮފީހަށް އަދި ކޯޓަކަށް ވެސް ލިބިގެން ނުވެ އެވެ. އެކަމުގެ ހައްލު ލިބެދެވޭނީ ގާނޫނު ހެދުމުގެ ބާރު އޮތް ރައްޔިތުންގެ މަޖިލީހަށެވެ." ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި އެ ހުކުމުގައިވެ އެވެ.
މީގެ އިތުރުން އެ ހުކުމުގައިވާ ގޮތުން ޕާސްޕޯޓް ހިފަހައްޓާފައި ނުވަނީސް، ދައުވާލިބޭ މީހަކު ފުރަން ބޭނުންވެގެން ކޯޓުގެ ހުއްދައަށް އެދުނަސް، އޭނާގެ ޕާސްޕޯޓް ހިފަހައްޓަން އެ ހާލަތުގައި އަމުރެއް ނުކުރެވޭނެ އެވެ. އެ ހާލަތުގައި ބަލަން ޖެހޭނީ ފުރުމުގެ ހުއްދަ ދޭން ޖެހޭތޯ ނުވަތަ ނޫންތޯ އެކަނި ކަމަށް ހުކުމުގައިވެ އެވެ. ސަބަބަކީ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރު ނެރުމާއި ފުރުމުގެ ހުއްދަ ހޯދުމަކީ ޖިނާއީ އިޖްރައާތުގެ ގާނޫނު އޮތްގޮތުން ތަފާތު ދެ އިޖްރައާތަކަށް ވާތީ ކަމަށް ހުކުމުގައިވެ އެވެ.
އެ ހުކުމާ ގުޅިގެން ވަކީލަކު ވިދާޅުވީ ޕީޖީން އެދިގެން ކޯޓުތަކުން ނެރެފައި ހުރި ޕާސްޕޯޓް ހިފެހެއްޓުމުގެ ހުރިހާ އަމުރުތަކެއް މިހާރު ބާތިލްވާނެ ކަމަށެވެ. ސަބަބަކީ ޕީޖީ އޮފީހުން އެ އަމުރުތައް ހޯދާފައިވަނީ އެފަދަ ބާރެއް އެ އޮފީހަށް ނެތީސް ކަން ސުޕްރީމް ކޯޓުގެ ހުކުމުން ސާފުވެފައިވާތީ ކަމަށް އެ ވަކީލް ވިދާޅުވި އެވެ.
"ކޯޓުތަކުން އަމިއްލައަށް އިސް ނަގައިގެން ވެސް ޖެހޭނެ މިހާރު އެފަދަ ހުރިހާ އަމުރުތަކެއް ބާތިލް ކުރަން. އަދި ޕީޖީން ވެސް އެދެން ޖެހޭނެ ކޯޓުތަކުގައި އެފަދަ އަމުރުތައް ބާތިލްކޮށްދޭން." ނަން ނުޖަހަން އެދި ވާހަކަ ދެއްކެވި ވަކީލަކު ވިދާޅުވި އެވެ.
މިވަގުތު އެންމެ ބޮޑު މައްސަލައަކަށް އޮތީ ޖިންސީ ގޯނާ އާއި ރޭޕްގެ ބޮޑެތި ދައުވާތަކެއް އުފުލާފައިވާ އަލީ ވަހީދު ބޭސްފަރުވާއަކަށް ކަމަށް ބުނެ ރާއްޖެއިން ފުރަން ހުއްދަ ދިން މައްސަލަ އެވެ. އެ ހުއްދަ ދެއްވި ގާޒީ ހަސަން ސައީދުގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުން ދާއިރު، އަނެއްކޮޅުން ޕީޖީން ވަނީ އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރު ބާތިލްކުރި މައްސަލަ އިސްތިއުނާފް ކޮށްފަ އެވެ.
އަލީ ވަހީދުގެ މައްސަލާގެ ހައި ކޯޓުގެ އިސްތިއުނާފް ޝަރީއަތް ނުފެށެނީސް، މި އައި ސުޕްރީމް ކޯޓުގެ ހުކުމާ އެކު އެ މައްސަލައަށް ވަރަށް ބޮޑު އަސަރެއް ކުރާނެ ކަމަށް ބެލެވެ އެވެ. ސަބަބަކީ އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރު ކުރިން ނެރެފައި އޮތީ ޕީޖީން އެދިގެން ކަމަށްވާތީ އެވެ. މާނައަކީ އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓާފައި އޮތްއޮތުން ވެސް، ސުޕްރީމް ކޯޓުގެ ހުކުމް އޮތްގޮތުން އޭގެ ޒާތުގައި ގާނޫނީ ގޮތުން ބާތިލެވެ.
ގޯސްކޮށް ނެރެފައިވާ އަމުރެއް ކްރިމިނަލް ކޯޓުން ބާތިލް ކުރީ ރަނގަޅަށްތޯ ނުވަތަ ނޫންތޯ އިތުރަށް ބެލޭކަށް ނޯންނާނެ އެވެ. ބާތިލް ކަމެއްގެ މައްޗަށް ތަރުތީބުވާ ކޮންމެ ކަމެއް އޭގެ ޒާތުގައި ބާތިލްވާނެ ކަމަށް ހައި ކޯޓުގެ ކުރީގެ ހުކުމެއްގައި ކަނޑައަޅާފައިވެ އެވެ. އެހެންވެ، އަލީ ވަހީދުގެ އިސްތިއުނާފް މައްސަލަ ހައި ކޯޓުން ދައުލަތަށް ނާކާމިޔާބުވުމުގެ ފުރުސަތު ބޮޑެވެ.
އެކަމާ ގުޅިގެން ޕީޖީ އޮފީހުގެ ބަހެއް އަދި ލިބޭ ގޮތެއް ނުވެ އެވެ.