ބަށި މުބާރާތެެއްގެ ފައިނަލް މެޗެއް ހުއްޓުވަން އަމުރުކުރި މެޖިސްޓްރޭޓަށް ޖޭއެސްސީން ނަސޭހަތް ދެނީ
ބަށި މުބާރާތެެއްގެ ފައިނަލް މެޗެއް ހުއްޓުވަން އަމުރުކުރި މެޖިސްޓްރޭޓަށް ޖޭއެސްސީން ނަސޭހަތް ދެނީ

ގއ. ދާންދޫގައި ބޭއްވި ބަށި މުބާރާތެއްގެ ފައިނަލް މެޗް ކުޅުން ހުއްޓުވަން ކޯޓަކުން އަމުރު ނެރުނު މައްސަލާގައި އެ އަމުރު ނެރުއްވި މެޖިސްޓްރޭޓަށް ނަސޭހަތް ދޭން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

ދާންދޫގައި 2019 ވަނަ އަހަރު ބޭއްވި ގއ. އަތޮޅު ލީގް ޒަމާނީ ބަށިބޯޅަ މުބާރާތް ކުރިއަށް ގެންދިިޔަ ގޮތާ ގއ. ނިލަންދޫ ޓީމުން ހިތްހަމަނުޖެހުމުން އެ މައްސަލަ އެރަށު މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި އެވެ. އެ މައްސަލަ ހުށަހެޅުމުން ފައިނަލް މެޗް ކުޅުން މަޑުޖައްސާލަން އެ ކޯޓުން އަމުރެއް ނެރުނެވެ.

ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައިވަނީ ނިލަންދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް އަބްދުލްމުހުސިން އަބްދުލްހަކީމް އެ ވަގުތީ އަމުރު ފަހު ދެ މަހަށް ވުރެ ގިނަ ދުވަސް ވަންދެން އެ މައްސަލަ ނުނިންމައި ބޭއްވި ކަމަށާއި އެއީ އެތައް ބައެއްގެ ވަގުތު ބޭކާރުވެ، ފަނޑިޔާރުންނާ މެދު އާންމުންގެ އިތުބާރު ގެއްލިދާނެ ކަމެއް ކަމަށެވެ.

އެކަމަކީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ޚިލާފް އަމަލެއް ކަމަށްވާތީ އިސް މެޖިސްޓްރޭޓް އަބްދުލް މުހުސިނަށް ނަސޭހަތް ދިނުމާ އެކު ކޮމިޝަނުން ކަނޑައަޅާ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރަންޖެހޭ ގޮތަށް އެ ކޮމިޝަނުން ނިންމާފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.