ޗައިނާ އިން ލިބުނު ބޮޑު އޮފާއަށް ރޫނީ ނޫނެކޭ ބުނެފި
ޗައިނާ އިން ލިބުނު ބޮޑު އޮފާއަށް ރޫނީ ނޫނެކޭ ބުނެފި

ބެއިޖިން، ޗައިނާ (ނޮވެމްބަރު 10) - މެންޗެސްޓާ ޔުނައިޓެޑް އަދި އިންގްލެންޑްގެ ކެޕްޓަން ވޭން ރޫނީ އަށް ޗައިނާ ސުޕަ ލީގުގެ ބެއިޖިން ގުއޯން އިން ލިބުނު ބޮޑު ހުށަހެޅުމަށް އޭނާ ފުރަގަސްދީފި އެވެ.

ރޫނީ މި ވަގުތު ޔުނައިޓެޑްގެ ކޮންޓްރެކްޓްގައި ހުރީ ހަފްތާ އަކު 300،000 ޕައުންޑަށެވެ. ބެއިޖިން ގުއޯން އިން ހުށަހެޅީ މުސާރައިގެ ގޮތުގައި ހަފްތާ އަކު 400،000 ޕައުންޑް ލިބޭ ހުށަހެޅުމެކެވެ.

ބެއިޖިން ގުއޯންގެ ވެރިޔާ ލުއޯ ނިން ވިދާޅުވީ ރޫނީގެ ޓްރާންސްފާއާ ގުޅޭގޮތުން އޭނާގެ އެޖެންޓް ޕޯލް ސްޓްރެޓްފޯޑާ މަޝްވަރާ ކުރި ކަމަށެވެ.

"ރޫނީގެ ޓްރާންސްފާ ކަންތަކާ އަހަރެމެން އޭނާގެ އެޖެންޓާ މަޝްވަރާ ކުރިން. އެޖެންޓް ވަރަށް ޕޮޒިޓިވްކޮށް ހުރީ. އެކަމަކު ރޫނީ ބޭނުމެއް ނުވި ޔޫރަޕް ދޫކޮށް އަންނާކަށް. އޭނާ ބޭނުންވީ ޔުނައިޓެޑްގައި މަޑުކުރަން،" ލުއޯ ނިން ވިދާޅުވި އެވެ.

ބެއިޖިން ގުއޯން އަކީ ފޯބްސް މެގަޒިންގެ ދިރާސާ އިން ދައްކާ ގޮތުގައި ޗައިނާގެ ދެ ވަނަ އަށް އެންމެ މުއްސަނދި ކްލަބެވެ. އެ ކްލަބްގައި މި ވަގުތު ބިދޭސީ ކުޅުންތެރިންގެ ގޮތުގައި ތިބީ އުޒްބެކިސްތާންގެ އެގޯ ކްރިމެޓްސް އާއި އިގޯ ސޭގީވް ބްރެޒިލްގެ ރާއިފް އަދި ރެނާޓޯ އޮގަސްޓޯ އެވެ.

މި ސީޒަނުގައި ފަހަަކަށް އައިސް ޔުނައިޓެޑް ކުޅުނު ގިނަ މެޗުތަކުގައި ރޫނީ އަށް ފުރަތަމަ އެގާރައިން ފުރުސަތެއް ނުލިބެ އެވެ. އެކަމަކު ޕްރިމިއާ ލީގުގައި އެންމެ ފަހުން ސްވަންސީ ސިޓީ އަތުން ޔުނައިޓެޑް 3-1 އިން މޮޅުވި މެޗުގައި ރޫނީ ވަނީ ފުރަތަމަ އެގާރައިގައި ކުޅެފަ އެވެ.