18 ފެބުރުއަރީ 2021 - 14:46

ސިޑްނީ (ފެބްރުއަރީ 18) - ފޭސްބުކް މެދުވެރިކޮށް އޮސްޓްރޭލިއާގެ ނޫސްތަކުގެ ޚަބަރުތައް ބެލުމާއި ޝެއާކުރުން މަނާކޮށްފި އެވެ.
ފޭސްބުކުން އެ ގޮތަށް ނިންމާފައި ވަނީ އޮސްޓްރޭލިއާގެ ޕާލަމެންޓަށް ހުށަހަޅާފައިވާ "ނިއުސް މީޑިއާ ބާގެއިން ކޯޑް" ގައިވާ ގޮތުން ނޫސް މީޑިއާތަކުގެ ލިޔުންތައް ގޫގުލް އާއި ފޭސްބުކްގައި ހިއްސާކުރާ ނަމަ އެ އެއްޗެހީގެ އަސްލު ވެރި ފަރާތަށް އަގެއް ދޭން ޖެހޭނެ ކަމަށް ހިމަނާފައި ވަނިކޮށެވެ. އެ ގާނޫނު ވަނީ ޕާލަމެންޓުގެ ދަށު ގެއިން އިއްޔެ ފާސްކޮށްފަ އެވެ. މީގެ ބޭނުމެއް ކަމަށް ވަނީ ޓެކް ކުންފުނިތައް ސަރުކާރުން ރެގިއުލޭޓްކުރެވޭ ގޮތަށް އޮތުމެވެ. ގޫގްލް އާއި ފޭސްބުކުން ވަނީ އެ ގާނޫނާ ދެކޮޅަށް މަސައްކަތް ކޮށްފަ އެވެ.
އޮސްޓްރޭލިއާގެ ރައްޔިތުން މިއަދު ހޭލިއިރު ވަނީ ލޯކަލް އަދި ދުނިޔޭގެ ޚަބަރުތަކުގެ ފޭސްބުކް ހުރިހާ ޕޭޖެއް ބްލޮކްކޮށްފަ އެވެ. ސަރުކާރާއި ހެލްތު ދާއިރާގެ ބައެއް ޕޭޖްތައް ވެސް ބްލޮކްކުރި އެވެ. އޮސްޓްރޭލިއާ އިން ބޭރުގައި ތިބި މީހުންނަށް ވެސް އެ ގައުމުގެ ނޫސްތައް ފޭސްބުކް މެދުވެރިކޮށް ބެލޭގޮތް ވަނީ ހުއްޓުވައިފަ އެވެ.
އޮސްޓްރޭލިއާގެ 17 މިލިއަން މީހުން ކޮންމެ މަހަކު ވެސް ފޭސްބުކް ބޭނުން ކުރެ އެވެ. އޮސްޓްރޭލިއާގެ މީޑިއާތަކުން ޑިޖިޓަލް އިސްތިހާރަށް މިހާރު ހޭދަކުރާ ކޮންމެ އޮސްޓްރޭލިއަން 100 ޑޮލަރު (77 އެމެރިކާ ޑޮލަރު) ގެ ތެރޭން 81 އޮސްޓްރޭލިއަން ޑޮލަރު ދަނީ ގޫގަލް އާއި ފޭސްބުކަށެވެ. އެކަމަކު ފޭސްބުކުން ބުނެފައި ވަނީ އޮސްޓްރޭލިއާގެ ޕަބްލިޝަރުންނަށް އާމްދަނީގެ ގޮތުގައި 407 މިލިއަން އޮސްޓްރޭލިއަން ޑޮލަރު ހޯދައިދިނުމަށް މިދިޔަ އަހަރު އެހީތެރިވެދީފައިވާނެ ކަމަށެވެ. އަދި ފޭސްބުކުގައި ޕަބްލިޝްކުރާ ޚަބަރު ކޮންޓެންޓަށް އެ ޕްލެޓްފޯމަށް ލިބެނީ ކުޑަ އެއްޗެއް ކަމަށް ބުނެފައިވެ އެވެ.