ތިމަރަފުށީގައި ޓެރަރިސްޓް ހަމަލާދޭން އުޅުނު މީހުން ޝަރީއަތް ނިމެންދެން ބަންދަށް
ތިމަރަފުށީގައި ޓެރަރިސްޓް ހަމަލާދޭން އުޅުނު މީހުން ޝަރީއަތް ނިމެންދެން ބަންދަށް

ތ. ތިމަރަފުށީގައި ޓެރަރިޒަމްގެ އަމަލުތަކެއް ހިންގަން ރޭވުމުގެ ތުހުމަތުގައި ދައުލަތުން ދައުވާ ކޮޮށްފައިވާ އަށް މީހުން ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

ތިމަރަފުށީގައި އަމިއްލައަށް ބޮމެއް ތައްޔާރުކޮށް، ގޮއްވާލަން ރޭވުމާއި ފަޅު ރަށްރަށަށް ގޮސް ހަނގުރާމައިގެ އުކުޅުތައް ދަސްކުރި ކަމަށް ބުނެ އަދި ތިމަރަފުށީގެ ބައެއް ގޭގޭގައި ހަރުކަށި ފިކުރަށް ހިތްވަރު ލިބޭ ފަދަ ކްލާސްތައް ހިންގި ކަމަށް ބުނެ ދައުލަތުން ދައުވާ ކުރަނީ ތިމަރަފުށީ ފެހިވިދުވަރު، އަބްދުﷲ ޝަރީފާއި އެރަށު ކެނެރީގޭ އަލީ މުނީޒާއި އެރަށު އަސުރުމާގޭ މުހައްމަދު އާސިރާއި އެރަށު ސައިމާ، ސަމާމު ޝަރީފްގެ އިތުރުން ރ. މަޑުއްވަރީ ބީޗްހައުސް އަބްދުﷲ އިމާދާއި ރ. ކަނދޮޅުދޫ ފެހިިވިލާ، އަލީ އަދުހަމް މުހައްމަދު އަދި ނ. ކުޑަފަރީ ރޯޒްމީޑް، އިބްރާހިމް ލޫތުގެ މައްޗަށެވެ.

އެ މީހުންގެ މައްޗަށް ގިނަ ދައުވާތަކެއް ދައުލަތުން ކުރެ އެވެ. އެއީ ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ދައުވާ އާއި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ ކަން ހާމަކުރާ ލިޔުމެއް ގެންގުޅުމުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ކުރަން ހިތްވަރު ދިނުމުގެ ދައުވާ ވެސް ކުރެ އެވެ.

މީގެ އިތުރުން ޓެރަރިސްޓް ޖަމާއަތެއްގެ މެމްބަރަކަށް ވުމުގެ ދައުވާ އާއި ހަނގުރާމައަށް ދާން އުޅުމުގެ ދައުވާ އާއި އަދުލު އިންސާފު ގާއިމް ކުރަން އުޅުމުގެ ދައުވާ އާއި އޮރިޔާންކާޑު ގެންގުޅުމުގެ ދައުވާގެ އިތުރުން މުދަލަށް ގެއްލުން ދިނުމުގެ ދައުވާ ވެސް އޭގެ ތެރެއިން ބައެއް މީހުންނަށް ދައުލަތުން ކުރެ އެވެ.

އެ މައްސަލާގައި ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންދިޔައީ އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމުގެ މަޖިލީހެވެ. ކޯޓުން ނިންމީ އެ މީހުން ދޫކޮށްލައިފިި ނަމަ މުޖްތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެތީ އެ އެންމެން ވެސް ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އައިއެސް އާއި އޭގެ ތެރެއިން ބައެއް މީހުންނާ ގުޅުން އޮވެ އެވެ. އަދި ތިމަރަފުށީި ސްކޫލްގެ ލެބޯޓްރީ ގޮއްވާލަން އެ މީހުން ރޭވި ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.