18 ފެބުރުއަރީ 2021 - 12:26

ގާޒާ (ފެބްރުއަރީ 18) - ފަލަސްތީނަށް ފޮނުވާ ކޮރޯނާވައިރަހުގެ ވެކްސިންގެ ޝިޕްމަންޓްތަކަށް އިޒްރޭލުން ހުރަސް އެޅުމަށް ފަހު، ފަލަސްތީނަށް އެންމެ ފަހުން ވެކްސިންގެ ބެޗެއް ލިބިއްޖެ އެވެ.
ރަޝިޔާގައި އުފައްދާފައިވާ ސުޕުޓްނިކް ވީ ވެކްސިންގެ 2،000 ޑޯޒް އިއްޔެ ވަނީ ގާޒާ އަށް ލިބިފަ އެވެ. ފަލަސްތީނުން ހިފާފައިވާ ބިންތަކުގެ މަދަނީ ހުރިހާ ކަމެއް ހިންގަނީ އިޒްރޭލް ސިފައިންގެ ބެލުމުގެ ދަށުންނެވެ. ފަލަސްތީނަށް ކަނޑު މަގުން އެތެރެކުރާ މުދާ ވެސް ދޫކުރަނީ އިޒްރޭލުން ފާސްކުރުމަށް ފަހު އެވެ.
ހުޅަނގު އައްސޭރީގެ ކޮންޓްރޯލް ފަލަސްތީން އޮތޯރިޓީ (ޕީއޭ)ގެ ފަތަހަ ޖަމާއަތަށް އޮންނަ އިރު ގާޒާގެ ކަންކަން ހިންގަނީ ހަމާސް ޖަމާއަތުންނެވެ.
ފަލަސްތީނަށް ލިބިފައި ވަނީ ރަޝިޔާ އިން ހަދިޔާކުރި ވެކްސިނެވެ. ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނީ ފުރަތަމަ ލިބުނު ވެކްސިން ބޭނުން ކުރާނީ އައިސީޔޫގައި މަސައްކަތްކުރާ ސިއްހީ އޮފިޝަލުންނަށް ޖަހަން ކަމަށެވެ.
ފަލަސްތީނަށް ލިބޭ ވެކްސިނަށް އިޒްރޭލުން ހުރަސް އެޅުން ހުއްޓުވުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އަށް ޕީއޭ އިން ވަނީ ގޮވާލައިފަ އެވެ.
ކޮވެކްސް ޕްރޮގްރާމުން ލިބޭ ވެކްސިންގެ އިތުރުން ފަލަސްތީނުން ވަނީ އެކި ކުންފުނިތަކަށް ދެ މިލިއަން ޑޯޒުގެ ވެކްސިނަށް އޯޑަރުދީފަ އެވެ.
ފަލަސްތީނުން މިހާތަނަށް ވަނީ 170,527 މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ 1،948 މީހުން މަރުވެފަ އެވެ.